ކައުންސިލަރުންނަކީ ސަރުކާރު ޖަވާބުދާރީ ކުރުވާނެ ބައެއް ނޫންކަމަށާއި، ނަމަވެސް އެއީ ސަރުކާރުގެ ފަށަލައެއް ކަމަށް ޕީއެންސީގެ ފަރާތުން ހދ. ވައިކަރަދޫ ކައުންސިލް މެމްބަރު ކަމަށް ވާދަކުރައްވާ ހުދާ މުހައްމަދު ވިދާޅުވެއްޖެއެވެ.
ހުދާ މިހެން ވިދާޅުވީ އިންތިޚާބީ ކެމްޕޭނުގެ ތެރެއިން ދެއްކެވި ވާހަކަފުޅުގައެވެ.
ހުދާ ވިދާޅުވީ ކައުންސިލްތަކުގެ މެންބަރުންނަކީ ހަމައެކަނި ޕާޓީ ކުރިއަރުވަން ތިބޭ ބައެއް ނޫން ކަމަށެވެ. އަދި ކައުންސިލަރުން ވާންޖެހޭނީ ސަރުކާރާ ގުޅިގެން މަސައްކަތް ކުރަން ދަންނަ ބަޔަކަށް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
”އަޅުގަނޑުމެންނަކީ ސަރުކާރު ޖަވާބުދާރީ ކުރުވާނެ ބައެއް ނޫން. އަޅުގަނޑުމެންނަކީ ސަރުކާރުގެ ފަށަލައެއް. ދައުލަތުގެ މުއައްސަސާއެއް. މިހާރު ތިބި މެމްބަރު ކޮންކަމެއްތޯ ސަރުކާރާ ގުޅިގެން ކުރަނީ؟“ ހުދާ ސުވާލު އުފެއްދެވިއެވެ.
އިދިކޮޅު އެމްޑީޕީއަށް ފާޑުވިދާޅުވަމުން ހުދާ ވިދާޅުވީ، ރީނދޫ ލަޝްކަރުން ބިނާކުރަނިވި ތަރައްގީއެއް ގެންނަ ކަމަށް ބުނި ނަމަވެސް ފެންނަމުންދަނީ ފަނާކުރަނިވި މަންޒަރުތަކެއް ކަމަށެވެ. އަދި ކަމެއް ދިމާވާ ކޮންމެ ފަހަރަކު އެ ފަރާތްތަކުން ނުކުންނަނީ ހަމަނުޖެހުން އުފެއްދުމަށް ކަމަށާއި، އެ މަންޒަރު ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން ވެސް ފެންނަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
މި ފަހަރަކީ ބަދަލުގެ ފަހަރެއްގެ ގޮތުގައި ސިފަކުރައްވަމުން ހުދާ ވިދާޅުވީ، މި ސަރުކާރުން ގިނަ ކާމިޔާބީތަކެއް ހާސިލްކޮށްފައިވާ ކަމަށެވެ. އެގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އޮތް ގޭންގު މާރާމާރީތައް މިހާރު ހުއްޓިފައިވާ ކަމަށާއި، މިއީ ފަހުގެ ތާރީޚެއްގައި އެއްވެސް ވެރިއަކަށް ކުރެވިފައި ނުވާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، މިހާރު ސިޔާސީ ހައްޔަރީންނެއް ނުތިބޭނެ ކަމަށާއި، މިއީ ވެސް މި ސަރުކާރުގެ ހެޔޮވެރިކަމުގެ ނިޝާނެއް ކަމަށް ހުދާ ވިދާޅުވިއެވެ. އަދި ރޯދަމަހުގެ ކަރަންޓު ބިލު ކުޑަކޮށްދިނުމަކީ ވެސް މީގެ ކުރީގެ ސަރުކާރަކުން ކޮށްދީފައިވާ ކަމެއް ނޫންކަން އޭނާ ފާހަގަކުރެއްވިއެވެ.
ހުދާ ވިދާޅުވީ، މި އިންތިޚާބާއެކު ރައްޔިތުންނަށް ހަގީގީ ތަރައްގީ ފެނިގެންދާނެ ކަމަށާއި، އެކަމަށްޓަކައި ސަރުކާރާ ގުޅިގެން މަސައްކަތް ކުރާނެ ކައުންސިލަރުން އިންތިޚާބު ކުރުން މުހިންމު ކަމަށެވެ.

