ސްކިލްޑް އަދި ޕްރޮފެޝަނަލް މަގާމުތަކަށް ގެންނަ ބިދޭސީން ހުއްދައަށް އެދޭއިރު އެފަރާތްތަކުގެ ސަނަދުގައި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ”ވެލިޑޭޝަން“ ތައްގަނޑު ޖަހައިގެން ހުށަހަޅަންޖެހޭގޮތަށް ބަދަލުގެނައުމަށް ނިންމައިފިއެވެ.
އިކޮނޮމިކް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ 2020ގެ ޖެނުއަރީގެ 1ވަނަ ދުވަހުން ފެށިގެން ”އެމްޕްލޮއިމަންޓް އެޕްރޫވަލް“އަށް އެދި ހުށަހަޅަންޖެހޭނީ ކޮލިފިކޭޝަން އޮތޯރިޓީގެ ތައްގަނޑު ޖެހި ސަނަދުތަކާއެކުކަމަށެވެ.
އިކޮނޮމިކް މިނިސްްޓްރީން ވިދާޅުވީ، އޮންލައިންކޮށް ހުށަހަޅާ ސަނަދުތަކަކީ އަސްލާއި އެއްގޮތްކަމުގެ ތައްގަނޑު ޖެހުމުގެ ގަވާއިދާ އެއްގޮތަށް ތައްގަނޑު ޖަހާފައިވާ ސަނަދުތަކަށް ވާންޖެހޭނެކަމަށެވެ.
ގަވާއިދާ ހިލާފަށް ރާއްޖެއަށް ބިދޭސީން ގެންނަ މިންވަރު އިތުރުވުމާއި ގުޅިގެން އިކޮނޮމިކް މިނިސްޓްރީންވަނީ ބިދޭސީން މަސައްކަތު ގެނައުމުގެ އުސޫލުތަކަށް ބަދަލު ގެނައުމުގެ މަސައްކަތް ފަށާފައެވެ. ކުރިއަށް އޮތްތަނުގައި ބިދޭސީން ޕްރޮޖެކްޓްތަކަށް ގެނެވޭނީ ”ބިދޭސީން ވަޒީފާއަށް ގެނައުމަށް ކޯޓާއަށް އެދި ހުށައަޅާ ޕްރޮޖެކްޓް ފޯމް“ ފުރުމަށްފަހުކަމަށް މިނިސްޓްރީން ވިދާޅުވެއެެވެ.
މި ފޯމަކީ ބިދޭސީން ވަޒީފާއަށް ގެނައުމަށް ކޯޓާއަށް އެދި ހުށައަޅާ މަސައްކަތް ނުވަތަ ޕްރޮޖެކްޓަކީ އެފަރާތާއި ހަވާލުކުރެވިފައިވާ މަސައްކަތެއްކަން ކަށަވަރުކުރުމަށް ހުށަހަޅާ ފޯމަކަށް ވާއިރު، މި ފޯމު ހުށަހަޅަންޖެހެނީ ޕަބްލިކް ނޯޓަރީއަކުން ނޯޓަރައިޒްކޮށް ނުވަތަ ސިވިލް ކޯޓުގައި ރެޖިސްޓްރީ ކުރުމަށް ފަހުގައެވެ.

