ތައިލޭންޑްގެ ވެރިރަށް ބެންކޮކްގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި އަނިޔާވި ދިވެހިންގެ ހާލު ބަލައި އެމްބަސީއިން އެހީތެރިކަން ފޯރުކޮށްދެމުން ގެންދާކަމަށް ފޮރިން މިނިސްޓްރީއިން ބުނެފިއެވެ.
ދިވެހިން ދަތުރުކުރަމުން ދިޔަ ކާރެއް އެކްސިޑެންޓްވި ޙާދިސާގައި ޒަހަމްތަކެއް ލިބިފައިވަނީ ތިން މީހަކަަށެވެ. އޭގެ ތެރެއިން އެކެއްގެ ހާލު ވަރަށް ބޮޑަށް ސީރިއަސްވެ ފަރުވާދެމުން އަންނަނީ އައިސީޔޫގައެވެ. ތިން މީހުންގެ ތެރެއިން އައިސީޔޫގައި އެޑްމިޓް ކޮށް ފަރުވާދެމުންދަނީ ސ. ހުޅުދޫ ވައިޖެހޭގެެ، އުމުރުން 44 އަހަރުގެ އަޙްމަދު ސައީދަށެވެ.
ހާދިސާއާއި ގުޅޭގޮތުން ފޮރިން މިނިސްޓްރީގެ ޑިރެކްޓާ އޮފް ކޮމިއުނިކޭޝަންސް މިއުވާން މުހައްމަދު، ސަންގުއަށް ވިދާޅުވީ އެކްސިޑެންޓުގެ ހިނގައިދިޔަގޮތް މިނިސްޓްރީން ބަލަމުން ދާ ކަމަށެވެ. އަދި އަނިޔާ ލިބުނު ފަރާތްތަކުގެ އާއިލާއަށް ވެސް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ. މިއުވާން ވަނީ، އެމްބެސެޑަރުވެސް މިވަގުތު ހުންނެވީ ހޮސްޕިޓަލުގައި ކަން ފާހަގަ ކުރައްވާފައެވެ.
ޙާދިސާ ހިނގާފައިވަނީ ބެންކޮކް ގަޑިން 3:30 ހާއިރުއެވެ. ބެންކޮކް ފުލުހުން ވަނީ ކާރު ދުއްވަން އިން ޑްރައިވަރު ހައްޔަރު ކޮށްފައެވެ. އެކްސިޑެންޓު ހިނގައިދިޔަ ސަބަބެއް ކަމަށް މައުލޫމާތު ލިބެނީ ޑްރައިވަރު ނިދި ޖެހިގެންނެވެ. މައުލޫމާތު ލިބޭގޮތުން، ޑްރައިވަރު ނިދުނު ގަޑީ ކާރު ކޮންކްރީޓް ގަނޑަކަށް އަރައި ފުރޮޅާލީއެވެ. ފޮޓޯތަކުން ފެންނަގޮތުން، ކާރު އޮތީ ބަންޑުންނެވެ.

