މާފުށީ ޖަލުގައި ގައިދީންނާއި އޮފިސަރުންނާއި މެދު އެއްވެސް ހަމަނުޖެހުމެއް ހިނގާ އަނިޔާކުރުން ފަަދަ ކަމެއް ހިނގާފައިނުވާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލްސް ސާވިސްއިން ބުނެފިއެވެ.
ކަރެކްޝަންސްއިން މިފަދަ ބަޔާނެއް ނެރުނީ މިއަދުގެ ވަގުތެއްގައި ކޮމިޝަނަރު އޮފް ޕްރިޒަންސް އަބްދުﷲ މުނާޒްއާއެކު ކަރެކްޝަންސްގެ އޮފިސްރުން ގައިދީން ތިބި ތަނަށް ގޮސް ކަރުނަ ގޭސް ޖަހައި ގޮޅިތަކުން ގައިދީން ނެރެ، ކުޑަކަކޫ ޖައްސާފައި ތިބި ކަމަށް ބުނާ އަޑުތައް ސޯޝަލް މީޑިއާގައި ގަަދަވެފައި ވަނިކޮށެވެ. އަދި މިދިޔަ ހުކުރު ދުވަހުން ފެށިގެން ޖަލުގައި ހަމަނުޖެހުން ހިންގާކަމުގެ އަޑުތަކެއް ވެސް ވަނީ ފެތުރިފައެވެ. ހުކުރު ދުވަހު ފެންމަތިވީ މައްސަލައާއި ގުޅިގެން މުނާޒް އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގައިދީން ޖަލު އޮފިސަރުން ގޯނާ ކުރަމުންދާ ކަމަށެވެ. އަދި އެފަދަ ކަންކަމަށް ފިޔަވަޅު އަޅާނެ ކަމަށް މުނާޒް ވިދާޅުވި އެވެ.
ކަރެކްޝަންސްއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ޖަލުގައި ހަމަނުޖެހުން ހިންގާފައިވަނީ ރިމާންޑުގައި ތިބި މީހުން ކަމަށެވެ. އަދި އެ މީހުންގެ ޝަކުވާއަކަށްވީ ތަހުގީގުގެ ބަންދު މުއްދަތު ދިގުލައިގެންދިއުމާއި ބޭސް ފަރުވާގެ އިންތިޒާމްތައް އެ އެދޭގޮތަށް ފުރިހަމަކޮށް ނުދިނުން ކަމަށެވެ. އެއީ ކަރެކްޝަންސްގެ ވެސް ކަބްބޮޑުވުމެއްގެ ގޮތުގައި ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.
ކޮމިޝަނާރ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒު އާއި، އެސިސްޓެންޓް ކޮމިޝަނާރ އޮފް ޕިރިޒަންސް މުހައްމަދު އާސިފް ޖަލަށް ޒިޔާރަތް ކުރައްވާފައިވަނީ، ތަނުގެ ހާލަތު ބެލުމުގެ ގޮތުން ކަމަށް އެ ބަޔާނުގައި ވެއެވެ. އަދި ފުލުހުން ގެ ދެ އޮފިސަރަކު ޖަލަށް ގޮސްފައިވަނީ ރިމާންޑުގައި ހުރި މީހަކަށް ގޮޅީގައި ތިބި އެހެން ބަޔަކު އަނިޔާ ކުރި މައްސަލައެއްގައި ކަމަށެވެ. އަދި އެކަން ތަހުގީގުކޮށް، ހަމަނުޖެހުން ހިނގައިދިޔަ ގޮތް ބެލުމަށް ކަމަށެވެ.
ކަރެކްސްޝަންސް އިން ވަނީ، ޖަލު އޮފިސަރުންނާއި ގައިދީންނާއި މެދު ހަމަނުޖެހުން ހިނގިކަމަށް ދެކެވުނު ވާހަކަ ދޮގުކޮށް އެފަދަ އެއްެވެސް ކަމެއް ހިނގާފައިނުވާކަމަށް ބުނެފައެވެ. އެހެން ނަމަވެސް، ރިމާންޑުގައި ތިބި މީހުން ހިތްހަމަނުޖެހި އޮފިސަރުންގެ ގަޔަަށް ކާބޯތަކެތި އުކި ކަމަށާއި، އޮފިސަރުން ގައިދީންނަށް ވިސްނައިދެވޭތޯ މަސައްކަތް ކުރީ ކެތްތެރިކަމާއި އެކު ކަމަށެވެ.

