ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިސްލާމީ ޝަރީއަތުގެ ގިނަ ކަންކަމުގައި ސުންނަތުން ރުޖޫއަނުވެ، ގުރުއާނުން އެކަނި ދަލީލު ނަގައިގެން އަމަލު ކުރުމަކީ މުސްތަޙީލު ކަމެއް: ހުތުބާ

އިސްލާމީ ޝަރީއަތުގެ ގިނަ ކަންކަމުގައި ސުންނަތުން ރުޖޫއަނުވެ، ގުރުއާނުން އެކަނި ދަލީލު ނަގައިގެން އަމަލު ކުރުމަކީ މުސްތަޙީލު ކަމެއް ކަމަށް ހުކުރު ހުތުބާގައި ބުނެފި
ޝެއާރކޮށްލާ ކަހަލަދޯ؟

އިސްލާމީ ޝަރީއަތުގެ ގިނަ ކަންކަމުގައި ސުންނަތުން ރުޖޫއަނުވެ، ގުރުއާނުން އެކަނި ދަލީލު ނަގައިގެން އަމަލު ކުރުމަކީ މުސްތަޙީލު ކަމެއް ކަމަށް ހުކުރު ހުތުބާގައި ބުނެފިއެވެ.

ހުތުބާގަައި ބުނެފައިވަނީ ސުންނަތަކީ ކީރިތި ރަސޫލާ (ސ) ގެ އަރިހުން ސާބިތުވެފައިވާ ބަސްފުޅުތަކާއި، އަމަލުފުޅުތަކާއި، ކީރިތި ރަސޫލާގެ ކުރިފުޅުމަތީގައި ކަމެއް ހިނގަނިކޮށް ފެނިވަޑައިގެން އެކަމަށް އިންކާރު ނުކުރަށްވާ ކޮންމެ ކަމަކާއި އެކަލޭގެފާނުގެ ޒަމާނުގައި ހިނގި ކަމެއް އެނގިވަޑައިގަތުމުން އެކަމާއި އިންކާރު ނުކުރައްވާ ކޮންމެ ކަމެއް ކަމަށެވެ.

އެހެން ނަމަވެސް ސުންނަތޭ ބުނުމުން މުސްލިމުންގެ ތެރެއިން ގިނަ ބަޔަކަށް ވިސްނިފައި އޮންނަނީ އެއީ ކުރުމާއި ނުކުރުން ހަމަހަމަ ކަންތައް އެކަނި ގޮތުގައި ކަމަށެވެ. އަދި ޝަރުއީ ކަމެއް ސުންނަތުން ސާބިތުވީ ނަމަވެސް ޤުރުއާނުގައި ޞަރީޙަކޮށް އޭގެ ޙުކުމް އައިސްފައި ނުވާނަމަ، އެއީ ކުރުމުން ޡަވާބު ލިބޭ އަދި ނުކޮށް ދޫކޮށްލި ނަމަވެސް އަަޒާބު ނުލިބޭ ކަމެއް ކަމުގައި ކަމަށެވެ. އޭގެ އިތުރުން އަނެއް ބަޔަކު ދެކޭ ގޮތުގައި މުސްލިމުން އަމަލު ކުރަންޖެހޭ ހުރހާ ކަމެއް މާތްﷲ ގުރުއާނުގައި ބަޔާން ކުރައްވާފައިވާކަމަށް ގަބޫލު ކުރާކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.

ހުތުބާގައި ބުނެފައިވަނީ އެ ވިސްނުމަކީ ވަރަށް ބޮޑު އޮޅުމެއް ކަމަށާއި، އިސްލާމީ ޝަރީއަތުގެ ގިނަ ކަންކަމުގައި ސުންނަތުން ރުޖޫއަނުވެ، ގުރުއާނުން އެކަނި ދަލީލު ނަގައިގެން އަމަލު ކުރުމަކީ މުސްތަޙީލު ކަމެއް ކަމަށެވެ. ނަމާދަކީ ދީނުގެ ތަނބަށް ވީ ހިނދު، އެއީ ޝަހާދަތުގެ ދެކަލިމައަށް ފަހު، ދީނުގެ އެންމެ މުހިންމު ރުކުންގެ ގޮތުގައި ހުތުބާގައި ވަނީ ފާހަގަކޮށްފައެވެ.

”މި މުހިންމު އަޅުކަން ފަރުޟަކަށްވެއްޖެކަން ގުރުއާނުން އެގެން އެބައޮތެވެ. ނަމަވެސް، ނަމާދުން އަދާކުރަންވީ ކިހިނެއް ކަމެއް ގުރުއާނުގައި އައިސްފައި ނުވެއެވެ. ހަމަ އެހެންމެ އެއީ ކިތައް ނަމާދު ކަމެއް ވެސް ގުރުއާނުން އެނގޭކަށް ނެތެވެ. މި ކަންކަން އެނގެނީ ސުންނަތުންނެވެ. އެހެންކަމުން ނަމާދު ކުރަންވީ ގޮތް ކީރިތި ރަސޫލާ ވަނީ ދަސްކޮށް ދެއްވާފައެވެ.“ ހުތުބާ

ހުތުބާގައި ބުނެފައިވަނީ އިސްލާމީ ޝަރީއަތުގެ ފުރަތަމަ މަސްދަރު ކަމުގައި ކީރިތި ގުރުއާން ވީފަދައިން ރަސޫލާގެ ސުންނަތަކީ އެ ޝަރީއަތުގެ ދެވަނަ މަސްދަރު ކަމަށެވެ. އެހެން ކަމުން ގުރުއާން ގަބޫލުކޮށް ރަސޫލާގެ ސުންނަތް ގަބޫލު ނުކުރާނަމަ، އެ މީހެއްގެ ދީން ފުރިހަމަ ނުވާނެ ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.

ބައެއް މީހުން ރަސޫލާގެ ސުންނަތް އައިސްފައިވަނީ އެހާ އިތުބަރު ހުރި ގޮތަކަށް ނޫންކަން ބުނަމުންދާކަން ފާހަގަކޮށް ހުތުބާގައި ބުނެފައިވަނީ އެއީ އެގޮތަށް ގަބޫލު ކުރެވޭނެ ކަންތަކެއް ނޫން ކަމަށެވެ. އެއީ އެއްވެސް ބުރަދަނެއް ހުރި ވާހަކައެއް ނޫން ކަމަށާއި ކީރިތި ރަސޫލާގެ ސުންނަތަކީ އެކަލޭގެފާނަށް ބާއްވައިލެއްވުނު ދީނުގެ ބައެއްކަން ހުތުބާގައި ވަނީ ފާހަގަކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: