ފަހުން އަނބުރާ ދައްކާގޮތަށް، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ނެންގެވި 29 މިލިއަން ރުފިޔާގެ ބަދަލު ހޯދުމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފިއެވެ.
ޖާބިރު މައުމޫންއާ ދެކޮޅަށް ދައުވާ ކުރަނީ ނިމިދިޔަ ރިޔާސީ އިންތިހާބުގެ ތެރޭގައި އަނބުރާ ދައްކަވާ ގޮތަށް އޭނާގެ އަތުން ރައީސް މައުމޫން 29 މިލިއަން ރުފިޔާ ނަންގަވައި އެ ފައިސާ ފަހުން ނުދައްކަވާ ކަމަށް ވިދާޅުވެ އެވެ. ނަމަވެސް އެ ވާހަކަތައް ރައީސް މައުމޫން ވަނީ ދޮގު ކުރައްވައިފަ އެވެ. ޖާބިރު ސިވިލް ކޯޓަށް ހުށަހަޅުއްވާފައިވަނީ 29 މިލިއަން ރުފިޔާގެ ބަދަލުގައި ކިނބިގަސްދަށުގެ ހޯއްދެވުމަށެވެ.
ރައީސް މައުމޫން، ޖާބިރުގެ އަތުން ނެންގެވި ކަމަށް ބުނާ 29 މިލިއަން ރުފިޔާއަށް މައާފު ކުރައްވާފައިވާކަމަށް ވެސް ޖާބިރު އިއުލާނު ކުރެއްވިއެވެ.
ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި ޖާބިރު ވިދާޅުވެފައިވަނީ، ލިބެންޖެހޭ ފައިސާތަކެއް ނުލިބި ހުުރުމުގެ ސަބަބުން ވިޔަފާރިއަށް ދަތިތަކެއް ވަމުންދާ ކަމަށެވެ. ވިޔަފާރިން ލިބެންޖެހޭ އެއްވެސް މަންފާއެއް ނުލިބުމާއި އެކު، ކުރަންޖެހޭ އެތައް ވިޔަފާރިއެއް މަޑުޖެހިފައިވާކަމަށް ޖާބިރު ހުށަހެޅުއްވި މައްސަލައިގައި ވެއެވެ.
ޖާބިރު ވިދާޅުވީ، އެކި ގޮތްގޮތުން އޭނާއަށް ގެއްލުންތަކެއް ވަމުންދާއިރު، އެ ގެއްލުންތައް ދުވަހުން ދުވަހަށް ބޮޑުވަމުންދާ ކަމަށެވެ. އެހެން ކަމުން ބަދަލުގައި މައުމޫނުގެ ގެކޮޅު ކިނބިގަސްދޮށުގެ ބަދަލުގެ ގޮތުގައި ނަގައިދިނުމަށް ސިވިލް ކޯޓުގައި ޖާބިރު ވަނީ އެދިވަޑައިގެންފަ އެވެ.
ރައީސް މައުމޫން، ޖާބިރު އަތުން ނެންގެވިކަމަށް ބުނާ 29 މިލިއަން ރުފިޔާއާއި ގުޅޭގޮތުން ހެއްކެއްގެ ގޮތުގައި ލިޔެކިޔުމުގެ އެއްބަސްވުމެއްގައި ސޮއިކުރެވިފައެއް ނެތެވެ. އެފަދަ ލިޔެކިޔުމެއް ފެންނަން ނެތް ނަމަވެސް، ޖާބިރު ވަނީ މުއާމަލާތް ހިންގާފައިވަނީ އެތައް ބައެއްގެ ހާޒިރުގައިކަން ވަނީ ފާހަގަކުރައްވާފައެވެ. ޖާބިރު ވަނީ، ފައިސާގެ މުވާމަލާތެއް ހިނގާފައިވާކަން ސާބިތު ކުރުމަށްޓަކައި އެކަމުގެ ހެކީންގެ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އާއި، ޖާބިރުގެ އަނބިކަބަލުން ދިޔާނާ ސައީދު އަދި އެއްބަނޑު އެއްބަފާ ދައްތަ މަރިޔަމް ޝަބީބާގެ ނަން ހުށަހަޅުއްވާފައެވެ.
މި ނަންތައް ހުށަހަޅުއްވާ ޖާބިރު ވަނީ، ރައީސް މައުމޫން އެއްވެސް އިރެއްގައި ހެކިންނާއި ގުޅޭގޮތުން އޭނާ ދެއްކެވި ވާހަކައެއް އިންކާރު ކުރައްވާފައި ނުވާ ކަމަށެވެ. އަދި ލިއުމަކުން އެއްބަސްވުމެއް ނެތުމުން ފައިސާ އަނބުރާ ދައްކަން ޖެހިވަޑައިނުގަންނަވާނެ ކަމަށް މައުމޫން ގަބޫލުފުޅު ކުރެއްވިޔަސް ހެކިންގެ ހެކިބަހުން އެކަން ސާބިތުވާނެ ކަމަށް ޖާބިރުގެ މައްސަލާގައިވެ އެވެ.
ޖާބިރު ވިދާޅުވީ، ރިޔާސީ އިންތިޚާބުގެ ތެރޭގައި 29 މިލިއަން ރުފިޔާ މައުމޫނަށް ދެއްވީ ލޯނެއްގެ ގޮތުގައި އަނބުރާ ދައްކަވާ ގޮތަށް އިންޓަރެސްޓް ވެސް އަރާ ގޮތަށް ކަމަށެވެ. ފައިސާ ދިނުމާ ގުޅޭ މަޝްވަރާތައް ބޭއްވީ މެލޭޝިއާގެ ވެރިރަށް ކުއާލަލަމްޕޫރުގައި ހުންނަ ހޮޓެލްއެއްގައި ބޭއްވި ބައްދަލުވުމެއްގެ ތެރެއިންކަމަށް ވެސް ޖާބިރު ވިދާލުވިއެވެ.

