އާ އަހަރާ ދިމާކޮށް ފެށި ”ރިވެލި އޮޕަރޭޝަން“ ހުއްޓާނުލާ ކުރިޔަށް ގެންދާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިއަދު ކުރި ޓުވީޓެއްގައި ބުނީ ”އޮޕަރޭޝަން ރިވެލި“ އަދިވެސް ކުރިޔަށް ގެންދާ ކަމަށާއި އެއީ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ކަމަށެވެ. އެ އޮޕަރޭޝަނާ ބެހޭ އިތުރު ތަފްސީލެއް ނުދެ އެވެ. އާ އަހަރާ ދިމާކޮށް ފުލުހުން ހިންގާ އޮޕަރޭޝަންގައި މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގައި ގިނަ އަދަދެއްގެ ފުލުހުން ހަރަކާތްތެރިވެ އެވެ. އެގޮތުން އުޅަނދުތައް ހުއްޓުވާ ފާސް ކުރުމާއި މީހުން ބަލާ ފާސް ކުރެވެ. އަދި މަސްތުވާތަކެތި އަތުލައިގަތުމަށް ގިނަ މަސައްކަތްތަކެއްކޮށް ރާއްޖޭގެ އެކި ކަންކޮޅުގައި ފުލުހުން ހަރަކާތްތެރިވަމުންދެ އެވެ.
ފުލުހުން ހައްޔަރުކޮށްފައިވާ މީހުންނަށް ބަލާއިރު މަސްތުގެ ހާލަތުގައި ހުރި އެކަކު ރ.މީދުއިން ވަނީ ހައްޔަރުކޮށްފައެވެ. ށ. ޅައިމަގުގައި ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކަމުގެ ތުހުމުގައި ފަސް ގެއެއް ބަލާ ފާސްކޮށް، ތިން މީހަކު ހައްޔަރުކޮށްފައި ވެއެވެ. ށ. ފުނަދޫ އުތުރުފަރާތު ވަލު ތެރޭގައި ބަނގުރާ ބޯން ތިބި ކަމުގެ މައުލޫމާތު ލިބިގެން ހިންގި އޮޕަރޭޝަނުގައި އެތަނުން އެކަކު ހައްޔަރު ކޮށްފައި ވަނީ އެކަކެވެ. އަދި އަނެއް ދެމީހުން ބަނދުރާ ބޯން ތިބިކަމަށް ވަނީ އެރަށުގެ އުތުރުފަރާތު އަތިރިމަތީގައެވެ. ލ.ގަމުން ވެސް ތިން ފިރިހެނަކާއި އަންހެން ކުއްޖަކު ބަނގުރާ ފުޅިއަކާއި އެކު ހައްޔަރު ކުރިއެވެ.
ފުލުހުން އެންމެ ފަހުން އާންމުކުރި ހިސާބުތަކުން ދައްކާ ގޮތުގައި އެ އޮޕަރޭޝަންގެ ތެރެއިން މިހާތަނަށް 65 މީހުން ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި އައްޑޫ އިން 15 މީހުންނާއި މާލެއިން 19 މީހުން އަދި ފުވަމުލަކު 23 މީހުން ހިމެނެ އެވެ. އަދި މިދިޔަ ބުރާސްފަތި ދުވަހާ ހަމަޔަށް ބަންދުގައި ހުރީ 19 މީހުން ކަމަށް ވެސް ފުލުހުން ބުންޏެވެ. އަދި މަސްތުވާތަކެއްޗާއެކު ގދ. ތިނަދޫން 39 އަހަރުގެ މީހަކު ވަނީ ހައްުޔަރުކޮށްފައެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި، ޓްރެފިކް ޕޮލިސްގެ ހެޑް، ސުޕްރިޓެންޑެންޓު އޮފް ޕޮލިސް ހުސައިން ސަމީރު ވިދާޅުވީ، އާ އަހަރު ފާހަގަކުރަން ހިންގާ ހަރަކާތްތަކާއި ގުޅިގެން، މިދިޔަ ހަފުތާގެ އާދިއްތަ ދުވަހުން ފެށިގެން މާލެ ސަރަހައްދުގައި ހާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންދާ ކަމަށެވެ.

