ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަހަރީ ބޮޑު ޗުއްޓީ ދެބައިކުރުން: އަންނަ އަހަރުން ފެށިގެން ދަރީންނާއި އެކު އާއިލާތަކަށް ވަގުތު ހޭދަ ކުރެވޭނެ!

އަހަރީ ބޮޑު ޗުއްޓީ ދެބައިކުރުން، އަންނަ އަހަރުން ފެށިގެން ދަރީންނާއި އެކު އާއިލާތަކަށް ވަގުތު ހޭދަ ކުރެވޭނެ!
ޝެއާރކޮށްލާ ކަހަލަދޯ؟

މުވައްޒަފުންނަށް އަހަރީ ޗުއްޓީ ދިނުމުގައި މިހާރު ދިމާވާ ދަތިތަކަށް ލުޔެއް ގެނެސްދިނުމަށާއި، ދަރިވަރުންނަށް އާއިލާއާއި އެކު ވަގުތު ހޭދަ ކުރުމުގައި ފުރުސަތު ދިނުމަށް އަންނަ އަހަރުން ފެށިގެން ސްކޫލުތަކުގެ އަހަރީ ބޮޑު ޗުއްޓީ ދެ ބަޔަކަށް ބަހާލައި ބޮޑު ބަދަލެއް ގެންނަން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވަނީ ސްކޫލުތައް ޗުއްޓީ އަށް ބަންދުކުރާ ނޮވެމްބަރު އަދި ޑިސެމްބަރު މަހަކީ ޓޫރިޒަމް ދާއިރާގެ އެންމެ ބާރު ބޮޑު ދުވަސްވަރު ކަމަށެވެ. އަދި ގިނަ ބެލެނިވެރިން އެ ދާއިރާގައި މަސައްކަތް ކުރާއިރު އާއިލާއާއި އެކު ހޭދަކޮށްލާނެ ވަގުތުކޮޅެއް ނުލިބޭ ކަމަށެވެ. އެހެން ކަމުން ކޮންމެ ކުއްޖަކު ވެސް އާއިލާގެ މެމްބަރުންނާއި އެކު ބޮޑު ޗުއްޓީ ހޭދަ ކުރުމުގެ ފުރުސަތު ދިނުމަށް މިހާރުއޮންނަ ބޮޑު ޗުއްޓީގެ އުސޫލަށް ބަދަލު ގެނައީކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.

ދިރާސީ އަހަރު ނިންމުމަށްދޭ ”ބޮޑު ޗުއްޓީއަށް“ ގެނައި ބަދަލާއި އެކު 2020 ވަނަ އަހަރުގެ ސުކޫލްތަކުގެ އަހަރީ ޗުއްޓީގެ ފުރަތަމަ ބައި 31 މެއި 2020 ފެށިގެން 11 ޖޫން 2020 އަދި ދެވަނަ ބައި ހައެއް ޑިސެންބަރު 2020 ފެށިގެން ހަތެއް ޖަނަވަރީ 2021 އަށް ބަދަލުވެގެންދާނެއެވެ.

މިހާރު އޮންނަ އުސޫލުން ނަމަ ދަރިވަރުންގެ ކިޔެވުން ނިމި ދެ ވަނަ ޓާމުގެ ރިޕޯޓު ފޮތާ އެކު ނޮވެމްބަރު މަހު ސްކޫލުތައް ބަންދުވެއެވެ. އަދި އެއަށްފަހު ދިރާސީ އާ އަހަރުގެ ކިޔެވުން ފަށަނީ ޖެހިގެން އަންނަ ޖެނުއަރީ މަހުގެ ތެރޭގަ އެވެ. އޭގެ އިތުރުން ބައެއް އިމްތިހާނުތަކަށްފަހު އަހަރުގެ ތެރޭގައި އެއް ހަފުތާގެ ދެ މިޑްޓާމް ބަންދާއި އެއް ޓާމް ބަންދު ލިބެ އެވެ. އެއީ މާޗު މަހު ލިބޭ މިޑް ޓާމް ބަންދާއި ޖޫން މަހު ލިބޭ ފުރަތަމަ ޓާމްގެ ބަންދުގެ އިތުރުން އޮގަސްޓް-ސެޕްޓެމްބަރުގައި ލިބޭ ދެ ވަނަ ޓާމުގެ މިޑް ޓާމް ބަންދެވެ.

ބޮޑު ޗުއްޓީ ދުވަސްވަރަށް ބަދަލު ގެނައުމާއި އެކު، މިދިޔަ އަހަރުގެ ފަހުކޮޅު ބޮޑު ޗުއްޓީ ދުވަސްވަރު ބަދަލު ކުރުމަށް ގޮވާލާ ޕެޓިޝަނެއްގައި ސޮއިކޮށްފައިވެސް ވެއެވެ. އޭރު ޕެޓިޝަންގައި ސޮއިކުރި ފަރާތްތަކުން ޑިމާންޑު ކުރީ ޓޫރިޒަމް އެންމެ ދަށް ދުވަސްވަރު ކަމަށްވާ ޖޫން-އޮގަސްޓަށް ބޮޑު ޗުއްޓީ ބަދަލުކުރުމަށެވެ. ބައެއް މީހުން ދެކޭގޮތުން ދެކޭ ގޮތުގައި އަހަރުގެ ކޮންމެ ހިސާބަކަށް ޗުއްޓީ ބަދަލުކުރިޔަސް ހުރިހާ މުވައްޒަފުންނަށް ޗުއްޓީ ލިބޭނެ އެއްވެސް ގޮތެއް ނޯންނާނެ އެވެ.

ސްކޫލްތަކުގެ ބޮޑު ޗުއްޓީ އަންނަ ޑިސެމްބަރު-ޖެނުއަރީއަކީ ޓޫރިޒަމްގެ ހައި ސީޒަން ކަމަށް ވާތީ އެ ދާއިރާގައި އުޅޭ ގިނަ މީހުންނަށް އެ ދުވަސްވަރު ޗުއްޓީއެއް ނުލިބޭ ވާހަކަ އަބަދުވެސް ދެކެެވެއެވެ. ޓޫރިޒަމްގެ ހައި ސިީޒަނާއި، ސްކޫލުގެ ބޮޑު ބަންދާއި ދިމާވުމުގެ އަނެއް މައްސަލައަކީ ސްކޫލް ބަންދުގައި ތަންތަނަށް އާއިލާއާއި އެކު ދަތުރުކުރާ މީހުންނަށް ދިމާވާ ދަތިތަކެވެ. އެހެން ނަމަވެސް، މި ދުވަސްވަރަކީ ދުނިޔޭގެ އެކި ގައުމުތަކުގެ މޯލްތަކުގައި ސޭލް އެޅުވުމާއި އެކު، ދަތުރުކުރުމުގެ ޕެކޭޖުތައް ތައްޔާރުކުރާ ދުވަސްވަރެވެ.

ސްކޫލް ޗުއްޓީ އަހަރުގެ އެހެން ދުވަސްކޮޅަކަށް ބަދަލުކޮށްފި ނަމަ ޓޫރިޒަމް އަދި ޓްރެވަލް އިންޑަސްޓްރީ ނޫން ބައެއް ދާއިރާތަކުގެ މަސައްކަތްތެރިންނަށް ވެސް އުނދަގޫތަކެއް ވެއެވެ. އޭގެ ތެރޭގައި ބޭންކުތަކާއި، ބޮޑެތި ވިޔަފާރި ކުންފުނިތައް ހިމެނެއެވެ. އެއީ، މުވައްސަސާތަކަށް ހުށަހަޅަންޖެހޭ ބަޔަންތައް ތައްޔާރުކުރުމަށް އަހަރުގެ ފަހުކޮޅު ކުންފުނިތަކުގެ މުވައްޒަފުން ވަޒީފާގައި ގިނަ ވަގުތު ހޭދަ ކުރަންޖެހޭތީއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: