ކޮވިޑް-19ގެ ދުވަސްވަރު ރާއްޖޭގެ އިގްތިސާދު ކޮޅަށް ޖެހި ގޮތުގެ ފޯމިއުލާ ހޯދަން އެދުނު ބޭރު ގައުމުތަކުގެ މައުލޫމާތު ފޯރުކޮށްދޭން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ފޮރިން މިނިސްޓްރީއަށް އެންގި އެންގުން އިސްތިއުނާފުކުރަން ހައިކޯޓަށް ހުށަހެޅުމަށްފަހު ދައުލަތުން އެ މައްސަލަ އަނބުރާ ގެންގޮސްފިއެވެ.
މިދިޔަ ސަރުކާރުގައި އެ މައުލޫމާތު ހޯދަން ފޮރިން މިނިސްޓްރީއަށް އާރްޓީއައި ހުށަހެޅީ އޭރުގެ ނޫސްވެރިޔާ އަދި މިހާރުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާންއެވެ. އަޒާން ފޮރިން މިނިސްޓްރީއަށް ހުށަހެޅުއްވި އާރްޓީއައިގައި އެދިވަޑައިގަތީ، ކޮވިޑްގެ ދުވަސްވަރު ރާއްޖޭގެ އިގްތިސާދު ކޮޅަށް ޖެހި ގޮތުގެ ފޯމިއުލާ ހޯދަން ބޭރު ގައުމުތަކުން ވެސް އެދެމުންދާ ކަމަށް އޭރުގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެފައިވާތީ، އެ ގައުމުތަކަކީ ކޮބައިކަމާއި އެ ގައުމުތަކުގެ ވެރިންނަކީ ކޮބައިކަން ހާމަަކޮށްދިނުމަށެވެ.
އެ މައުލޫމާތު ފޯރުކޮށްދޭން އައިކޮމްއިން އެންގިނަމަވެސް، އެ މައުލޫމާތު ފޯރުނުކޮށްނުދީ 2023 ވަނަ އަހަރުގެ ފަހުކޮޅު ފޮރިން މިނިސްޓްރީން ނިންމީ އައިކޮމްގެ ނިންމުން ހައިކޯޓުގައި އިސްތިއުނާފުކުރާށެވެ. ދައުލަތުން ވަކިވަކިން ދެ އިސްތިއުނާފީ މައްސަލަ ހައިކޯޓަށް ހުށަހެޅި ނަމަވެސް، އެ ދެ މައްސަލަ ވެސް މިހާރު ވަނީ އަނބުރާ ގެންގޮސްފައެވެ.
ހައިކޯޓުން މި ޖުލައި 21 ވަނަ ދުވަހު ނިންމި ނިންމުމުގައި ވަނީ، ބަންޑާރަނައިބުގެ އޮފީހުން މައްސަލަ އިތުރަށް މުރާޖައާކޮށް ބެލިއިރު، އެ މައްސަލަތައް އިތުރަށް ކުރިއަށް ނުގެންދިޔުމަށް ބަންޑާރަނައިބުގެ އޮފީހުން ނިންމާފައިވާތީ، ދައުވާ ފޯމުތައް ބާތިލުކޮށްދިނުމަށް އެދި ޖުލައި 6 ވަނަ ދުވަހު އެ އޮފީހުން ހައިކޯޓަށް ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ. އެހެންކަމުން، ބަންޑާރަނައިބުގެ އޮފީހުން އެދުނު ގޮތަށް އެ މައްސަލައިގެ ދައުވާ ފޯމުތައް ބާތިލުކުރަން ހައިކޯޓުން ނިންމާފައިވެއެވެ.
އެންމެ ފުރަތަމަ ދައުލަތުން ހައިކޯޓަށް ހުށަހެޅުމުން ހައިކޯޓުން ނިންމީ އެ މައްސަލަ ބަލައިނުގަތުމަށެވެ. ދައުލަތުން މައްސަލަ އަލުން ހައިކޯޓަށް ހުށަހެޅީ، އެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުން، ހައިކޯޓަށް މައްސަލަ ހުށަހެޅޭނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުމުންނެވެ.
ފޮރިން މިނިސްޓްރީން އޭރު ބުނެފައިވަނީ، ހޯދަން އެދުނު މައުލޫމާތަކީ ޑިޕްލޮމެޓިކް ޗެނަލްތައް މެދުވެރިކޮށް ބަދަލުކުރެވޭ މައުލޫމާތެއް ކަމުގައިވާތީ، ބައިނަލްއަގުވާމީ ޑިޕްލޮމިޓިކް އުސޫލުތަކަށް ހަވާލާދީ، އެ މައުލޫމާތު ދޫކޮށްފިކަމުގައިވާނަމަ، ދެން، އޭގެ ފަހުން ސަރުކާރުން އެފަދަ މައުލޫމާތެއް ލިބުމަށް ހުރަސްއެޅިދާނެ ފަދަ މައުލޫމާތެއް ކަމުގައިވާތީ، އެ މައުލޫމާތު ހިއްސާކުރެވެން ނެތް ކަމަށެވެ.
އެ ނިންމުން އަޒާން އައިކޮމްގައި އިލްތިމާސްކުރުމުން އެ ކޮމިޝަނުން ނިންމި ނިންމުމުގައި ވަނީ، ހުށަހަޅާފައިވާ ލިޔެކިއުންތަކާއި، ބޭއްވުނު ބައްދަލުވުންތަކުގައި ފާހަގަކުރެވުނު ކަންކަމަށް ރިއާޔަތް ކުރާއިރު، ހޯދުމަށް އެދުނު މައުލޫމާތަކީ މިނިސްޓްރީގައި ގެންގުޅެ ބަލަހައްޓާ މައުލޫމާތުގެ ތެރޭގައި ހިމެނޭ މައުލޫމާތެއްކަމަށް ބެލެވޭތީ، އަދި އެ މައުލޫމާތު ފޯރުކޮށްދީފައިނުވަނީ ގާނޫނުގައި ބަޔާންވެގެންވާ ސަބަބެއްގެ މައްޗަށް ބިނާކޮށްކަން މިނިސްޓްރީ އޮފް ފޮރިން އެފެއާޒްއިން ސާބިތުކޮށްދީފައިނުވާތީ، އެ މައުލޫމާތު ރަސްމީ ފަސް ދުވަހުގެ ތެރޭގައި އަޒާންއަށް ފޯރުކޮށްދިނުމަށް އަންގާ ކަމަށެވެ.
އިސްތިއުނާފީ މައްސަލަ ކުރިއަށް ނުގެންގޮސް އަނބުރާ ގެންދަން ބަންޑާރަނައިބުގެ އޮފީހުން ނިންމާފައިވާއިރު، އެގޮތަށް ނިންމި ސަބަބެއް ހާމަކޮށްފައި ނުވެއެވެ. ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ މަޖިލިސް މެމްބަރެއް ކަމަށްވާ އަޒާން ހޯދަން އެދުނު މައުލޫމާތު ފޮރިން މިނިސްޓްރީން އަދިވެސް ފޯރުކޮށްދީފައިނުވާ ކަމަށް އޭނާ ވަނީ ބުނެފައެވެ.
ކޮވިޑް-19ގެ އާލަމީ ވަބާއިން ރާއްޖެ އަރައިގަނެ ރާއްޖޭގެ އިގްތިސާދީ ސިޔާސަތު ހިންގުމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ހޯއްދެވި ކާމިޔާބީ ފާހަގަވެ، ދުނިޔޭގެ ލީޑަރުން އެ ފޯމިއުލާ ހޯއްދަވަން އެދިވަޑައިގެންނެވި ކަމަށް ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ، މިދިޔަ ރިޔާސީ އިންތިހާބުގެ ޕްރައިމަރީ ކެމްޕެއިންގެ ތެރޭގައި ބޭއްވި ޖަލްސާއެއްގައެވެ. ނަމަވެސް، އެއީ ސިޔާސީ ގޮތުން ދެއްކެވި ވާހަކައެއްގެ ގޮތުގައި އޭރުގެ ސަރުކާރުގެ ބައެއް ބޭފުޅުން ވަނީ ސިފަކޮށްފައެވެ.

