ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަޅުގަނޑާއި ރައީސް ސޯލިހް ބަލިކޮށްލެވޭނެ ސިޔާސީ ލީޑަރަކު ނެތް: ނަޝީދު

ގުރައިދޫ ޖަލްސާގައި ރައީސް ނަޝީދު ވާހަކަފުޅު ދައްކަވަނީ—ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، އެމަނިކުފާނު ބަލިކޮށްލެވޭނެ ވަރުގެ ސިޔާސީ ލީޑަރަކު ރާއްޖެއަކު ނެތް ކަމަށް ރައްޔިތުންގެ މަޖްލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ކ. ގުރައިދޫ އެމްޑީޕީގެ ހަރުގެ ހުޅުވުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރައީސް ސޯލިހާއި އެމަނިކުފާނު ތިއްބެވީ ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބު ކުރުމުގެ ދަތުރަށް އަރާ ކަމަށާއި އިންތިހާބެއްގައި ވާދަކޮށްގެން ބަލިކޮށްލެވޭނެ ސިޔާސީ ވެރިއަކު ހުރިނަމަ ވަޑައިގަންނަވަންވީ ކަމަށެވެ.

”އިންތިހާބެއްގައި ވާދަކޮށްގެން ބަލިކޮށްލެވޭނެ ސިޔާސީ ޕާޓީއެއް އަދި ސިޔާސީ ވެރިއެއްގައި މިރާއްޖެއަކު ނެތް، ފެނިވަޑައިގަންނަވަންޏާ އެމީހަކު ހޯދައިގެން ގެންނަވަންވީ، އަޅުގަނޑުމެން ކައިރިއަށް، ބަލިކޮށްލާނަން. އިރާދަ ކުރެއްވިއްޔާ ބޮޑުތަނުން ބަލިކޮށްލާނަން، ވަރަށް ބޮޑުތަނުން ބަލި ކޮށްލާނަން“ ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ ކައުންސިލް އިންތިހާބުގައި އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ވޯޓްދޭންޖެހޭ ސަބަބެއް ނެތް ކަމަށެވެ. ޕީޕީއެމުން މަސައްކަތް ކުރީ ލާމަރުކަޒީ ނިޒާމް ފުނޑާލާ، ރަށްތައް ފަޅު ކުރުމަށް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

”އަޅުގަނޑަކަށް ނުވިސްނޭ އަދި އަޅުގަނޑަށް ޔަގީން ކަށަވަރު މި އުޑު ބަޅުކުރި ހިސާބުގައި މީހަކު ނުހުންނާނެ، ދަންނާނެ ގަބޫލުކުރާނެ ޕީޕީއެމަކަށް ލާމަރުކަޒީ ނިޒާމް ހިންގުމުގެ އެއްވެސް ވިސްނުމެއްވެސް އޮތް ކަމަކަށްވެސް ގާބިލްކަމެއްވެސް ހުރި ކަމަކަށްވެސް“ ރައީސް ނަޝީދު ވިދާޅުވި އެވެ.

މީގެ އިތުރުން ސަރުކާރުގެ މަޝްރޫތައް ލަސްވަނީ ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ އެހެން ޕާޓީތަކުގެ ސަބަބުން ކަމަށް ރައީސް ނަޝީދު ވިދާޅުވާ ވާހަކަފުޅު ރޭވެސް ވަނީ ތަކުރާރު ކުރައްވާފައެވެ.

އެމަނިކުފާނު ވިދާޅުވީ ސަރުކާރުން މަޝްރޫތައް ހިންގަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުޅުއްވަން ޖެހިވަޑައިގަންނަވާ ގޮތް ބައެއް ރައްޔިތުންނަށް ނޭނގޭ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވި ގޮތުގައި ސަރުކާރުގެ ބައެއް ވުޒާރާތަކާއި ކުންފުނިތަކުގައި ތިއްބެވީ އެމްޑީޕީގެ މެމްބަރުން ނުވާތީ ރައީސާއި އެމްޑީޕީން ބޭނުންވާ ގޮތަށް ކަންކަން ހިނގަމަކުންނެއް ނުދެއެވެ.

”އެހެންވީމާ އަޅުގަނޑުމެންގެ މަޝްރޫއުތަކަށް، މި ޕާޓީގެ އަމާޒުތަކަށް، ރައީސުލްޖުމްހޫރިއްޔާގެ ވިސްނުންފުޅަށް ވަރަށް ގިނަ ފަހަރަށް ހުއްޓުން އާދޭ. ވަރަށް ގިނަ ފަހަރަށް ހުރަސް އާދޭ،“ ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ބައިވެރިވެ ވަޑައިގެންނެވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ކަންކަން ލަސްވާ ސަބަބަކީ، ރައީސް ކަންތައްތައް ކުރައްވަން ބޭނުންފުޅުވާ ގޮތާއި މުއައްސަސާތަކުގައި ތިއްބެވި ބޭފުޅުން ބޭނުންފުޅުވާ ގޮތާ ހިޔާލު ތަފާތުވުމުން ކަމަށެވެ.

ރާއްޖޭގެ ކަންކަން ކުރިއަށް ގެންދިއުމަށް ކަނޑައަޅަންވީ އެމްޑީޕީގެ ފިކުރު ކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި އެ ޕާޓީގެ ހަމައެކަނި މަގުސަދަކީ ރައްޔިތުންގެ އާއްމު ހާލަތު ރަނގަޅު ކުރުން ކަމަށް ވެސް ވިދާޅުވި އެވެ. ތަރައްގީ ގެންނަން ރަށްރަށަށް ބޮޑުހިލަ ފަދަ ތަކެތި ކިތަންމެ ވަރަކަށް ވެސް ގެންދެވިދާނެ ކަމަށާއި އެކަމަކު ހަގީގީ ތަރައްގީ އަކީ އެއީ ނޫން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: