ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) ގެ ފަރާތުން ވާދަ ކުރަން ބޭނުންވާ ކެންޑިޑޭޓުންނަށް ފުރުސަތު ހުޅުވާލައިފި އެވެ.
ލޯކަލް ކައުންސިލް އިންތިހާބުގައި ސިޔާސީ ޕާޓީތަކުގެ ޓިކެޓުގައި ވާދަކުރުމަށް އެ ޕާޓީތަކުން ވަނީ ހުޅުވާލާފައެވެ. އިލެކްޝަންސް ކޮމިޝަނުން، ރަސްމީކޮށް އިންތިހާބުގައި ވާދަކުރުމަށް ފޯމު ހުށަހެޅުމުގެ ފުރުސަތު އަދި ހުޅުވައެއް ނުލައެވެ. އިންތިހާބު ބާއްވާނެ ތާރީހެއްގެ ގޮތުގައި އީސީން ހާމަަކޮށްފައިވަނީ އޭޕްރިލް މަހުގެ 4 ވަނަ ދުވަހެވެ.
ކައުންސިލް އިންތިހާބާއި ގުޅޭގޮތުން އެމްއާރުއެމްއިން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިންތިހާބުގައި އެ ޕާޓީ ތަންސީލުކޮށް ވާދަކުރުމަށް ބޭނުންވާ ހުރިހާ ފަރާތްތަކަށް ވެސް އެ ފުރުސަތު އޮންނާނެ ކަމަށެވެ. އެގޮތުން ޕާޓީގެ ކައުންސިލް އިންތިޚާބުގައި ވާދަ ކުރުމަށް އެ ފަރާތެއްގެ ފުރިހަމަ ނަމާއި، ދިވެހި ރައްޔިތެއްކަން އަނގައިދޭ ކާޑު ނަންބަރާއި ވާދަ ކުރަން އެެދޭ ކައުންސިލްގެ ނަން ޖެއްސެވުމަށް ފަހު އެ ޕާޓީއާއި ހިއްސާ ކުރުމަށް އެމްއާރުއެމްއިން ވަނީ އެދިފައެވެ.
ލާމަރުކަޒީ ޤާނޫނަށް ގެނައި އިސްލާހުގައި އަންހެނުންނަށް 33 އިންސައްތަ ދިނުމަށް ފާސްކުރުމަށް ވެސް އެމްއާރުއެމްއިން ވަނީ މަރުހަބާ ކިޔާފައެވެ. އަދި އެއީ ސިޔާސީ މައިދާނުގައި އަންހެހުން ބާރުވެރިކުރުވުމަށް ކުރަމުންދާ މަސައްކަތަށް ލިބިގެންދިޔަ ކުރިއެރުމެއްކަން ފާހަގަކޮށް އެމްއާރުއެމްއިން ވަނީ ލޯކަލް ކައުންސިލް އިންތިޚާބުގައި ގިނަ އަންހެން ބޭފުޅުން ވާދަ ކުރެއްވުމަށް އިލްތިމާސްކޮށްފައެވެ. އަދި އެމްއާރްއެމުން އަބަދުވެސް ސިޔާސީ މައިދާނުގައި އަންހެނުން ހަރަކާތްތެރި ވުމަށް ފުރުސަތު ހޯދައި ދިނުމަށް މަސައްކަތް ކުރާނެ ކަމަށް ވެސް އެ ޕާޓީން ވަނީ ބުނެފައެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އިސްކޮށް ހުންނަވާ އުފެއްދެވި އެމްއާރްއެމަކީ އެންމެ ފަހުން ރަޖިސްޓްރީ ކުރި ސިޔާސީ ޕާޓީއެވެ.

