ޒިކްރާ މިސްކިތުގެ އެއްބަސްވުން ސަރުކާރުން ބާތިލް ކުރުމުން އެސްޖޭ ކޮންސްޓްރަކްޝަނަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދަން އެ ކުންފުނިން ކޯޓަށް ހުށަހެޅި މައްސަލަ ޝަރީއަތުން ބޭރުން ހައްލުކުރަން ދައުލަތުން އެދިއްޖެ އެވެ.
ކުރީގެ ރައީސް ޔާމިންގެ ސަރުކާރުން ޒިކުރާ މިސްކިތް އިމާރާތް ކުރުމަށް އެސްޖޭ ކޮންސްޓްރަކްޝަންއާއެކު ވެފައިވާ އެއްބަސްވުން މި ސަރުކާރުން ވަނީ ބާތިލް ކޮށްފައެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ރައީސް އަބްދުﷲ ޔާމީންގެ ބައްޕާފުޅު އަބްދުލްގައްޔޫމް ސީދީގެ ހަނދާނުގައި 1980ގެ އަހަރުތަކުގެ ކުރީކޮޅު އިމާރާތްކުރި ޒިކުރާ މިސްކިތުގެ އާ އިމާރާތް އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލުކުރީ 25 މަސްދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. ޒިކްރާ މިސްކިތް އަލުން އިމާރާތްކޮށް އެތަނުގައި 10 ބުރީގެ އިމާރާތެއް އެޅުމަށް އެސްޖޭ ކޮންސްޓްރަކްޝަން ކުންފުންޏާ ހަވާލު ކޮށްފައި ވަނީ 2018 ވަނަ އަހަރުގެ ޖުލައި މަސްތެރޭގައެވެ.
އެ މިސްކިތް އިމާރާތް ކުރުމުގެ މަޝްރޫއު އަށް 130 މިލިއަން ރުފިޔާ އަރާނެ ކަމަށް އޭރުގެ ސަރުކާރުން ބުންޏެވެ. އަދި އޭގެ ތެރެއިން 30 މިލިއަން ރުފިޔާ ސަރުކާރުން ވަނީ އެސްޖޭއަށް ދީފައެވެ.
އެސްޖޭ ކޮންސްޓްރަކްޝަން ކުންފުންޏާ އެކު ރައީސް ޔާމީންގެ ސަރުކާރުން ހެދި އެއްބަސްވުން މި ސަރުކާރުން ބާތިލްކުރުމުން 141 މިލިއަން ރުފިޔާގެ ބަދަލެއް ހޯދަން އެ ކުންފުނިން ވަނީ މިދިޔަ އޭޕްރީލް މަހު ސިވިލް ކޯޓަށް ހުށަހަޅައިފަ އެވެ. ސިވިލް ކޯޓުގެ ޑިސްޕިއުޓްގައި އެ މައްސަލަ ހައްލު ނުވުމުން ޝަރީއަތުން ގޮތެއް ނިންމުމުގެ މަރުހަލާ ވަނީ ފަށައިފަ އެވެ. އެހެން ނަމަވެސް އެ މަރުހަލާ ފެށުނުފަހުން ދައުލަތުން ބޭނުންވެ އެޓާނީ ޖެނެރަލްގެ އޮފީސް (އޭޖީ) އިން ވަނީ ޝަރީއަތުން ބޭރުން މައްސަލަ ހައްލުކުރަން ބޭނުންވާ ކަމަށް ބުނެފައެވެ.
އެސްޖޭއިން މިސްކިތް ހަދަން ހުށަހެޅި ޕްރޮޕޯޒަލް އިވެލުއޭޓް ކުރުމަށް ފަހު ފިނޭންސް މިނިސްޓްރީން ކުރިން ބުނެފައިވަނީ، އެ އިމާރާތުން އެސްޖޭ ކޮންސްޓްރަކްޝަނަށް އަހަރަކު 14 މިލިއަން ރުފިޔާ ލިބޭނެ ކަމަށެވެ. ކުންފުނިން ހޯދަން އެދުނު ބަދަލަކީ، 10 އަހަރުގެ ތެރޭގައި ލިބޭނެ ކަމަށް ލަފާކޮށްފައިވާ އާމްދަނީ އެވެ. އެސްޖޭއިން އެއް އަހަރުވީއިރުވެސް މަސައްކަތް ފަށާފައި ނުވާތީ އެ މައްސަލަ މީޑިއާތަކުން ރިޕޯޓު ކުރުމުން އެ ކުންފުނިން ބުނެފައިވަނީ މަސައްކަތް ނުފެށިގެން އުޅެނީ މަސައްކަތް ކުރިޔަށް ގެންދަންޖެހޭ ބިމުގެ ރަޖިސްޓްރީ ނެތިގެން ކަމަށެވެ. އަދި އެތަނުގައި ދިރާގާއި ސްޓެލްކޯ އަދި އެކި ތަންތަނުގެ 47 ޑިސްޓްރިބިއުޝަން ފޮށި ހުރުމަކީ ވެސް އެ މަސައްކަތް ކުރިއަށް ގެންދަން ދިމާވެފައިވާ ގޮންޖެހުމެއް ކަމަށް ވަނީ ބުނެފައެވެ.
ދާރުލް ޒިކްރާގެ ނަމުގައި 10 ބުރި އަށް އެ މިސްކިތް އިމާރާތް ކުރަން އެސްޖޭ ކޮންސްޓްރަކްޝަނާއެކު ސޮއިކޮށް ރައީސް ޔާމީންގެ ސަރުކާރުގައި އެ މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ ގާނޫނާ ހިލާފަށް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވެސް ވަނީ ވިދާޅުވެފައެވެ.

