ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިދކޮޅުގެ ރިޔާސީ ޓިކެޓު ހޯދުމަށް ބަޔަކު ކުރާ މަސައްކަތް ކާމިޔާބެއް ނުވާނެ، އެއީ ރައީސް ޔާމީންގެ ހައްގެއް: އަދުރޭ

އިދކޮޅުގެ ރިޔާސީ ޓިކެޓު ހޯދުމަށް ބަޔަކު ކުރާ މަސައްކަތް ކާމިޔާބެއް ނުވާނެ، އެއީ ރައީސް ޔާމީންގެ ހައްގެއް: އަދުރޭ
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅު ކޮންގްރެސް ކޯލިޝަން ބައިބައިކޮށް، 2023 ވަނަ އަހަރަށް ޕާޓީގެ ރިޔާސީ ކެނޑިޑޭޓު ހާސިލް ކުރުމަށް މަސައްކަތް ކުރާ ބަޔަކަށް އެކަން ކާމިޔާބު ނުވާނެ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

މަނީ ލޯންޑްރިންގެ ކުށުގައި ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ހުކުމް ގަބޫލުނުކޮށް އެއީ 2023 ވަނަ އަހަރުގެ އިދިކޮޅު ޕީޕީއެމް، ޕީއެންސީގެ ކެނޑިޑޭޓުގެ ގޮތުގައި ކޮންގްރެސް ކޯލިޝަންގެ ކައުންސިލުން ވަނީ ނިންމާފައެވެ. ރައީސް ޔާމީން ޖަލަށްލުމަށް ކުރިމިނަލް ކޯޓުން ހުކުމް ކުރުމާއި ގުޅިގެން އިދިކޮޅު ކޯލިޝަނުން ވަނީ ކުއްލި ރައީސް ޔާމީން މިނިވަން ނުވަނީސް އިދިކޮޅުން މިހާރު ކުރަމުންދާ މަސައްކަތް ހުއްޓާނުލުމަށް ނިންމާފައެވެ. އަދި ރައީސް ޔާމީން މިނިވަން ކުރުމަށް ބައިނަލްއަގްވާމީ ފަރާތްތަކާއި ބައްދަލުކުރުމަށް ވެސް ވަނީ ނިންމާފައެވެ.

ކައުންސިލްއިން ނިންމާފައިވަނީ، ރައީސް ޔާމީނަށް އިއްވާފަނީ ”ސިޔާސީ ހުކުމެއް“ ކަމަށެވެ. އެހެން ކަމުން އެ ހުކުމް ބަލައިގަންނަން ޖެހޭ އެއްވެސް އަސާސެއް ނެތް ކަމަށް ކަނޑައަޅާ ޕާޓީއިން 2023 ވަނަ އަހަރު ނެރޭނެ ރިޔާސީ ކެނޑިޑޭޓަކީ ރައީސް ޔާމީންގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.

ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ ބާއްވަމުން ގެންދާ ހަރަކާތުގެ ތެރެއިން އިދިކޮޅުން ދ. ކުޑަހުވަދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަބްދުއް ރަހީމް ވިދާޅުވީ ޕީޕީއެމާއި ޕީއެންސީ ބައިބައިކޮށް 2023 ގެ ރިޔާސީ ކެންޑިޑޭޓް ކަން ހޯދަން ބަޔަކު ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް އެ ފުރުސަތު ލިބިވަޑައިގަންނަވާނެ ހަމައެކަނި ބޭފުޅަކީ ރައީސް ޔާމީން ކަމަށެވެ.

ބައެއް ބޭފުޅުންނަށް އިދިކޮޅުގެ ކޮޅު ބެދިފައިވާ ކަމަށް ގަބޫލު ކުރެވުނަސް އެއީ ކުށްހީއެއް ކަމަށާއި، ރައީސް ޔާމީންގެ އަގު ވައްޓާލަން މަސައްކަތް ކުރާ އެއްވެސް ބަޔަކަށް އެކަން ކާމިޔާބު ނުކުރެވޭނެ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. ސަރުކާރުގެ އެތެރެއިންނާއި ބޭރުން އިދިކޮޅުގެ މަސައްކަތްތައް ނައްތާލުމަށް މަސައްކަތް ކުރަމުންދާ ކަމުގެ ތުހުމަތު ކުރައްވާ އަބްދުއްރަހީމް ވިދާޅުވީ ”އިދިކޮޅަކީ ވާ ވެއްދޭނެ“ ބައެއް ނޫން ކަމަށެވެ.

އެއްވެސް ބަޔަކު ޖަހާ މަޅިއެއްގައި އިދިކޮޅުގެ ބަޔަކު ނުބެދޭނެކަން ފާހަގަކުރައްވަމުން އަބްދުއްރަހީމް ވިދާޅުވީ އިދިކޮޅުގެ މަސައްކަތްތައް ކުރިޔަށް ގެންދަނީ ވަރަށް ސާބިތުކަމާއި އެކު ކަމަށެވެ. އޭނާ ވިދާޅުވީ ޕާޓީގެ ބޭރުން، އެހެން ބަޔަކު ރިޔާސީ ޓިކެޓު ހޯދުމަށް ކުރަމުންދާ މަސައްކަތް ކާމިޔާބެއް ނުކުރެވޭނެ ކަމަށެވެ.

އިދިކޮޅުން ދަތުރުކުރަމުންދަނީ ވަރަށް ސާފު މަގަމުން ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވިއެވެ. ކޯލިޝަންގެ ލީޑަރުންނަކީ ސަރުކާރު ޖަވާބުދާރީ ކުރުވާ ޒިންމާދާރު ކުރެވޭނެ ފެންވަރުގެ ބޭފުޅުންކަން ވެސް އޭނާ ވަނީ ފާހަގަކުރައްވާފައެވެ. އެހެން ކަމުން ހަނު ތިބުމަށް ފަހު ކުއްލިއަކަށް މިއަދު ނިކުމެ އިދިކޮޅުގެ ނަން ބޭނުންކޮށް ބަޔަކު ދައްކާ ވާހަކައަކުން އެ ކޯލިޝަންގެ ވިސްނުން ބަދަލު ނުވާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

”ޕީޕީއެމް ޕީއެންސީގެ ލީޑާޝިޕަކު ނުހުންނާނެ ރައީސް ޔާމީނަށް ހަރާން ކޯރުވާނެ އެއްވެސް މީހެއް. އަޅުގަނޑުމެން މިއަދު މި ކުރަމުން ގެންދާ މަސައްކަތަކީ ރައީސް ޔާމީން މިނިވަން ކުރުމުގެ މަސައްކަތް އެކަންޏެއް ނޫން. އަޅުގަނޑުމެން މި ކުރަމުން ގެންދާ މަސައްކަތަކީ 2023 ވަނަ އަހަރު ރައީސް ޔާމީން މި ގައުމުގެ ވެރިކަމަށް ގެނައުމަށް ކުރަމުންދާ މަސައްކަތް.“ އަބްދުއްރަހީމް

ފަސް އަހަރު ދުވަހުގެ ޖަލު ހުކުމާއި އެކު ރައީސް ޔާމީނަށް ވަނީ، އެމަނިކުފާނު ރައީސްކަން ކުރައްވަމުން ގެންދަވާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ރައީސްކަން ގެއްލިފައެވެ. އެހެން ނަމަވެސް، ޕީޕީއެމްއިން ވަނީ ރައީސް ޔަމީންގެ މައްޗަށްކޮށްފައިވާ ހުކުމް ގަބޫލު ނުކުރާނަމަ، ޕާޓީގެ ރައީސްކަމުގެ މަގާމު ރައީސް ޔާމީނަށް ގެއްލެން ވީ ސަބަބެއް ނެތްކަމަށް ބުނެފައެވެ.

ރައީސް ޔާމީނަށް ޕީޕީއެމްގެ ރައީސްކަން ގެއްލިގެން ގޮސްފައިވަނީ، 2015 ވަނަ އަހަރުގެ ތެރޭގައި 18 ވަނަ ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން އެމަނިކުފާނު އެ އަހަރުގެ ޖޫން މަހުގެ ފަސްވަނަ ދުވަހު ތަސްދީގުކުރެއްވި ޖަލުތަކާއި ޕެރޯލްގެ ގާނޫނަށް ގެނައި އިސްލާހުގެ ދަށުންނެވެ. އެ އިސްލާހުގައި ވާ ގޮތުން އެ ގާނޫނަށް ވަނީ ”ޖަލުގައި ބަންދުކުރެވޭ މީހުންގެ އަސާސީ ހައްގުތަކާއި މިނިވަންކަން“ ކިޔާ ބާބެއް އިތުރުކޮށްފައެވެ. މިއީ 18 ވަނަ މަޖިލީހުގައި، އެމްޑީޕީގެ ރައީސް ކަމުން ރައީސް މުހައްމަދު ނަޝީދު ވަކި ކުރުމަށް އޭރު ސަރުކާރުގައި ތިއްބަވައިގެން ޕީޕީއެމް، ޕީއެންސީން ވޯޓު ދެއްވައިގެން ގެނައި އިސްލާހެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: