ތޫނު އެއްޗަކުން ހަމަލާދީ ޓެކްސީ ޑްރައިވަރު، ގާސިމް ހަސަން މަރާލުމުގައި އަދުހަމް މުހައްމަދު އާއި އެކު އިތުރު މީކު ބައިވެރިވެފައި ނުވާކަމަށް ފުލުހުން ބުނެފިއެވެ.
އަނިޔާވެރިގޮތަކަށް، ގާސިމް މަރާލާފައި އޮއްވާ ފެނިފައިވަނީ ޑިސެމްބަރު 4 ވަނަ ދުވަހުގެ ރޭގަނޑެވެ. ޒަހަމްތަކާއި އެކު، މަގުމައްޗަށް ވެއްޓިފައިއޮއްވާ ގާސިމް ފެނިފައިވަނީ ހުޅުމާލޭގެ، ވެހިކަލްތަކާއި މީހުން މަދު އަނދިރި ސަރަހައްދެއް ކަމަށްވާ ރީތިގަސްމަގުންނެވެ.
ނުރައްކާތެރި އެތައް މަރުގެ ހާދިސާތަކަކަށްފަހު، 2019 ވަނަ އަހަރުވެގެން ދިޔައީ ގޭންގު މާރާމާރީތައް މަދު އަހަރަކަށެވެ. އަދި ގިނަ ރައްޔިތުން އުންމީދުކޮށްގެން ތިބީ، ބޮޑު މަރަކާއި ނުލާ އަހަރު ނިންމާލެވޭނެ ކަމަށެވެ. އެހެން ނަމަވެސް ބުދަ ދުވަހު ޒަހަމްތަކަކާއި އެކު، އޮތް މީހެއް ވެއްޓިފައި އޮތް ކަމުގެ މައުލޫމާތު ލިބި، ފުލުހުން އޭނާ ހޮސްޕިޓަލަށް ގެންދިޔައެވެ. އޭރު އޭނާ ވެއްޓިފައި އޮތް ސަރަހައްދާއި މާ ދުރު ނޫން ހިސާބެއްގައި އޭނާ ދުއްވި ކާރުވެސް އޮތެވެ. ހޮސްޕިޓަލަށް އޭނާ ގެންދިޔައިރުވެސް އޭނާ މަރުވެފައިވާކަމަށް ޑޮކްޓަރުން ވަނީ ބުނެފައެވެ.
ގާސިމްގެ މަރާއި ގުޅޭ ތަހުގީގު ކުރިޔަށް ގޮސްފައިވާ ހިސާބާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ ހެޑް އޮފް ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމްސް ހަސަން ޝިފާއު ވިދާޅުވީ އެއީ ފޭރެން އުޅުމުގެ ތެރެއިން ހިންގި ގަތުލެއް ކަމަށެވެ. މައްސަަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 21 އަހަރުގެ އަދްހަމް މުހައްމަދެވެ. އޭނާއަކީ މަސްތުވާތަކެއްޗާއި، ފޭރުމުގެ ކުށުގެ ރިކޯޑު އޮންނަ މީހެކެވެ. ޑީއެންއާއި ފިންގާޕްރިންޓް ދިމާވެ ފުލުހުން އަދުހަމް ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ. އަދި އޭނާ ވަނީ ގާސިމް މަރާލި ގޮތް، ތަހުގާއި ކޯޓުގައި ވެސް ކިޔާދީފައެވެ.
”ސަންގު“ އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޝިފާއު ވިދާޅުވީ ގާސިމްގެ މަރާ ގުޅިގެން މިހާތަނަށް ކުރެވުނު ތަހުގީގުން އެ މަރުގައި އެހެން ބައެއްގެ ނުވަތަ މީހެއްގެ ބައިވެރިވުން އޮތްކަން އެނގިފައިނުވާ ކަމަށެވެ.
”އަދްހަމް މުހައްމަދަކީ މީގެ ކުރިންވެސް ވައްކަމާ، ފޭރުމާ، މަސްތުވާތަކެތީގެ މައްސަލަތަކުގެ ރެކޯޑްސް އޮތް ފަރާތެއް، އެހެންވީމަ އެފަދަ ތުހުމަތަކެއް ކުރިންވެސް އޭނާގެ މައްޗަށް އެބަހުރި ކުރެވިފައި. އެހެން ނަމަވެސް ކުރިންވެސް ދެންނެވުނު ގޮތަށް ގާސިމް ހަސަންގެ މަރާ ގުޅޭގޮތުން އިތުރު މީހެއްގެ ބައިވެރިވުމެއް ނެތްކަން ފާހަގަކުރަން.“ ފުލުހުން
އަދުހަމް ގާސިމްއަށް ހަމަލާ ދީފައިވަނީ ފޭރުމުގެ ނިޔަތުގައި ކަމަށް އޭނާ ވަނީ ތަހުގީގަށް ކިޔާދީފައެވެ. އަދި އޭނާއަކީ މަސްތުވާތަކެތި ބޭނުން ކުރުމަށާއި، ދިރިއުޅުމުގެ އެހެން ޒަރޫރީ ބޭނުންތަކަށް ވައްކަންކޮށްގެން ނުވަތަ މަގުމަތިން ދާ ބައެއްގެ އަތުން ފޭރިގެން އުޅުނު މީހެއްކަމަށް ފުލުހުން ކިޔާދިނެވެ. އަދުހަމް އާއި ގުޅޭގޮތުން ޝިފާއި ވިދާޅުވީ މާލޭގައި ވެސް މަސްތުވާތަކެތި ބޭނުން ކުރުމަށްފަހު އަދުހަމް ހުޅުމާލެ ގޮސްފައިވަނީ މަސްތުވާތަކެތި ބޭނުން ކުރުމަށް ކަމަށެވެ. އަދި ހުޅުމާލޭގައި ދުވާލު ގަޑީގައި ވެސް ފޭރެން މަސައްކަތްކޮށްފައި ވީ ނަމަވެސް އެކަން ކާމިޔާބުވެފައި ނުވާ ކަމަށެވެ. އޭގެ އިތުރުން، ގާސިމްއަށް ހަމަލާ ދިނުން ދުވަހަކީ ހުޅުމާލޭގައި ފުލުހުންގެ ހަރަކާތްތެރިވުން އިތުރު ދުވަހެއްކަމުން ދުވާލު ގަޑީގައި އެއްވެސް ކަމެއް ނުކުރެވޭނެ ކަން އެނގުނު ކަމަށް އަދުހަމް ވަނީ ތަހުގީގަށް ކިޔާދީފައެވެ.
އަދުހަމް، ވަނީ ގާސިމްއަށް ހަަމަލާ ދިނުމުގެ ތެރެއިން އިތުރު ޓެކްސީއަކުންވެސް ފޭރެން މަސައްކަތްކޮށްފައެވެ. ހުޅުމާލެއިން ޓެކްސީ ނަގައިގެން އޭނާ ދިޔައީ އެއާޕޯޓަށެވެ. އެހެން ނަމަވެސް، އެކި ގޮތްގޮތުން ޑްރައިވަރާއި ދެކެވުނު ވާހަކައިގެ ތެރެއިން އެ ޑްރައިވަރުގެ އަތުން ފައިސާ އަތުލެވޭނެ ގޮތެއް ނެތްކަން އޭނާއަށް ޔަގީން ވީ ކަމަށެވެ.
ކޮންމެހެން ވެސް ފައިސާ ބޭނުންވެ ހަދާނެ ގޮތް ހުސްވެ ހައްމާދު ނިންމީ، ވަޅިން ބިރު ދެއްކުމަށްފަހު ފައިސާ އަތުލުމަށެވެ. އެގޮތުން، ހުޅުމާލޭގެ ކެފޭއަކުން މަސްކެންޑުމަށް ކަމަށް ބުނެ ވަޅިއެއް ހޯދައިގެން އޭނާއަށް އެރުނު ޓެކްސީއަކީ ގާސިމްގެ ޓެކްސީ ކަމަށެވެ. ފުލުހުން ދިން މައުލޫމާތުތަކަށް ބަލާއިރު ހައްމާދު، ގާސިމްއަށް އޮޅުވާލައިގެން ހުޅުމާލޭގެ ގިނަ މަގުތަކެއްގައި ދުށްވާފައިވެއެވެ.
ތަހުގީގުގެ މައުލޫމާތުހާމަ ކުރަމުން ފުލުހުންގެ ސަބް އިންސްޕެކްޓާ މުހައްމަދު ސާމިހް ވިދާޅުވީ ގާސިމްއަށް ވަޅިން ހަމަލާދިން ގަޑީގައި އޭނާ ވަޅީގައި ހިފި ކަމަށެވެ. އަދި އެއާ އެކު، އަދުހަމް ވަޅި ދަމައިގަތް ވަގުތު، އޭނާގެ ދެ އަތްތިލަ ކަފައިގެންގޮސްފައިވާކަމަށެވެ. އަދުހަމް، ގާސިމްއަށް ހަމަލާދިނީ އޭނާ އެހީއަށް އެދި ހަޅޭލަވަން ފެށުމުން އެ އަޑު ކެނޑުވުމަށެވެ.
ފުލުހުން ބުނެފައިވަނީ ގާސިމަށް ހަމަލާދިންއިރު އަދްހަމް ލައިގެން ހުރި އަންނަނު ބަދަލުކޮށް ފައިވަނީ ރައްޓެއްސެގެ އަތުން އެހެން އަންނައުނެއް ހޯދައިގެން ކަމަށެވެ. އަދި އަދްހަމް ކުރި އަމަލުގެ މައުލޫމާތު އޭނާގެ ރައްޓެހިންނަށް ލިބިފައިވާ ކަމުގެ އެއްވެސް މައުލޫމާތެއް މިހާތަނަށް ތަހުގީގަށް ލިބިފައިނުވާ ކަމަށެވެ.

”މިވަގުތު އަޅުގަނޑުމެންނަށް ޔަގީނާ ގާތަށް ބުނަން އެނގޭ މި ހާދިސާ، މި އަމަލު ހިންގުމުގައި އިތުރު ބައެއްގެ ބައިވެރިވުމެއް ނެތްކަން. ދެން އިތުރަށް މި ހާދިސާއަށްފަހު ދިމާވި ފަރާތްތައް މި ހާދިސާގެ މައުލޫމާތު އެއްވެސް ވަރަކަށް ލިބިފައިވޭތޯ ނުވަތަ ނޫންތޯ އިތުރަށް ހޯދުމުގެ މަސައްކަތް ދަނީ ކުރަމުން.“ ޝިފާއު
ޝިފާއު ވަނީ ލިބިފައިވާ ހެކިތަކުގެ ފޮރިންސިކް އިތުރު ތަހުގީގުތައް ކުރަމުން އަންނަކަން ފާހަގަކުރައްވާފައެވެ. އަދި ތަހުގީގުގައި އަދުހަމް ދައްކާފައިވާ ވާހަކަތައް ކޮލަބްރޭޓްކޮށް ފްޓޭޖް އެނަލިސިސް ކުރުމުގެ މަސައްކަތް ވެސް މިހާރު ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ. މައްސަލައިގައި، ލިބިފައި ހުރި ހެއްކާއި ގުޅޭގޮތުން ޝިފާއު ވިދާޅުވީ ގާސިމް މަރާލި ކަމަށް އަދުހަމް އެއްބަސްވެފައިވާތީ އެ މައްސަލާގެ ތަހުގީގު ނިންމައި ވަރަށް އަވަހަށް ދައުވާ ކޮށްދިނުމަށް ފޮނުވާނެ ކަމަށެވެ.

