ޕީޕަލްސް ނެޝެނަލް ކޮންގްރެސް (ޕީއެންސީ) ގެ ބޮޑު ޖަލްސާ ނުވަތަ ކޮންގްރެސް އަންނަ އޮކްޓޫބަރު މަހު ބޭއްވުމަށް ނިންމާފައިވާކަން އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނު ކުރައްވައިފިއެވެ.
އާޓިފިޝަލް ބީޗުގައި ބޭއްވި ޕީއެންސީގެ ހަރަކާތެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެ ޕާޓީން އަބަދުވެސް މަސައްކަތް ކުރާނީ ރައްޔިތުންގެ ލާބައަށް އެކުވެރި ޓީމެއްގެ ގޮތުގައި ކަމަށެވެ. އަދި ޕީއެންސީއަކީ ޑިމޮކްރެޓިކް އުސޫލުތަކަށް އިހުތިރާމްކުރާ، ޕާޓީ ނިޒާމު ވަރުގަދަކުރުމަށް މަސައްކަތްކުރާ ޖަމާޢަތެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޕާޓީގެ އިސްވެރިން މިހާރު ވަނީ އޮކްޓޫބަރު މަހު ކޮންގްރެސް ބޭއްވުމަށް ނިންމާފައިވާކަން ހާމަކުރައްވަމުން ރައީސް ވިދާޅުވީ، މިއީ ސިޔާސީ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ފަރާތްތަކަށް ހުޅުވިގެންދާ މުހިއްމު ދޮރެއް ކަމަށެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ، މި ކޮންގްރެސް ކުރިއަށްދާނީ ވަރަށް އިންތިޒާމުވެގެން، ދެފުށް ފެންނަ އަދި އިންސާފުވެރި ގޮތެއްގައި ކަމަށެވެ. ޕާޓީގެ ހުރިހާ ކަމެއްވެސް އަބަދުވެސް ކުރިއަށްދާނީ ރޭވުންތެރިކަމާއެކުކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.
ޕާޓީގެ ކުރިމަގާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހު 3،000 މެންބަރުންނާއެކު އޮތް ޕީއެންސީގެ މެންބަރުންގެ އަދަދު މިހާރު 75،000 އަށް އަރާފައިވާ ކަމަށެވެ. އަދި ޕާޓީގެ އަމާޒަކީ މެންބަރުންގެ އަދަދު އެއްލައްކައަށް ވުރެ މައްޗަށް ޖެއްސުން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

