ގައުމީ ދިފާއީ ބާރު ކަމުގައިވާ އެމްއެންޑީއެފް އިން އެލާޓް މަތިކޮށް ކުރިއަށްގެންދާ އޮޕަރޭޝަނާއި ގުޅޭ މައުލޫމާތު ހިއްސާކޮށް ހަރުކަށި ފިކުރު ފަތުރާ މީހުނާ ދެކޮޅަށް ސަލާމަތީ ބާރުތަކުން ހިންގަމުންދާ އޮޕަރޭޝަން މައިގަނޑު ސަަބަބު ހާމަ ކުރުމަށް އިދިކޮޅުން ގޮވާލައިފިއެވެ.
ގައުމީ ދިފާއީ ބާރުގެ އެލާޓް ސްޓޭޓަސް ”ޔެލޯ 2“ އަށް މަތިކޮށް، މިރެއިން ފެށިގެން ގައުމީ ދިފާއީ ބާރުގެ އެލާޓް ސްޓޭޓަސް މަތިކޮށް ސިފައިން ދަނީ މާލެ އާއި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހަތިޔާރާއެކު ހަރަކާތްތެރި ވަމުންނެވެ. ގައުމުގެ އަމަންއަމާން ކަމަށް ބުރޫއު އަރާނެ ކަމެއް ހިނގަން އުޅޭ ކަމަށް ބެލެވިގެން ނުވަތަ އެފަދަ މައުލޫމާތެއް ލިބިގެން އެމްއެންޑީއެފް އެލާޓަށް ނެރެ ކަނޑުމަތީ އުޅަނދުތައް ބަލައިފާސްކުރަން ނިންމާ ގައުމީ ދިފާއީ ބާރުން ބުނެފައިވަނީ މިފަދަ އޮޕަރޭޝަންތަކަކީ ގައުމުގެ މަސްލަހަތާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި ކުރެވޭ ކަމަށް ވާތީވެ ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށް ޔަގީން ކުރާ ކަމަށެވެ.
ގައުމީ ދިފާއީ ބާރު އެލާޓަށް އައުމާއި އެކު އިދިކޮޅުން ކުއްލި ގޮތަކަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަތިޔާރާއެކު ސިފައިން ހަރަކާތްތެރިވަމުންދާ ކަމަށް ބުނިއިރު، އެލާޓަށް ނުކުންނަން ޖެހޭ ސަބަބެއް ހާމަކޮށްފައި ނުވުން އެއީ އިދިކޮޅުގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.
”އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި މިފަދަ އޮޕަރޭޝަނެއް ހިންގާއިރު ރައްޔިތުންނަށް މި ވެގެން އުޅޭ ގޮތެއް ސާފުވާން އެބަ ޖެހޭ. އެއީ ކޮން މަގްސަދެއްގައި ކޮން ބޭނުމެއް ހާސިލު ކުރަން ކުރާ ކަމެއް ކަން ރައްޔިތުންނަށް ވަރަށް ސާފުކޮށްދޭން އެބަ ޖެހޭ. އެހެން ނޫންނަމަ ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަމެއް އުފެދިގެން ދާނެ،“ އަބްދުއްރަހީމް
ގައުމީ ސަލާމަތުން ކުރިޔަށް ގެންދާ މިފަދަ އެކި އޮޕަރޭޝަންތަކާއި ދެކޮޅެއް ވެސް ނޫން ކަމަށާއި، އަދި ގައުމުގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރިޔަށް ގެންދެވޭ ހަރަކާތްތަކަށް އެއްބާރުލުން ދޭނެ ކަމަށް އަބްދުއްރަހީމް ވަނީ ވިދާޅުވެފައެވެ. އެހެން ނަމަވެސް، ކުއްލި ގޮތަކަށް އެއްވެސް ސަބަބެއް ހާމަނުކޮށް ހަތިޔާރާއި އެކު ސިފައިން އެ ގޮތަށް ހަރަކާތްތެރިވުމަކީ ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަމެއް އުފެދޭނެ ކަމެއްގެ ގޮތުގައި އޭނާ ފަހަގަކުރިއެވެ.
އަބްދުއްރަހީމް ވަނީ، މިއީ ކުޅޭ ޑްރާމާއެއްގެ ގޮތުގައި ސިފަކޮށް ހަރުކަށި ފިކުރު ފަތުރާ މީހުނާ ދެކޮޅަށް ސަރުކާރުން ކުރަމުންދާ މަސައްކަތެއް އެބައޮތް ތޯ ވެސް ވިދާޅުވެފައެވެ. އަބްދުއްރަހީމް ވިދާޅުވީ މިހާރު ކުރަމުންދާ މަސައްކަތަކީ ދިވެހި ޒުވާނުންގެ ހިތްތަކުގައި އިސްލާމް ދީނާ މެދު ނަފުރަތު އުފެއްދުމުގެ މަސައްކަތުގައި މި ރާއްޖޭގެ އެހެން ދީންތައް ގެންނަން ކުރާ މަސައްކަތެއް ކަމަށެވެ.
ަރައްޔިތުންގެ ކަންބުޑުވުންތަކާއި އެކު، ނޫސްވެރިން ކުރަމުން ދިޔަ ސުވާލުތަކަށް އެމްއެންޑީއެފްއިން ބުނެފައިވަނީ ގައުމީ ދިފާއީ ބާރުގެ ލެވެލް މަތިކޮށްފައިވަނީ ކަނޑަ އެޅިގެން ވަކި ނުރައްކަލެއް ނުވަތަ ތްރޭޓެއް އޮވެގެން ނޫން ކަމަށެވެ. އެމްއެންޑީއެފްގެ ތަރްޖަމާނު މޭޖާ އިބްރާހިމް އާޒިމް ވިދާޅުވީ ސިފައިންގެ އެލާޓް ލެވަލް ވަނީ އާދައިގެ ލެވަލް އަށްވުރެއް ”އެއްލެވަލް“ މަތިކުރެވިފައި ކަމަށެވެ. މިއީ ކަނޑަ އެޅިގެން ވަކި ނުރައްކަލެއް ނުވަތަ ތްރޭޓެއް އޮވެގެން އެޅި ފިޔަވަޅެއްނޫން ކަމަށާ އެލާޓް ސްޓޭޓަސް މަތިކުރީ ދުރާލާ ރައްކާތެރި ފިޔަވަޅުތައް އިތުރުކުރުމަށް އާޒިމް ވިދާޅުވިއެވެ.
އެމްއެންޑީއެފްގެ ސްޓޭޓަސް ”ޔެލޯ2“ އަށް ޖައްސާނީ ގައުމުގެ ސުލްހަ މަސަލަސްކަމާއި އަމަންއަމާން ކަމަށް ބުރޫއަ އަރާ ފަދަ ކަމަކާ ކުރިމަތާނެ ކަމަށް ބެލެވުން ނުވަތަ އެފަދަ މައުލޫމާތެއް ލިބުމުންނެވެ.

