މާލޭ ހުކުރު މިސްކިތުގެ މުންނާރު ސާފުކުރުމުގެ މަސައްކަތް ރައީސުލްޖުމްޙޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު ފައްޓަވައިދެއްވައިފިއެވެ.
އެ މަސައްކަތް ފައްޓަވައިދެއްވުމަށްފަހު ރައީސް ވަނީ މުންނާރުގެ މަސައްކަތާއި އަދި ފެންވަޅުތަކުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލައްވާފައެވެ.
މުންނާރު ސާފުކުރުމުގެ މަސައްކަތް ފައްޓާފައި މިވަނީ މުންނާރުގައި ފެހި ޖަހާ ވަރަށް ބޮޑަށް ހަޑިވެފައިވަނިކޮށެވެ. އެކަމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ހެރިޓޭޖް މިނިސްޓްރީއަށް ވަނީ އަމާޒުވެފައެވެ.
https://twitter.com/Lucasjalyl/status/1202092185178513408
ހެރިޓޭޖުން ބުނީ މުންނާރު އާބާތުރަފިލުވުމުގެ މަސައްކަތް ނުކުރެވި ލަސްވީ އެކަމަށް މޫސުން ތަންނުދޭތީ ކަމަށެވެ. ފާއިތުވި ދުވަސްތަކުގައި މުޅި ރާއްޖެއަށް ކުރި ވިއްސާރައިގައި މެދުރާއްޖެތެރެއަށް ވަނީ ބޯކޮށް ވާރޭ ވެހިފައެވެ.
މުންނާރު ދޮވެ، ސާފުކޮށް އާބާތުރަ ފިލުވުމަށް އެ މަރުކަޒުން ކުރަމުން އައި މަސައްކަތްތަކުގެ އިތުރުން، ހުކުރު މިސްކިތުގެ ހަރިންމަ ތެރޭގައި ހުރި ހަތަރު ފެންވަޅެއް ސާފުކުރުމުގެ މަސައްކަތް ކުރުމަށް ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުން ވަނީ ސްޓެލްކޯއަށް ހަވާލުކޮށްފައެވެ.
https://twitter.com/STELCOMALDIVES/status/1202093450096775169
ގާތްގަނޑަކަށް 300 އެއްހާ އަހަރު ވެފައިވާ މުންނާރަކީ ހިރިގަލާއި އުވައިން ހަދައި، އުވަ ޖަހާފައިވާ އިމާރާތަކަށް ވާ އިރު، މުންނާރު ރީތި ކުރުމަށްޓަކައި ޒަމާނީ ކުލައާއި ދަވާދު ބޭނުންކުރުމަކީ އިއާދަ ނުކުރެވޭވަރުގެ ގެއްލުންތަކެއް މުންނާރަށް ލިބިދާނެ ކަމެއް ކަމަށް ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުން ބުނެއެވެ.
މުންނާރަށް ރައްކާތެރިކަން ލިބެނީ ހިރިގަލާ އެންމެ ގުޅުންހުރި މާއްދާތައް ބޭނުންކޮށްގެން ކަމަށް ދިރާސާތަކުން ދައްކަތީ، މިހާތަނަށް އެތަނުގައި ޖަހަމުން އައީ އުވަ ކަމަށް އެ މަރުކަޒުން ބުންޏެވެ. އުވައަކީ އިމާތެއްގައި ލުމަށްފަހު އަވި ލިބިގެން ނޫނީ ހިކޭއެއްޗަކަށް ނުވާތީއާއި މުންނާރު ވަރުގެ އިމާރާތެއްގައި އުވަލައި، އާބާތުރަފިލުވުމުވަށްޓަކާ އިމާރާތުގައި ތެއްކަމެއްނެތި އެތަނުގައި ޖަހާ އުވަ ފުރިހަމައަށް ހިކުމަށްޓަކާ ވަގުތު ބޭނުންވާނެ ކަމަށްވެސް ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުން ވަނީ ބުނެފއެވެ.

