ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިޔާސީ މައިދާނުގައި ދެނެއް ”ޕިންކީއެއް“ ވެސް، ރައީސް ޔާމީންގެ ނަމެއްވެސް ވެސް ނޯންނާނެ!

ސިޔާސީ މައިދާނުގައި ދެނެއް "ޕިންކީއެއް" ވެސް، ރައީސް ޔާމީނެއް ވެސް ނޯންނާނެ
ޝެއާރކޮށްލާ ކަހަލަދޯ؟

މިދިޔަ ސެޕްޓެމްބަރު ބޭއްވި ރިޔާސީ އިންތިހާބުންވެސް ޔާމިން އަބްދުލްގައްޔޫމް ކުރިމަތިލާންޖެހުނީ ނާކާމިޔާބީއާއި އެވެ. ވެރިކަން ކުރެއްވި ގޮތުން ރައްޔިތުން ދެވަނަ ދައުރެއް ދިނުމަށް ބޭނުމެއް ނުވީއެވެ. މުޅި އިންތިހާބު ނަގާ ކިހިލީގައި ޖަހާލުމަށް މަސައްކަތް ކުރީ ކޯޓުގެ ތެރެއިންނެވެ. އެހެން ނަމަވެސް، ކޯޓުން ބަލިވީއެވެ. ދައުރު ހަމަ ކުރިތާ މާ ގިނަ ދުވަސްތަކެއް ނުވަނީސް ފުލުސް އޮފީހަށް ހާޒިރު ކުރީ ރިޔާސީ އިންތިހާބަށް ދޮޅު މަސް ދުވަހަށް ވެފައިވަނިކޮށް ދެ ފަހަރެއްގެ މަތީން ގިނަ އަދަދެއްގެ ފައިސާ އަމިއްލަ އެކައުންޓަށް ޖަމާ ކުރި މައްސަލައިގައެވެ.

ޔާމީން އަބްދުލްގައްޔޫމްގެ ނަމުގައި ރާއްޖޭގެ ބޭންކްތަކުގައި ހުޅުވާފައިވާ އެކައުންޓްތަކުގެ ތެރެއިން ފައިސާ ވަދެފައިވާކަމަށް ފުލުހުން ތުހުމަތު ކުރީ ހަމައެކަނި ރިޔާސީ އިންތިހާބުގެ ދުވަސްރު އެކަންޏެއް ނޫނެވެ. ވެރިކަމުގެ ފަސް އަހަރު ދުވަހުގެ ތެރޭގައި ބޮޑެތި އަދަދުތަކުން އެކައުންޓަށް ފައިސާ ޖަމާކޮށް، އެ ފައިސާއިން މުއާމަލާތްކޮށްފައިވެއެވެ. އެ މައްސަލައާއި ގުޅޭގޮތުން ފުލުހުން އޭރު ހާމަ ކުރި މައުލޫމާތުތަކުގައި ބުނެފައިވަނީ އެއީ އެމެރިކާ ޑޮލަރާއި ދިވެހި ފައިސާ ހިމެނޭ ގޮތަށް، 100 މިލިޔަނަށް ވުރެ ގިނަ ރުފިޔާގެ އަދަދެއް ކަމަށެވެ.

ގޮތް ނޭނގޭ ގިނަ އަދަދެއްގެ ފައިސާ އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ މައްސަލައިގައި ރައީސް ޔާމީނާއި ސުވާލު ކުރުމަށް އެކި ފަހަރުމަތީން ފުލުސް އޮފީހަށް ވެސް ހާޒިރު ކުރިއެވެ. ”ކެމްޕޭނަށް“ ހޯއްދެވި ފައިސާއާއި ގުޅޭ ތަފްސީލު ހޯދުމަށް ފުލުސް އޮފީހަށް ހާޒިރު ކުރުމަށްފަހު ފުލުހުން އެންމެފަހުން ރައީސް ޔަމީންގެ ނަމުގައި ހުރި އެކައުންޓުތައް ފްރީޒްކުރިއެވެ.

މިއަދު އެ އޮންނެވީ އެއްވެސް އާރެއް، ބާރެއް ނެތް ހާލުގައި ޖަލު ގޮޅީގެ ތެރޭގައެވެ. މަނީ ލޯންޑްރިންގެ ދައުވާ ކުރެވި، އެ ކުށް ސާބިތުވެ ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވަނީ 5 އަހަރު ދުވަހުގެ ހުކުމެކެވެ. ރިޔާސީ އިންތިހާބަށްފަހު، އިންތިހާބު ގަބޫލުނުކޮށް ބޮޑާހާކާ އެތައް ހަރަކާތްތަކެއް ކުރިޔަށް ގެންދިޔައެވެ. އެ ހަރަކާތަށް ބައެއް މީހުން ”ދެ ދޮރު ދޭތެރޭ މުޒާހަރާ“ އޭވެސް ކިޔާ އުޅުނެވެ. އެހާވެސް ބާރެއް ނެތެވެ. އެއްރޭ، އެއްވުން ބޭއްވިއްޔާ އަނެއް ދެރޭ އެއްވުން ނުބާއްވައެވެ. އެހާވެސް ރޭވުންތެރިކަން ދަށެވެ.

މިއަދު ޕީޕީއެމް، ޕީއެންސީއަށް ދެއްކޭނެ މާ ބޮޑު ”ސިޔާސީ“ ވާހަކައެއް ނެތެވެ. ޕާޓީ އޮތީ ބިމާއި ހަމަވެފައެވެ. އެކަކު އަނެކަކަށް ޕާޓީގެ މައްޗަށް ގަދަވެގަންނަން މަސައްކަތް ކުރަން އުޅޭކަމުގެ އަޑުތަކެއް ވެސް އިވެއެވެ. ރައީސް ޔާމީން މިނިވަން ކުރުމަށް، ކުރެވެން އޮތް ”ކޮންމެ“ މަސައްކަތެއް ވެސް ކުރާނެ ކަމަށް ވިދާޅުވީ ބޭފުޅުންގެ އަޑުގައި ޖޯޝެއް ނެތެވެ. އެ ހިތްވަރެއް ވެސް ނެތެވެ.

ރައީސް ޔާމީންގެ މައްޗަށް ފަސް އަހަރުގެ ހުކުމެއްކޮށްފައިވާއިރު، އިދިކޮޅުން އެކަށީގެންވާ މަސައްކަތެއް ނުކުރޭ

ރައީސް ޔާމީން މިނިވަންކުރުމަށް ކުރެވެން އޮތް މަސައްކަތަކީ، ކައުންސިލް އިންތިހާބު ކާމިޔާބު ކުރުންކަމަށް އެބަ ބުނެއެވެ. އެހެން ނަމަވެސް، ކައުންސިލް އިންތިހާބަށް ކުރާ މާ ބޮޑު މަސައްކަތެއް އެބައޮތް ހެއްޔެވެ؟ ނެތެވެ!. އޭރުވެސް މަޖިލީސް އިންތިހާބަށް އެކަށީގެންވާ ވަރުގެ މަސައްކަތެއް ނުކުރެވުނީ ރައީސް ޔާމީން ގޮޅީގައި އޮންނެވުމުން ކަމަށް ބުންޏެވެ. އެދުވަހުވެސް ހަމަ އެބަހަނާ، ދައްކާ ބުނަމުން ދިޔައީ ސަރުކާރުން އިންތިހާބަށް ހުރަސް އަޅަމުން ގެންދާ ކަމަށެވެ. ސިލްސިލާކޮށް މުޒާހަރާތައް ކުރިޔަށް ގެންދާނެ ކަމަށް ބުނި މީހުން މިއަދު ޖަލްސާތައް އެ ބާއްވަނީ ބަންދު ކޮޓަރީގައެވެ. ވީހާލެއްގަ ވާން، ދޫކޮށްފައި ތިބީ އަދިވެސް ރައީސް ޔާމީންގެ ލޯޔަލް ސަޕޯޓަރުންގެ ގޮތުގައި ތިބި ބައެއް ކުދިންކޮޅެކެވެ.

މާޒީގެ ތެރެއަށް ޖެހިލާނަމެވެ. އޭރު، މަޖިލީސް އިންތިހާބުގެ ތެރޭގައި ވެސް ސިލްސިލާ ސިޔާސީ ހަރަކާތްތަކުގެ ވާހަކަތެކެއް ދެއްކިއެވެ. ދައްކާނެ ވާހަކައެއް ނެތަސް، ޕްރެސް ކޮންފަރެންސްތައް ބޭއްވިއެވެ. ދެން ބައެއް މީހުން ބޭނުންވާ ޓީވީ ޕްރޮގްރާމް ހަމަ އެއްކަލަ އެ ކޮޓަރީގެ ތެރޭގައި ކުރިޔަށް ގެންދަން ވީއެވެ. މަގުމައްޗަށް ނިކުންނަ ވާހަކައާއި، މިކަން ނިންމާލާނެ ވާހަކައާއި އެތައް ވާހަކައެއް އަޑުއިވިއްޖެއެވެ. މިވާހަކަތައް އިވި އިވި ހ. ހުރަފާ، ޖެހިގެން ހުންނަ އިމާރާތްތަކުގެ ރައްޔިތުންނަށް ވެސް ލީޑަރުންގެ ސްޕީޗުތައް ދަސްވެއްޖެއެެވެ.

މުޒާހަރާތަކާއި، އެއްވުމުގެ ވާހަކަ ދެއްކުން އިދިކޮޅުން ދޫކޮށްލާން ވެއްޖެއެވެ. ސަބަބަކީ އެ ހިއްވަރެއް ނެތީތީއެވެ. އެ ބުންވަރެއް ވެސް ނެތީތީއެވެ. މާޒީގެ ތެރެއިން، މަޖިލީސް އިންތިޚާބުގެ ދުވަސްވަރު ކާނިވާ ތެރޭގައި ދެ ދުވަހަކު އެއްވެލާ ވާހަކަ ދައްކާލި ހަނދާނެއްވެއެވެ. އެއަށްފަހު އަނެއްކާވެސް އައިޖީއެމްއެޗްއަށް ބަލި މީހަކަށް ގޮވާލަން ދިޔަ ހަނދާނެއްވެސް ވެއެވެ.

އޭރު މަޖިލީސް އިންތިހާބަށް ކެމްޕެއިން ނުކުރެވުނީ، އެއްކަލަ އެއް މިލިއަން ޑޮލަރުގެ މައްސަލައިގައި ފައިސާކޮޅު ހިފަހައްޓާފައި ހުރުމުންނެވެ. އަނެއްކޮޅުން ބަލާށެވެ، އިލެކްޝަންސް ކޮމިޝަނަށް ވެސް ޕީޕީއެމާއި ޖައްސާލަން އެނގުނީ ހަމަ މި ދުވަސްވަރުއެވެ. ޕާޓީއަށް ދޭންޖެހޭ ފައިސާކޮޅު ނުދޭން ލައްކަ ބަހަނާއެއް ދެއްކިއެވެ. ނަތީޖާއަކަށް ވީ، އެއޮއް ބޮޑު މަޖިލިހުގެ ތެރެއިން ޖުމްލަ 10 ގޮނޑިވެސް ނުލިބުމެވެ.

ޕީޕީއެމްގެ ތެރޭގައި ވެސް ލީޑާޝިޕް ބަދަލުވާންޖެހޭ ކަމަށް ގަބޫލު ކުރާ ބޭފުޅުން އެބަތިއްބެވި

މިއަދު، ކައުންސިލް އިންތިހާބުގެ ވާހަކަ ދައްކާތީ، އަޅުގަނޑު އަބަދުވެސް ތަކުރާރު ކުރާ ވާހަކައެއް ބުނެލާނަމެވެ. ތިމާގެ ދާއިރާއިން ނޫނެކޭ ބުނެފަ ތިބި ބަޔަކަށް ކައުންސިލް އިންތިހާބެއް ކާމިޔާބެއް ނުވާނެއެވެ. އެއީ ވާނެ ކަމެއް ނޫނެވެ. ފެއިލްވެފައި ތިއްބެވި، ބަޔަކަށް ރައްޔިތުން އިތުރު މުވައްސަސާއަކުން ދޭންޖެހޭ ގޮނޑިއެއް ނޯންނާއެވެ. ވިސްނަންވީ ކަންތައްތަކަކީ މިއީއެވެ. ޕާޓީގެ ތެރޭގައި ކިތަންމެހާ ވެސް ވަރުގަދަ ޝަހުސިއްޔަތުތަކެއް އެބަތިއްބެވިއެވެ. ހަޑި ހާވާ، ދެންވެސް ނާކާމިޔާބުވުން އެބޭފުޅުންނަށް ފުރުސަތު ދެއްވުން މާ ރަނގަޅެވެ.

ދޭތެރެ، ދޭތެރެއިން ހޭވައްޓާލާފައި، ޕްރެސްތަކުގައި ނޫސްވެރިންނަށް ވެސް ބަވާލައެވެ. ނާކާމިޔާބީގެ ފިލާވަޅުން އިބުރަތް ލިބިގަތުމަށް އިބުރަތް ލިބިގަންނަން ނޭނގެނީއެވެ. އެދުވަހު އަޑަށް ބާރުލާފައި ބުނީ އެނބުރި އަންނާނީ މަޖިލީސް އިންތިޚާބުން ކަމަށެވެ. އެވެސް ނާކާމިޔާބެވެ. މިއަދު އަނެއްކާ ”ބްލޮކް ބާސްޓާ ކަމްބެކް“ އޮތީ ލޯކަލް ކައުންސިލް އިންތިހާބުން ކަމަށް އެބަ ބުުނެއެވެ.

ދަންނަވަންތޯއެވެ. މީގެ ދޮޅު އަހަރު ކުރިން ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުން ވެސް ނާކާމިޔާބެވެ. އޭރުވެސް ހަމަ ތިއްބެވީ ހަމައެއްބަޔަކު އެވެ. ދިޔައީ ތޮޅިއަށެވެ. އެއަށްފަހު ރިޔާސީ އިންތިހާބެވެ. ލީޑާޝިޕް ފެއިލް ވެފައިވާވަރު މިހާ ހިސާބުން ގަބޫލު ކުރަންވެއްޖެއެވެ. އެހެން ނަމަވެސް ދޫދިނުމެއް ނެތެވެ، އެ ދުވަހުވެސް ގެންދިޔައީ ގަދަބަސް ބުނަމުންނެވެ.

ރޮލެކްސް ގަޑިއާއި، ކޮހި ނޫރުން ދޫކޮށްލާން އެ ދުވަހު ބޭނުމެއް ނުވިއެވެ. ބޭނުންޖެހުނު ދުވަހު ރޮލެކްސްއެއް ވެސް ނެތެވެ. ރިޔާސީ އިންތިހާބުގެ ހަ މަސް ފަހުން ބޭއްވި، އިންތިހާބުން ލިބުނު ނަތީޖާއިން އެނގުނީ ރައްޔިތުން ޕާޓީވެސް ބަލައި ނުގަންނަ ކަމެވެ.

މަޖިލީސް އިންތިހާބުގައި ރައްޔިތުން ގަބޫލެއް ނުކުރި ބޭފުޅުން އެބަތިބި، ދެން ކައުންސިލަށް ގެންނަންވީ އެހެން މޫނުތަކެއް

މަޖިލީހުގެ 87 ދާއިރާގެ ތެރެއިން ޖުމްލަ 46 ގޮނޑި އަށް ޕީޕީއެމާއި ޕީއެންސީން ވާދަ ކުރި އެވެ. އެއީ، ޕީޕީއެމުން 24، އަދި ޕީއެންސީން 22 ކެންޑިޑޭޓުންނެވެ. މީގެ ތެރެއިން ކާމިޔާބު ކުރެވުނީ އެންމެ ހަތް ވަރަކަށް ގޮނޑިއެވެ. ލަދުވެތި ދެއްތޯއެވެ. ހައްގުގެ ވާހަކަތައް ދާއްކާ ނިންމާލާއިރު އޮންނަނީ މި ކުދިންކޮޅު ވޭތުވެ ދިޔަ ފަސް އަހަރު ތެރޭގައި ނިގުޅައިގަތް ހައްގާއި، ހިޔާނާތުގެ ބޮޑެތި އަމަލުގެ ވާހަކައެވެ.

މުސްކުޅި ހަރު ބަހެއްގައި އޮންނަނީ ވެއްޓެންދާ އެއްޗެއްގައި ހިފަން ނޫޅޭށެވެ! އެހެން ބުނަނީ އެއާ އެއްކޮށް ތިމާވެސް ވެއްޓިދާނެތީއެވެ. ނުވަތަ އޭގެން ޖެހި ތިމާއަށް އަނިޔާއެއް ވެދާނެތީއެވެ. މި ކުދިން ކޮޅަށް މިހެން މިވީ ވެއްޓެން ދިއަ އެއްޗެގައި ކައްތިރި ވިއްދައިގެން އެ ވެއްޓުނަ ނުދީ އުޅެންހަދައިގެންނެވެ. ތިމާއަށް މަޖިލީހުގަ އުޅެވުނީ ތިމާގެ ސަޕޯޓަރުންގެ އެހީގަ ނޫންކަން އެހެން މީހެއްގެ ކިހިލީގައި އެލިގެން ކަން ގަބޫލު ކުރާށެވެ. ދާއިރާއަށް ކޮށްދިން އެންމެ ކަމެއްވެސް ހަނދާން އެބަހުރިތޯއެވެ. ފަސް އަހަރު ތެރޭގައި ދާއިރާގެ ރައްޔިތެއްގެ ޙާލު ބަލާލިނަމަވެސް ރަނގަޅެވެ. ދެން ކޮން ކައުންސިލް އިންތިހާބެއް ހެއްޔެވެ!

އޭރުވެސް، އަދި ރައީސް ޔާމީން ޖަލުގައި އޮންނެވި ދުވަހުވެސް ޕާޓީ ކުރިމަތިލާ ކޮންމެ ނާކާމިޔާބީއެއްގެ ޒިންމާ ނަގަން ޖެހޭނީ ޕާޓީގެ ލީޑާޝިޕެވެ. މީގެ ކުރިން މިނިސްޓަރުންގެ ގޮތުގައި ތިއްބެވި ބޭފުޅުންނެވެ.

ބަހަނާ ދެއްކުން ހުއްޓާލުމަށްފަހު ފާއިތުވި ދެ އިންތިހާބުގައި ކެމްޕޭން ކުރި ގޮތާ މެދު ވިސްނާ އިވެލުއޭޓް ކުރާށެވެ. ސަރުކާރަށް ބޭނުންކުރާ ބޭނުން ކުރާ ސުމްޕާއާއި ލާދީނީ ޓެގުތައް އެއީ އަދި ޒިންމާދާރު މަސައްކަތް ކުުރުމެއް ނޫނެވެ. ޒަމާނަށް ފެތޭ ގޮތަށް ސިޔާސަތު ޕޮލިސީ ގަނޑެއްގައި ލިޔެގެން އެ ހިފައިގެން ރައްޔިތުން ކައިރިއަށް ވަޑައިގަންނަވާށެވެ.

 ވާހަކަ ދެއްކުމަށް ވުރެ ތަންކޮޅެއް ތަހްޒީބީ ގޮތްތައް ބޭނުން ކުރުމަކީ ބުއްދިވެރިގޮތެވެ. އަދި ލީޑަރޝީޕްވެސް ބަދަލުވާން ވެއްޖެއެވެ. ހުކުމެއްގައި ހުންނެވުމާއި އެކު، ޕާޓީގެ ހިންގުން އެހެން ބޭފުޅަކާއި ހަވާލުކޮށް ރައީސް ޔާމީންވެސް ފަހަތަށް ޖެހިވަޑައިގަންނަވަން ވީއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: