ރަސްމީ ދަތުރުފުޅެއްގައި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އިންޑިއާއަށް ވަޑައިގަންނަވައިފިއެވެ.
ފޮރިން މިނިސްޓްރީން ވިދާޅުވީ މިނިސްޓަރ ޝާހިދު އިންޑިއާގެ ނިއުދިއްލީއަށް ވަޑައިގަތީ 6 ވަނަ އިންޑިއާ މޯލްޑިވްސް ޖޮއިންޓް ކޮމިޝަން މީޓިންގައި ބައިވެރިވެވަޑައިގަތުމަށް ކަމަށެވ. މި ސަރަހައްދުގެ ޤައުމުތަކާއި ގާތް ގުޅުމެއް ބޭއްވުމަށް ރައީސް އިބްރާޙިމް މުހައްމަދު ސާލިހްގެ ސަރުކާރުން ދަނީ މަސައްކަތްކުރަމުންނެވެ. ޚާއްސަކޮށް މި ޒައާމަތުގައި އިންޑިއާއާއި އެކު ޚާއްސަ ގުޅުމެއް ބާއްވަމުންދާކަން ފާހަގަކޮށްލެވެއެވެ.
އެގޮތުން ދާދި ފަހުން ވަނީ އިންޑިއާ ސަރުކާރާއި ދިވެހި ސަރުކާރާ ދެމެދު މުހިންމު 4 އެއްބަސްވުމެއް ބަދަލުކޮށްފައެވެ. އެއްބަސްވުންތަކުގެ ތެރޭގައި އައްޑޫ ސިޓީގެ 3 ސަރަހައްދެއްގައި ”ގޭދޮށު މަސް ޕްލާންޓް“ ގާއިމުކުރުމުގެ އެއްބަސްވުމަކާއި ރުޕެޔާ ކާޑު ރާއްޖޭގައި ތަޢާރަފުކުރުމާ ބެހޭ އެއްބަސްވުމާއި، މާލޭގެ މަގުބައްތިތައް ލެޑް ބައްތިއަށް ބަދަލުކުރުމުގެ މަޝްރޫއު އިފްތިތާހްކުރުމުގެ އެއްބަސްވުމާއި، އިންޑިޔާއިން ރާއްޖޭގެ ކޯސްޓްގާޑަށް ހަދިޔާކުރާ ކަނޑު އުޅަނދު ރާއްޖެއާ ރަސްމީގޮތުން ހަވާލުކުރުމުގެ އެއްބަސްވުން ހިމެނެއެވެ.
https://twitter.com/MoFAmv/status/1204623791017488384
މީގެ އިތުރުން، ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވަނީ ލަންކާގެ އައު ވެރިންނާއި މިދިޔަ ހަފްތާގެ ތެރޭގައި ބައްދަލުކުރައްވާފައެވެ. ވަކިވަކިނޖް ބޭއްވި މި ބައްދަލުކުރެއްވުންތަކުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހްގެ ފަރާތްޕުޅުން ސްރީލަންކާގެ ރައީސްއަށާ އެޤައުމުގެ ރައްޔިތުންނަށް ހެޔޮ އެދުންތައް މިނިސްޓަރ ޝާހިދު އަރިސްކުރެއްވިއެވެ.
ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުން އިތުރަށް ހަރުދަނާކޮށް، ބަދަހިކުރުމާއި ބެހޭ ގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ. ރައީސް ރާޖަޕަކްސަގެ ވެރިކަމުގައި މިގުޅުން އިތުރަށް ހަރުދަނާވެގެން ދާނެކަމުގެ ޔަޤީންކަން އެބައޮތްކަމަށް މިނިސްޓަރ ޝާހިދު ފާހަގަކުރެއްވިއެވެ. ސްރީލަންކާގެ މިނިސްޓަރ އޮފް ފޮރިން ރިލޭޝަންސް ދިނޭޝް ގުނަވަރުދަނައާއި ބައްދަލުކުރައްވާ ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ދާއިރާއިންނާއި، އެހެނިހެން ދާއިރާތަކުން ދެޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމާއި ގުޅޭ ގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ. އަދި ދެޤައުމުގެ ގުޅުން އިތުރު ހަރުފަތަށް ކުރިއަށް ގުޅިގެން މަސައްކަތްކުރެއްވުމަށް ދެ ބޭފުޅުން އެއްބަސްވެވަޑައިގަތެވެ.
މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ ޝާހިދުގެ އަރިހުގައި ދިވެހިރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އުމަރު އަބްދުއްރައްޒާޤްއާއި ސްރީލަންކާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ޑެޕިއުޓީ ހެޑް އޮފް މިޝަން ޚަދީޖާ ނަޖީހާ ބައިވެރިވެވަޑައިގެންނެވިއެވެ.

