ރައްޔިތުންގެ މަޖިލީހުގައި އޮތް އެމްޑީޕީގެ މެޖޯރިޓީ ބޭނުންކުރަނީ ސިޔާސީ ބަދަލު ހިފުމަށް ކަމަށް ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.
އަންލާން މިފަދައިން ވިދާޅުވީ އޭނާ ކުރެއްވި ޓްވީޓެއްގައެވެ. އެ ޓްވީޓްގައި އަލްހާންވަނީ، ރައްޔިތުންގެ މަޖިލީސް ހިންގާ ގޮތަށް ފާޑު ވިދާޅުވެފައެވެ. އަލްހާން ވިދާޅުވީ ރައްޔިތުންގެ މަޖިލިސް ހިންގާ ގޮތާމެދު ރައްޔިތުންގެ ކަންބޮޑުވުން އެބައޮތްކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގައި އޮތް މެޖޯރިޓީ ބޭނުންކުރަނީ ސިޔާސީ ބަދަލު ހިފުމާ ސިޔާސީ ވެރިންގެ ނުހަމަ ނުފޫޒު ދައުލަތުގެ ނިޒާމުގެ މައްޗަށް ގަދަކުރަންކަމަށް އޭނާ ވިދާޅުވިއެވެ. އަލްހާން ވަނީ މަޖްލިސް ރައީސް ހަމަމަގަށް އެޅުވުން މުހިންމުކަމަށްވެސް ވިދާޅުވެފައެެވެ.
https://twitter.com/AlhanFahmy/status/1202866916848783361
އަލްހާން މިފަދައިން ވިދާޅުވެފައިވާ އިރު މަޖިލީހަށް ލިބިގެން ނުވާ ބާރުތައް މަޖިލީހުން ބޭނުން ކުރާކަމަށް ބުނެ އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންވަނީ އަމާޒުވެފައެވެ. އެގޮތުން ބަލާއިރު، މަޖިލީހުން ސުޕްރީމްކޯޓުގެ ޙުކުމްތަކަށް ފާޑުކިޔުމާއި ކައިރި ކައިރީގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރުމަކީ ތިން ބާރު ވަކިވެފައިވާ ނިޒާމެއްގައި ކުރެވޭނެ ކަންކަން ނޫންކަމަށް އެ ފަރާތްތަކުން ފާހަގަކުރެއެވެ. މަޖިލީހުގައި ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީއަށް ނިސްބަތްވާ 65 މެމްބަރުން ތިބި އިރު، އެ މެޖޯރިޓީ ބޭނުންކުރަނީ ރަނގަޅަށް ނޫންކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.އަދި މިނިވަން މުޢައްސަސާތަކަށް މީހުން އައްޔަން ކުރުމުގައިވެސް ސިޔާސީ އެކްޓިވިސްޓުން އައްޔަންކުރުން ފަދަ ކަންކަން މެދުވެރިވެ އާއްމުންގެ ފާޑުކިޔުންވެސް ވަނީ އަމާޒުވެފައެވެ.

