މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ބަސް ޑްރައިވަރުން ބަހަށް އަރުވަނީ ހަދަންޖެހޭ ހާއްސަ އެސެސްމެންޓެއް ހެދުމަށްފަހު އޭނާ އެހެރީ ބަސް ދުއްވޭނެ ފަދަ ހާލަތެއްގައިކަން ޔަގީން ކުރުމަށްފަހުގައި ކަމަށް އެ ކުންފުނިން ބުނެފިއެވެ.
އެމްޓީސީސީގެ ބަހަކުން ޖެހި، މިހާތަނަށް 2 ހިތާމަވެރި ހާދިހާއެއް ވަނީ ހިނގާފައެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމިޓީ ސްޓޭޓް އޯންޑް އެންޓަޕްރައިސިސް ކޮމިޓީގައި މެމްބަރުން ވަނީ އެ ހާދިސާތަކަށް ފަހު އެމްޓީސީސީން އަޅާފައިވާ ފިޔަވަޅުތައް އޮޅުން ފިލުވާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީގައި ވާހަކަ ދައްކަވަމުން ކުންފުނީގެ ޓްރާންސްޕޯޓް ޑިޕާޓްމަންޓުގެ އެޗްއޯޑީ މުހައްމަދު ނާޒިމް ވިދާޅުވީ ”ފިޓް ޓު ޑްރައިވް“ ޑެކްލެރޭޝަންއަކީ ޑިއުޓީ ފެށުމުގެ ކުރިން ޑްރައިވަރާއި އޭނާގެ ސުޕަވައިޒަރާއި ދޭތެރޭ ބާއްވާ ބައްދަލުވުމެއް ކަމަށެވެ. އަދި އެ ބައްދަލުވުމުގައި އެމީހާ ޑިއުޓީއަށް ފިޓް ނޫންކަމަށް ފެންނަނަމަ ވެހިކަލްއަށް ނާރުވާނެ ކަމަށެވެ.
ފިޓް ޓު ޑްރައިވް ފޯމު ފުރިހަމަ ކުރުމަށްފަހު ޖެހިގެން އަންނަ ދުވަހު އެ އެސެސް ކުރުމަށްފަހު، މެޝާސްތައް ނަގަމުންދާނެ ކަން ނާޒިމް ފާހަގަކުރެއްވިއެވެ. ނާޒިމް ވިދާޅުވީ، ޑްރައިވަރުން ބަސް ދުއްވާނީ ހަތަރު ގަޑިއިރާއި ތިރީސް މިނެޓުކަމަށް ނިންމާފައިވަނީ ކުންފުނިން އަމިއްލައަށް ކަމަށެވެ. ނާޒިމް ވިދާޅުވީ އެކްސިޑެންތަކަށްފަހު ބޭރު ދުނިޔޭގެ ގައުމުތަކުގައި އަމަލު ކުރަމުން އަންނަ އުސޫލަށް ވެސް ބަލާފައިވާނެ ކަމަށާއި އެއްތަނެއްގެ ތެރޭގައި ކަމަކާއި މަސްއޫލުވެގެން ހުރެ އެތައް ގަޑިއިރެއް ހޭދަ ކުރަންޖެހުމަކީ ފޯކަސް ގެއްލިދާނެ ކަމަށް ގަބޫލު ކުރެވި އެފަދަ އުސޫލެއް ކަމަށައެޅީ ކަމަށެވެ.
ނާޒިމް ފާހަގަ ކުރެއްވި ކަންތަކަށް އިތުރަށް ސުވާލު ކުރައްވާ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަމީމް ވަނީ، ޑަރައިވެރުން ނަގާއިރުގައި އެ ޑްރައިވަރުންނަކީ މާލޭ ސަރައްދުން ޑްރައިވިން ޓެސްޓު ހަދާ ލައިސެންސް ނެންގެވި ފަރާތެއްތޯ ބަލާފައިވޭތޯ ސުވާލު ކުރައްވާފައެވެ. އަދި އެ ލައިސެންސްގައި ބަސް ހިމެނޭ ކެޓަގަރިއަށް އެއްވެސް މިންވަރަކަށް ބަލާފައިވާނެތޯ އާއި އެމީހާގެ ތަޖުރިބާ ބަަލަނީ ކިހިނެއްތީ ސުވާލު ކުރައްވާފައެވެ.

ޝަމީމްގެ ސުވާލަށް ޖަވާބު ދެއްވަމުން ނާޒިމް ވިދާޅުވީ، ޑްރައިވަރުން ނަގަނީ ބަސް ކެޓަގަރީއަށް ބެލުމަށްފަހުގައި ކަމަށެވެ. އަދި ކޮންމެ ޑްރައިވަރަކުވެސް ފުރަތަމަ ތިން މަސް ދުވަހު ހުންނާނީ ޕްރޮބޭޝަންގައި ކަން ފާހަގަކުރައްވާ ނާޒިމް ވިދާޅުވީ އެ މީހާއާއި އެ ވަގުތުން ވަގުތަށް ބަހުގެ ކޮންޓްރޯލް ހަވާލު ނުކުރާ ކަމަށެވެ. އަދި އެ މީހަކު ފުރަތަމަ މަސައްކަތް ކުރަންޖެހޭނީ ސީނިއާ ޑްރައިވަރަކާއި އެކީކަން ނާޒިމް ފާހަގަކުރެއްވިއެވެ. އެއަށްފަހު އޭނާއާއިި ބަސް ހަވާލު ކުރާނީ ފުރިހަމަކުރަންޖެހޭ ޓެސްޓު ފުރިހަމަ ވުމުންކަމަށް ނާޒިމް ވިދާޅުވިއެވެ.
އެ އެސެސްމެންޓާއި ގުޅޭގޮތުން ވާހަކަ ދައްކަވާ، ފެލިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަޒުލް ވަނީ ގަނޑެއްގައި ލިޔެވިފައިވާ ސުވާލުތަކެއް ޑްރައިވަރާއި ކުރުމަކުން އަދި ނުނިމޭކަން ފާހަގަކުރައްވާފައެވެ. އޭނާގެ ފިޓްނެސް ބަލަންޖެހޭ ގޮތަކީ އެއީ ނޫންކަމަށާއި އިތުރު ގޮތްގޮތުން ވެސް އޭނާ ހުރީ ބަސް ދުއްވޭފަދަ ހާލަތެއްގައި ތޯ ބަލަންޖެހޭނެ ކަމަށް ފަޒުލް ވިދާޅުވިއެވެ. އޭގެ ތެރޭގައި މަސްތުވާތަކެއްޗަށް ޓެސްޓު ކުރުމާއި، ފިޓްނެސް އިތުރު ގޮތްގޮތުން ބެލުން ހިމެނެއެވެ. ފަޒުލްގެ ސުވާލަށް، ތާއީދު ކުރައްވާ ކޮމިޓީގެ މުގައްރިރު އަދި އައްޑޫ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ވިދާޅުވީ، ޑަރައިވަރުންގެ މެޑިކަލް އަދި ފިޒިކަލް ޗެކަޕެއް ހެދޭނެ އިންތިޒާމް ހަމަޖެހިފައި ހުންނަން ވާނެކަން އޭނާ ވެސް ގަބޫލު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.
އެ ސުވާލަށް ޖަވާބު ދެއްވައި ނާޒިމް ވިދާޅުވީ، ފިޓް ޓު ޑްރައިވްއަށް ބަލަނީ ހަމައެކަނީ ޑްރައިވަރުގެ ނިދި ހަމަވެފައިވޭތޯ އެކަންޏެއް ނޫން ކަމަށެވެ. އޭގެ ތެރޭގައި، އޭނާ އެއްވެސް ބޭހެއް ކައިފަ ވޭތޯއާއި އަދި އެ ނޫންވެސް ޗެކަޕްތައް ބަލާކަމަށެވެ. މީގެ އިތުރުން ކުންފުނީގެ ސީއީއޯ ހަސަން ޝާހު ވިދާޅުވީ ޑްރައިވަރުން ދައްކާ ވާހަކަތަކަށް ބިނާކޮށް ވަކި ރޭންޖުތަކެއް ވެސް ކަނޑައަޅާ ކަމަށެވެ. އެގޮތުން އެ ކަނޑައަޅާ ރޭންޖުތަކުން އޭނާ ޑިއުޓީއަށް ފިޓް ނަމަވެސް، އިތުރަށް މޮނީޓާ ކޮށް ބަލަންޖެހޭ ކަންތައް އެބަހުރިކަން ކަނޑައެޅުމާއި، އިތުރަށް ބަލަންޖެހޭ ކެޓަގަރީ ވެސް ހިމެނޭ ކަމަށެވެ.
”ދެން އަދި ހުރޭ އިތުރަށް ބަލަންޖެހޭ، އަދި ވަކި ވަރަކަށް ފިޓް ޓު ޓްރެވެލް ފޯމުގެ ސުވާލުތަކަށް ޖަވާބު ދެމުން ދާއިރުގަ އޭނާ ދޭ ޖަވާބުތަކަކުން އެބަ އިނދޭ ބޭންޑެއް ހަމަ އަންފިޓް އޭ އެދުވަހު ޓްރެވެލް ކުރަން. އެގޮތަށް އެސެސް ކުރެވޭ ގޮތަށް މި އިންނަނީ“.
މަޖިލީހުން ފޮނުވާފައިވާ ސިޓީގައި ހޯދުމަށް އެދިފައިވާ މައުލޫމާތުތަކުގެ ތެރޭގައި ބަސް ޑްރައިވަރުންގެ މަސައްކަތުގެ ވަގުތުތައް ބެހިފައިވާ ގޮތް ހޯދުމަށް ވަނީ އެދިފައެވެ. އަދި އޭގެ އިތުރުން ބަހުގެ ސްޕީޑާއި ހާދިސާތަކާއި ގުޚިގެން އަޅާފައިވާ ފިޔަވަޅުތައް އަދި ހާދިސާތައް އިތުރަށް ތަޖުރާރުވިޔަ ނުދިނުމަށް އެޅުމަށް ނިންމާފައިވާ ފިޔަވަޅުތަކުގެ މައުލޫމާތު އޮޅުންފިލުވުން ހިމެނެއެވެ.
ޑްރައިވަރުންގެ މަސައްކަތު ވަގުތާއި ގުޅޭގޮތުން ޝާހު ވިދާޅުވީ ބަސް ޔުނިޓުގެ ޑިއުޓީ ބެހިގެން ވަނީ ތިން ޝިފްޓްއަކަށް ކަމަށެވެ.

