ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތްރެޓެއް ނެތް، މިއީ ފަތުރުވެރިކަމުގެ ސީޒަނާއި ދިމާކޮށް ސެކިއުރިޓީ ކަންކަން ވަރުގަދަ ކުރުމުގެ ހަރަކާތެއް: ރައީސް އޮފީސް

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ގައުމީ ދިފާއީ ބާރުން ހަތިޔާރާއި އެކު މަގުތަކަށް ނިކުމެ، އޮޕަރޭޝަން ފަށާފައިވަނީ މި ދުވަސްވަރު ރާއްޖެއަށް ޒިޔާރާތްކުރާ ފަތުރުވެރިގެން ސަލަމާތާއި ރައްކާތެރިކަން އިތުރަށް ޔަގީންކުރަން ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

ރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ އެލާޓް ސްޓޭޓަސް މައްޗަށް ޖައްސައި ”ޔެލޯ 2“ އަށް ވަނީ ބަދަލުކޮށް އެމްއެންޑީއެފްއިން ވަނީ އެކަން އާއްމުކޮށް އިއުލާނުކޮށްފައެވެ. ލެވެލް މަތި ކުރުމަށްފަހު، ނޫސްވެރިންގެ އެމްއެންޑީއެފް ގްރޫޕުގައި ތަރުޖަމާނު ވިދާޅުވީ އެލާޓް ނެރެނީ ގައުމުގެ ސުލްހަ މަސަލަސްކަމާއި އަމަންއަމާން ކަމަށް ބުރޫއަ އަރާ ފަދަ ކަމަކާ ކުރިމަތާނެ ކަމަށް ބެލެވުން ނުވަތަ އެފަދަ މައުލޫމާތެއް ލިބުމުން ކަމަށެވެ. އެހެން ނަމަވެސް، އޭގެ ފަހުން ފަހުން ސިފައިން ބުނެފައިވަނީ އެލާޓް ލެވަލް މަތިކުރީ ވަކި ނުރައްކަލެއް އޮވެގެން ނޫން ކަމަށާއި އެއީ ދުރާލާ ރައްކާތެރި ފިޔަވަޅުތައް އިތުރުކުރުމަށް އެޅި ފިޔަވަޅެއް ކަމަށެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވީ މި ދުވަސްވަރަކީ ރާއްޖޭގެ ފަތުރުވެރިކަމަށް އެންމެ ބޮޑު ކުރިއެރުމެއް ލިބިގެންދާ ދުވަސްވަރު ކަމަށެވެ. އަހަރުގެ ފަހުކޮޅު ރާއްޖެއަށް ގިނަ އަދަދެއްގެ ފަތުރުވެރިން އަންނައިރު އެ މީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް މީގެ ކުރިންވެސް ފިޔަވަޅުތައް އަޅާކަން ހޫދު ފާހަގަކުރެއްވިއެވެ. އެހެން ކަމުން، އެއީ ސީދާ ވަކި ނުރައްކަލެއް އޮވެގެން ނެރެފައިވާ އެލާޓެއް ނޫންކަމަށް ހޫދު ވިދާޅުވިއެވެ.

”ވިޖިލަންސް އެކްސައިޒްކުރުމަކީ ނެތްކަމެއް ނޫން. އޭގެ މާނައަކީ ދިވެހިންނަށް ވެސް ނުވަތަ ޓޫރިސްޓުންނަށްވެސް ސީދާ ނުރައްކަލެއް އޮވެގެންނެއްނޫން އެކަން ކުރަންޖެހޭނީ“ 

އެލާޓާއި އެކު، އެމްއެންޑީއެފްއިން ވަނީ، ކަނޑުމަތީގެ އުޅަނދުތައް ހުއްޓުވައި ބަލާ ފާސްކުރުން ކުރިޔަށް ގެންދާނެ ކަމަށް ބުނެފައެވެ. އަދި އެމްއެންޑީއެފްގެ އެލާޓް މައްޗަށް ޖައްސައި ހިންގާ އެފަދަ އޮޕަރޭޝަންތަކަކީ ގައުމުގެ މަސްލަހަތާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި ކުރެވޭ ކަމަށް ވާތީވެ ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށް ޔަގީން ކުރާ ކަމަށް އެ އިދާރާއިން ބުންޏެވެ.

އެމްއެންޑީއެފްގެ އެލާޓާއި އެކު، ނޭޝަނަލް ކައުންޓާރ ޓެރަރިޒަމްއިން ވެސް ބަޔާނެއް ނެރުނެވެ. އެގޮތުން އެ ބަޔާނުގައި ބުނެފައިވަނީ އިތުރުވަމުން އަންނަ ހަރުކަށި ވިސްނުމާއި ގުޅޭ އެއްވެސް މައުލޫމާތެއް އިނގޭނަމަ އެ އިދާރާއާއި ހިއްސާކުރުމަށް އެދޭ ކަމަށެވެ. އެ ބަޔާނުގައި އިތުރު ވާހަކައެއް ފާހަގަކޮށްފައި ނުވާއިރު ހަރުކަށި ވިސްނުމާއި ޓެރަރިޒަމްގެ އަމަލުތައް ހުއްޓުވުމަށް އެކި ކަންކޮޅުތަކުގައި އޮޕަރޭޝަންތައް ކުރިޔަށްގެންދާކަން ވަނީ ފާހަގަކޮށްފައެވެ.

ރާއްޖޭގެ ފަތުރުވެރިކަން އެންމެ ރަނގަޅުވާ ދުވަސްވަރާއި ދިމާކޮށް މިފަދަ އެލާޓެއް ނެރުމާއި ގުޅިގެން ގައުމެއް އިގްތިސާދަށް ލޮޅުންތަކެއް އައިސްދާނެ ކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ. އެގޮތުން، ބައެއް ފަތުރުވެރިންނަށް ހިދުމަތްދޭ ރިސޯޓުތަކާއި، ގެސްޓް ހައުސް އަދި ސަފާރީތަކުން ވަނީ އެ ފަތުރުވެރިންގެ ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަަވަޅުތައް އަޅާފައެވެ. ބައެއް ފަރާތްތަކުން ވަނީ، މި އެލާޓާއި އެކު ބައެއް ބުކިން ކެންސަލޭޝަންތަކެއް އަންނާނެ ކަމަށް ބުނެފައެވެ. އެހެން ނަމަވެސް، ”ސަންގު“ އިން ބައެއް އޭޖެންސީތަކާއި ވާޙަކަ ދެއްކުމުން ވަނީ އެފަދަ ކަމެއް އަދި ފާހަގަނުވާކަމަށް ބުނެފައެވެ. އެހެން ނަމަވެސް، ބައެއް ފަތުރުވެރިން އެކަމުގެ މައުލޫމާތު ބޭނުންވެގެން އުޅޭކަމަށް އެ އޭޖެންސީތަކުން ވަނީ ބުނެފައެވެ.

ތުރެޓެއް ނެތި އެލާޓް ލެވެލް މަތިކުރުމާ ގުޅިގެން، އިދިކޮޅުގެ އިތުރުން ޓޫރިޒަމް ދާއިރާގެ ބައެއް ވިޔަފާރިވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށް، ސަރުކާރަށް ފާޑުކިޔުންތައް އަމާޒުކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: