ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެއްބައިވަންތަ ކަމުގެ ދުވަހު މާޒީން އިބުރަތް ލިބިގަނެ، މަޝްވަރާ އިސްކުރަން ޖެހޭ: އެމްއާރްއެމް

ޝެއާރކޮށްލާ ކަހަލަދޯ؟

އެއްބައިވަންތަކަމުގެ ދުވަހަކީ އެދުވަހުން އިބުރަތް ލިބިގަނެ،  ވަކިވެގެންދިޔަ އަޚުންނާއި އުޚުތުންގެ ފުރާނައަށް ﷲ ސުބުޙާނަހޫ ވަތަޢާލާގެ މަތިވެރި ރަޙުމަތާއި ޘަވާބަށް އެދި ދުޢާކުރުމުގެ ދުވަހެއް ކަމަށް މޯލްޑިވްސް ރިފޯރމް މޫވްމެންޓް އެމްއާރްއެމްއިން ބުނެފިއެވެ.

އެމްއާރްއެމްއިން އެފަދައިން ބުނެފައިވަނީ، އެ ޕާޓީން ނެރުނު ބަޔާނެއްގައެވެ. މިއަދަކީ ދިވެހިރާއްޖޭގެ ޤައުމީ އެއްބައިވަންތަކަމުގެ ދުވަސް ކަމަށްވާއިރު، މީގެ ފަނަރަ އަހަރު ކުރީން އައި ޑިސެމްބަރުމަހުގެ ސައްބީސްވަނަ ދުވަހު ދިވެހިރާއްޖެއަށް ކުރިމަތިވި ސުނާމީގެ ނުރައްކައުތެރި ކާރިސާއާއި ގުޅިގެން އެދުވަހު ދިވެހި ޤައުމުގެ ލޮބިވެތި ރައްޔިތުން ދެއްކެވި ޤައުމީ އެއްބައިވަންތަ ކަމުގެ ޒިކުރާ އާ ކުރުމުގެ މުހިއްމު ކަމަށް އެ ބަޔާނުގައި އަލިއަޅުވާލާފައިވެއެވެ.

މީގެ އިތުރުން، 2004 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު ދިވެހި ރައްޔިތުންނަށް ކުރިމަތިވި ކާރިސާއަކީ އޭގެ ކުރިން ދުވަހަކުވެސް ދިވެހީން ދެކެފައި ނުވާފަދަ ހިތާމަވެރި ހާދިސާ އެއް ކަން އެ ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ.. އެދުވަހު ރާއްޖޭގެ އެތައް ރަށަކަށް އެރި ސުނާމީގެ ސަބަބުން އަޅުގަނޑުމެންގެ ތެރެއިން 82 މީހުން ނިޔާވެފައި ވެއެވެ. އަދި 26 މީހަކު ވީނުވީއެއް ނޭނގި ގެއްލިފައި ވެއެވެ. ސުނާމީގެ ރާޅުތަކުގެ ސަބަބުން ފަނަރަ ހާހެއްހާ މީހުންގެ ގެދޮރު ހަލާކުވެ ގޮސްފައި ވެއެވެ. އަދި ރާއްޖޭގެ އާބާދީގެ 60 އިންސައްތައެއްގެ މަތީ އަދަދެއްގެ މީހުންނަށް އެކި ކަހަލަ ގެއްލުންތައް ލިބިފައި ވެއެވެ.

”މިއަދު އަޅުގަނޑުމެން މިދުވަސް ފާހަގަކުރަމުން ދާއިރު، އަޅުގަނޑުމެންގެ ހިތައް ގެންނަންވީ އެދުވަހު އެ ކާރިސާ އާ ގުޅިގެން މުޅިޤައުމަށް ވެރިވެފައިއޮތް ނާމާން ކަމާއި ހިތްދަތިކަމާ ކުރިމަތި ލުމުގައި ދިވެހިރައްޔިތުން ދެއްކެވި ހަރުދަނާ ޤައުމީ އެއްބައިވަންތަ ކަމެވެ. އިސްލާމީ ވަރުގަދަ ޢަޤީދާ އާއެކު ދިވެހި ރައްޔިތުން ސާބިތުކޮށްދެއްވި ކެތްތެރި ކަމާއި ހިތްވަރު ގަދަކަމެވެ. ކިޔަމަންތެރި ކަމާއި އިޚުލާޞްތެރި ކަމެވެ. މިކަން ކަމުގެ ނަތީޖާއަކަށްވީ އަޅުގަނޑުމެން އެންމެންވެސް ޤަބޫލުކުރަން ޖެހޭނެ ފަދައިން، އެދުވަހު ޙާލުގައި ޖެހުނު އަޚުންނާއި އުޚުތުންނަށް ބޭނުންވި އެހީތަށް ހަމަ ވަގުތުން އެފަރާތްތަކަށް ފޯރުކޮށްދިނުމެވެ. އަދި އެކަމުން ލިބުނު ގެއްލުންތައްބަލާ ފުރިހަމަ ރޭވުންތަކާއެކު އެކަންކަން ރަނގަޅު ކޮށްދެއްވުމެވެ.“

އެ ބަޔާނުގައި 2004 ވަނަ އަހަރު ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު ރާއްޖެއަށް ދިމާވި ސުނާމީގެ ހާދިސާ އަކީ ﷲ ސުބުހާނަހު ވަތަޢާލާ ކުރިމަތި ކުރެއްވި ވަރަށް ވަރުގަދަ އިމްތިޙާނެއްކަމަށް ބުނެފައިވެއެވެ. އެ އެއިމްތިޙާނުން ޙާޞިލްވި އެންމެ މަތިވެރި އިބުރަތަކީ ޤައުމީ އެއްބައިވަންތަ ކަމުގެ މުހިންމުކަން ކަމަށް އެ ބަޔާނުގައިވެއެވެ.

ޤައުމަށް ދިމާވާ ބޮޑެތި ކަންތައް ތަކުގައި ސިޔާސީ ފިކުރު ތަކާއި ޚިޔާލު ތަފާތުވުންތައް އެއްފަރާތްކޮށް ސަރުކާރާއި ރައްޔިތުންގެ އެންމެން އެއްބައެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ބޭނުންތެރި ކަމެއްކަން އެމްއާރްއެމްއިން ފާހަގަކުރެއެވެ. އެހެންކަމުން މިއަދު، ޤައުމަށް ދިމާވާ ބޮޑެތި ކަންތައްތަކުގައި ޤައުމީ އެއްބައިވަންތަ ކަމަށް އިސްކަން ދެއްވުމަށެވެ.

ދިވެހީންގެ އިޞްލާޙީ ޙަރަކާތް ތަކަކީ އެކުވެރިކަމާއި އެއްބައިވަންތަ ކަމާއެކު މަޝްވަރާ ކޮށްގެން ކުރާ މަސައްކަތްތަކެއް ކަމުގައި ހެއްދެވުމަށް އެމްއާރްއެމްއިން ގޮވާލައެވެ. މާޒީގެ ޢިބްރަތުން އަޅުގަނޑުމެންނަށް ލިބިފައިވާ ފިލާވަޅުތައް މުސްތަޤުބަލް ބިނާކުރުމުގައި ބޭނުން ކުރެއްވުމަށް އެމްއާރްއެމްއިން އިލްތިމާސްކުރެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: