ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ހުންނެވީ ”އައުޓްޑޭޓް“ވެފައި ކަމަށާއި، މިހާރު ޑޮލަރުގެ އަގު ހުރީ 23 ރުފިޔާއިން 19 ރުފިޔާއަށް ވެއްޓިފައި ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު ފަލާހު ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ ހަރުގެ ޖަލްސާގައި ފަލާހު ވިދާޅުވީ ޑޮލަރުގެ އަގު 23 ގައި ހުއްޓާ ސަރުކާރުން ގެނެއި ބަދަލާއެކު މިހާރު ޑޮލަރުގެ އަގު ހުރީ 19 އަށް ތިރިވެފައި ކަމަށެވެ. ގާނޫނު އިސްލާހުކޮށްގެން ޑޮލަރަށް ބަދަލު ނާންނާނެ ކަމަށް ޔާމީން ވިދާޅުވި ކަމަށާއި އެހެންނަމަވެސް އެހެން އެކަން ނުވާނެ ކަމަށް ފަލާހު ވިދާޅުވިއެވެ. ފަލާހު ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންއިރު ޑޮލަރު ހުރި އަގަށް އެ އަދަދު ތިރިކުރައްވާނެ ކަމަށެވެ.
އޭރާއި މިހާރު ސިޔާސީ ހިނގާ ގޮތް ވަރަށް ތަފާތުކަން ފާހަގަކުރައްވާ ފަލާހު ވިދާޅުވީ ޔާމީނު ހުންނެވީ އައުޓްޑޭޓް ވެފައި ކަމަށެވެ. އަދި ރައީސް މުހައްމަދު ނަޝީދަށްވެސް ފާޑުކިޔުން އަމާޒު ކުރައްވާ ފަލާހު ވިދާޅުވީ މިހާރު އެ ދެބޭފުޅުންނަށްވެސް ވާނުވާ އެނގެވަޑައި ނުގަންނަވާ ކަމަށެވެ.
”މެމްބަރުން ތަޅު އެޅުވީވެސް، ސިޔާސީ މީހުން ތަޅު އެޅުވީވެސް ރައްޔިތުންނަށް އަނިޔާވެރިވީވެސް ޔާމީން. އެހެންވީމަ އެނގިވަޑައިގަންނަވާނެ 12 ވަރަކަށް ބޭފުޅުންނާއެކު ކޮންމެ ރެއަކު ސިޓިން ރޫމެއްގައި ޖަލްސާއެއް ބާއްވާ ބަޔަކަށް ކޮންމެ ބަޔަކަށްވެސް ޖަލްސާ ބޭއްވިދާނެ“
ފަލާހް ވިދާޅުވީ އެމްޑީޕީގެ ފަސް އަހަރުގައި ޔާމީން އޮންނެވީ ޖަލުގައި ކަމަށެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒަށް މިވަރުގެ ބޮޑު ތާއިދެއްކޮށް، ޕާޓީއަށް ވެރިކަން ނުލިބުނު ނަމަ މިއަދުވެސް ޔާމީން އޮންނަވާނީ ޖަލުގައި ކަމަށްވެސް ފަލާހް ވިދާޅުވިއެވެ.
މީގެ އިތުރުން ފަލާހު ވިދާޅުވީ ބައެއް ގާނޫނުތަކަށް ބަދަލުތައް ގެންނަން ފަސްޖެހޭ ކަމަށާއި، އެއީ ވޯޓު ގެއްލިދާނެތީ ކަމަށެވެ. އެހެންނަމަވެސް މުޅީ ދިވެހި ރައްޔިތުންގެ ހައްގުގައި އެކަން ކުރުން މުހިންމު ކަމަށް އަބަދުވެސް ރައީސް މުއިއްޒު ވިދާޅުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

