ބައެއް ޝެއިޙުންނަކީ ދުވަހު ކުއްޔަށް ނެގޭ މުޑުދާރު ބައެއް ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު، އިމްތިޔާޒް ފަހްމީ (އިންތި)، ރާއްޖޭގެ ބައެއް ދީނީ ޢިލްމުވެރިންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.
މެމްބަރު އިމްތިޔާޒް މިފަދައިން ވިދާޅުވެފައިވަނީ މިއަދު އޭނާ ކުރެއްވި ޓްވީޓެއްގައެވެ. ދީނީ އިލްމުވެރިންނަށް ނިސްބަތްކޮށް އިންތި ވިދާޅުވީ ބައެއް ޝެއިޙުންނަކީ ދުވަހު ކުލީގެ އިތުރުން، މަހު ކުއްޔަށްވެސް ނަގާލެވޭ މުޑުދާރު ބައެއް ކަމަށެވެ. އެފަދަ ބައެއް ޝެއިޙުން ކުއްޔަށް ނެގޭތީ، ދިވެހިން އެމީހުން ބަލައި ނުގަންނަތާ ކިތަންމެ ޒަމާނެއް ވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެމީހުން ވާދަކުރި އިންތިޚާބުތަކުގައި ޖެހުނީ ސުމެއް ކަމަށްވެސް އިމްތިޔާޒްގެ ޓްވީޓުގައި ވިދާޅުވެފައިވެއެވެ. ”ދުވަހު ކުއްޔަށް“ ބައެއް ޝެއިޙުން ނެގެނީ ކޮން މަސައްކަތެއް ކުރަން ކަމެއް ނުވަތަ އެއީ ކޮންބައެއް ކަމެއް އޭނާ ސާފުކޮށްދެއްވާފައެއް ނުވެއެވެ.
https://twitter.com/Imthiyazfahmy/status/1204641929851371528
ދީނީ އިލްމުވެރިންގެ ނަމުގައި ސިޔާސީ ފައިދާއަށް ބައެއް މީހުން މަސައްކަތް ކުރާ ކަމަށް ބުނެ އެމްޑީޕީގެ ބައެއް މެމްބަރުންނާއި އެމްޑީޕީގެ އާއްމު މެމްބަރުންވެސް ދަނީ ފާޑުކިޔަމުންނެވެ. ދާދި ފަހުން ރާއްޖޭގައި ޙަރަކާތްތެރިވާ ޖަމިއްޔާއެއް ކަމަށްވާ، މޯލްޑިވްސް ޑިމޮކްރެޓިކް ނެޓްވޯކް، އެމްޑީއެން އިން ރަސޫލާ ސައްލައްﷲ އަލައިހި ވަސައްލަމަ އަށް ފުރައްސާރަކޮށްފައިވާ ލިޔުންތަކެއް ހިމެނޭ ރިޕޯޓެއް ނެރުނު މައްސަލަ ފެންމަތި ވުމުން އެކަމަށް ދީނީ އިލްމުވެރިން ފާޑުކިޔުމުން، އެމްޑީއެންގެ ރިޕޯޓްގެ ދިފާއުގައި އެމްޑީޕީގެ ބައެއް މެމްބަރުން ވަނީ ވާހަކަދައްކަވާފައެވެ

