ޕީއެންސީއަށް ނުވަދެގެން އެއްވެސް ސަރުކާރު ކުންފުންޏެއްގެ އެއްވެސް މީހެއްގެ ވަޒީފާއެއް ނުގެއްލޭނެ ކަމަށާއި، އެ ޕާޓީއަކީ އެންމެ ހަލާލް މެމްބަރުން ގިނަ ޕާޓީ ކަމަށް ބާރަށު ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ޝުޖާއު އެކްސްގައި ވިދާޅުވެފައިވަނީ، ޕީއެންސީއަށް މެމްބަރުން އިތުރުކުރުމުގެ މަސައްކަތަކީ ވަރަށް ހާއްސަ މަސައްކަތެއްގެ ގޮތުގައި ދެކިގެން އެ މަސައްކަތް ވަރަށް ފޯރީގައި ކުރަމުން އަންނަ ކަމަށެވެ. އަދި މިހާރު އެއްވެސް ދިވެހި ރައްޔިތަކަށް އެ މީހާއަށް ނޭނގި ސިޔާސީ ޕާޓީއަކަށް ނުވެެއްދޭނެ ކަމަށް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ޕީއެންސީއަށް ނުވަދެގެން އެއީ ސަބަބެއް ކަމަށް ބަލައިގެން އެއްވެސް މީހެއްގެ ވަޒީފާ ނުގެއްލޭނެ ކަމަށާއި އެގޮތަށް ވަޒީފާތައް ގެއްލިފައިވަނީ ރައީސް ނަޝީދު، ރައީސް ސޯލިހު އަދި ރައީސް ޔާމީންގެ ވެރިކަންތަކުގައި ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި، މިދިޔަ ސަރުކާރުތަކުގައި ކުންފުނިތަކުގެ މުވައްޒަފުންނަށް ކުލަ ކާޑު ދީގެން ޖަލްސާތަކަށް ދިޔުމަށް މަޖުބޫރުކުރުވި ކަމަށާއި އެކަންކަން ކުރުވި ސިޔާސީ ވެރީން މިއަދު އެ ވާހަކަ ދެއްކުމުން ރައްޔިތުން ބަލައެއް ނުގަންނާނެ ކަމަށެވެ.
އެއްވެސް ރައްޔިތަކަށް ނޭނގި އެ ރައްޔިތަކު ޕީއެންސީގައި ދަފްތަރުކުރެވިފައިވާނަމަ އެކަން ރިޕޯޓުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އޮންނާނީ ކުރިން ހުޅުވާލާފައި ކަމަށާއި އެއީ ރާއްޖޭގެ ސިޔާސީ ތާރީހުގައި އެގޮތަށް ހުޅުވާލި ފުރަތަމަ ފަހަރު ކަމަށް ވެސް ޝުޖާއު ވިދާޅުވިއެވެ.
އެގޮތަށް ހުޅުވާލި މުއްދަތުގައި އެއްވެސް ރައްޔިތަކު ނުހައްގުން އެ ޕާޓީގައި ދަފްތަރުކުރެވިފައިވާކަމުގެ އެއްވެސް ޝަކުވާއެއް ލިބިފައިނުވާ ކަމަށާއި، ޕީއެންސީއަކީ ހަލާލް މެމްބަރުން އެންމެ ގިނަ ޕާޓީ ކަމަށް އޭނާ ވިދާޅުވިއެވެ.
”މިއީ ރާއްޖޭގައި މިވަގުތު އޮތް އެންމެ ހަލާލް މެމްބަރުން ގިނަ ސިޔާސީ ޕާޓީ،“ ޝުޖާއު
ޝުޖާއު މިހެން ވިދާޅުވެފައިވާއިރު، ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް ޕީއެންސީއަށް ވަނުމަށް މަޖުބޫރުކުރަމުންދާ ކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ތުހުމަތުކުރަމުންނެވެ. ޕީއެންސީން ބުނާ ގޮތުގައި އެ ޕާޓީގެ މެމްބަރުން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތުގެ ސަބަބުން މިހާރު އެ ޕާޓީގެ މެމްބަރުންގެ އަދަދު ވަނީ 70،000 އިން މައްޗަށް އަރައިފައެވެ.
މަހުގެ 15 އިން 18 އަށް މާލޭގައި ޕީއެންސީގެ ކޮންގްރެސް ބާއްވަން ތައްޔާރުވަމުން އަންނައިރު، އެ ކޮންގްރެސްއަކީ ރާއްޖޭގެ ސިޔާސީ ތާރީހުގައި ޕާޓީއަކުން ބާއްވާނެ އެންމެ ފުރިހަމަ އަދި އެންމެ ކާމިޔާބު ކޮންގްރެސްއަށް ވާނެ ކަމަށް އެ ޕާޓީން ބުނެފައިވެއެވެ.

