މަފުށީ ޖަލުގައި ގައިދީންނަށް އަނިޔާކޮށް، މޫނަށް ޕެޕާ ސްޕްެރޭ ޖެހުމަށްފަހު ބިޑިއަޅުވާ މޫނު ދޮންނަތަން ފެންނަ ވީޑިއޯއެއްގައި ކޮމިޝަނާ އޮފް ޕްރިޒަންސް، އަބްދުﷲ މުނާޒް ހުންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާއްމުވެއްޖެއެވެ.
ތެރެއަކުން ގައިދީންނަށް ޖަލު އޮފިސަރުން ކުރާ އަނިޔާތަކުގެ ވާހަކަ ވެސް ދެކެވޭއިރު، އަހަރު ފެށިގެން ފުރަތަމަ ހަފްތާގެ ތެރޭގައި އަނެއްކާވެސް އަޑުއިވިގެން ދިޔައީ ގައިދީންނާއި ޖަލ އޮފިސަރުންނާއި ދެމެދު ހަމަނުޖެހުން ހިންގި ކަމުގެ ވާހަކަތަކެކެވެ.
ގައިދީންނަށް އަނިޔާކޮށް ޕެޕާ ސްޕްރޭ ޖެހިކަމަށް ބުނެ، ފެންމަތިވީ މައްސަަލައަށް ކަމާއި ބެހޭ އެއްވެސް އިދާރާއަކުން މާބޮޑު ވާހަކަ ދައްކާފައިވެސް ނުވެއެވެ. އެހެން ނަމަވެސް، މީޑީއާތަކުން އެ ވާހަކަތައް ރިޕޯޓު ކުރުމުން މުނާޒު ވަނީ ކަރެކްޝަންސްގެ ޖަލު އޮފިސަރުންގެ ދިފާއުގައި ޓްވީޓެއް ކުރައްވާފައެވެ. އެފަދަ ހާދިސާއެއް ހިނގައިގެން އުޅޭކަމުގެ ސީދާ ޔަގީންކަން ނުދެއްވި ނަމަވެސް، އެފަދަ މޭރުމަކުން ވާހަކަ ދައްކަވާ މުނާޒް ވިދާޅުވީ އިދީންގެ ފަރާތުން ޖަލު އޮފިސަރުންނަށް ވެސް އެކިއެކި ގޯނާ ކުރުމަކީ ދޭތެރެ ދޭތެރެއިން ހިނގާ ކަމެއް ކަމަށެވެ.
https://twitter.com/MvCrisis/status/1213746632119898112
އެފަދަ އަމަލުތައް ހިންގާ ގައިދީންނަށް ހެޔޮ ވިސްނުން ލައިދީ އިސްލާހު ކުރުމުގެ ގޮތުން ރިހެބިލިޓޭޓްކޮށް އަލުން މުޖުތަމައަށް ބޭނުންތެރި ބައެއްގެ ގޮތުގައި ޖަލުން ނެރުން އަމާޒަކަށް ހަދާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެ ޓްވީޓުގައި އޭނާ ވިދާޅުވީ ކަރެކްޝަންސްގެ އޮފިސަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އަޅަންޖެހޭ ގާނޫނީ ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށެވެ
މުނާޒްގެ އެ ޓްވީޓު ކުރިތާ 24 ގަޑިއިރުވެސް ނުވަނީސް، އަނެއްކާވެސް ޖަލުގައި ގައިދީންނަށް އަނިޔާކުރި ކަމުގެ މައްސަލަތަކެއް މިވަނީ ފެންމަތިވެފައެވެ. ގައިދީންނަށް އަނިޔާކޮށް ޕެޕާ ސްޕްރޭ ޖެހުމަށްފަހު، ގައިދީންގެ މޫނަށް ވަނީ ފެން އަޅާފައެވެ. އަދި ގައިދީންގެ މޫނަށް ފެންޖަހަމުން ދިޔަ ވަގުތު ބިޑި އަޅުވާފައިވެއެވެ. އާއްމުވެފައިވާ ވީޑިއޯއިން ފެންނަގޮތުން ގައިދީންނާއި އެކު، މުނާޒް ވެސް ހުންނެވިއެވެ. އަދި ކަރެކްޝަންގެ ޔުނީފޯމުގައި އިސްވެރިންތަކެއް ތިއްބަވާތަން ވެސް ފެނެއެވެ.
ގައިދީންނަށް އަނިޔާ ކުރި މައްސަލައިގައި ސަންގުގެ ނޫސްވެރިން، މުނާޒްއަށް ގުޅުމުން ވިދާޅުވީ މާފުށީ ޖަލަށް ވަޑައިގެންނެވީ ބައްދަލުވުމަކަށް ކަމަށެވެ. އަދި އެ ވަގުތު ދެ ގައިދީއެއްގެ ދެމެދުގައި ހަމަނުޖެހުން ހިނގީކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މިދޔަ ޖޫން މަހުގެ ތެރޭގައިވެސް މާފުށީ ޖަލުގައި ހަމަނުޖެހުން ހިންގައި ގައިދީން އޮފިސަރުންނަށް އަނިޔާ ކުރުމާއި، އަދި ގައިދީންނަށް ޖަލު އޮފިސަރުން އަނިޔާ ކުރި މައްސަލަ ވަރަށް ބޮޑަށް ހޫނުވެގެން ދިޔައެވެ. ޖަލަށް ވެއްދުން މަނާ އެއްޗެއް ގެނެސްދޭން އޮފިސަރަކު ދެކޮޅު ހެދުމުން ދަގަނޑުބުރިއަކުން އޭނާ އަށް ގައިދީ އަކު ހަމަލާ ދިން މައްސަލައެއް ވެސް އޭގެ ތެރޭގައި ހިމެނެއެވެ. އަދި އޭގެ ބަދަލު ހިފުމެއްގެ ގޮތުން އީއެސްޖީގެ އޮފިސަރުން ގޮޅިތަކަށް ވަދެ ގައިދީންގެ ގައިގައި ތަޅައި އަނިޔާކުރިއެވެ. އެ މައްސަލައިގައި ހަ ގައިދީއަކަށް އެކިވަރުގެ އަނިޔާވިއިރު، އެ ހަމަނުޖެހުމުގެ ތެރޭގައި ބައެއް ގައިދީންގެ ބޯ ތުނިކޮށް ކޮށާލި މައްސަލައެއް ވެސް ފެންމަތިވި އެވެ.

