ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ކުރި މަނީ ލޯންޑްރިންގެ ދައުވާ ސާބިތުކޮށް، 5 އަހަރަށް ޖަލަށް ލާން ހުކުމް ކުރީ ޝަރީއަތަށް ސަރުކާރުން ސިޔާސީ ނުފޫޒު ފޯރުވައިގެން ކަމަށް ޔޫރަޕިއަން ކޮންޒަވޭޓިވްސް ރިފޯމިސްޓްސް (އީސީއާރު) އިން ބުނެފިއެވެ.
އެ ޕާޓީން އެހެން ބުނެފައި ވަނީ އެ ޕާޓީން ނެރުނު ބަޔާނެއްގައެވެ. އެ ބަޔާނުގައި ރައީސް ޔާމީން ޖަލަށް ލާފައި ބެހެއްޓުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ބުނެފައިވެއެވެ. އަދި އެމަނިކުފާނު ހުންނެވީ ”ސަރުކާރުގެ ބަންދެއްގައި“ ކަމަށް އީސީއާރުން ސިފަކޮށްފައިވެއެވެ. އިތުރަށް އެ ބަޔާނުގައި، މަތީ މަގާމެއް ފުރުއްވާފައިވާ ތިބި ބޭފުޅުންގެ މައްސަލަތައް އާންމުކޮށް ބައްލަވާފައިވަނީ ތިން ގާޟީންގެ ބެންޗަކުން ކަމަށްވާއިރު އެމަނިކުފާނުގެ މައްސަލާގައި އެންމެ ގާޟީއެއް ހިމަނައިގެން މައްސަލަ ބެލުމުން ސުވާލު އުފައްދާފައިވެއެވެ.
އެ މައްސަލަ ބައްލަވައި ނިންމުމަށްފަހު ހުކުމް ކުރެއްވި އިރު ދައުލަތުގެ ޕްރޮސެކިއުޓަރ ޖެނެރަލްގެ މަގާމާއި އުއްތަމަ ފަނޑިޔާރުގެ މަގާމު ހުސްވެފައިވާ ކަން ފާހަގަކޮށް، އެކަމުން ދޭހަ ވަނީ މައްސަލަ ހިންގާފައިވަނީ ދެފުށް ފެންނަ ގޮތަށް ނޫން ކަމަށް އެ ޕާޓީން ފާހަގަކުރެއެވެ. އެހެންކަމުން މައްސަލަ ބަލަން އެންމެ އެކަށީގެންވާ ގޮތަށް ނޫން ކަން ޙާމަވާ ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ. މީގެ އިތުރުން އެބަޔާނުގައި ބުނެފައިވަނީ ރައީސް ޔާމީންގެ މައްޗަށް ޝަރީއަތް ހިންގައި ޖަލަށްލި ގޮތާމެދު ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ.
އިންސާނީ ހައްގުތައް ނިގުޅައިގަތުމުގެ އިތުރުން، ރާއްޖޭގެ ގާނޫނުތަކާ ޚިލާފަށް ރައީސް ޔާމީނާއި މެދު ޝަރީއަތް ހިންގި މައްސަލަ ތަހުގީގުކޮށްދިނުމަށް އެދި ޔޫރަޕްގެ އިއްތިހާދަށްއެޕާޓީންވަނީގޮވާލާފައެވެ

