ނުރައްކަލަށް ހުށަހެޅިފައިވާ ކުޑަކުދިންގެ މައުލޫމާތު ހަތް ދުވަހުގެ ތެރޭގައި ޖެންޑަރ މިނިސްޓްރީއަށް އެންގުމަށް އެ މިނިސްޓްރީގެ ފަރާތުން ކައުންސިލްތަކަށް އަންގައިފިއެވެ.
ޖެންޑަރ މިނިސްޓްރީގެ ރަސްމީ ޓުވިޓާ އެކައުންޓުން ކުރި ޓުވިޓެއްގައި ބުނެފައި ވަނީ ދައުލަތުގެ އިދާރާތަކުގެ ސަމާލުކަމަށް ގެނެވިފައިނުވާ، ނުރައްކަލަށް ހުށަހެޅިފައިވާ ކުޑަކުދިންނާއި ޢާއިލާތަކުގެ މަޢުލޫމާތު 7 ދުވަހުގެ ތެރޭގައި ޙިއްޞާކޮށްދިނުމަށް އެދި 200 ކައުންސިލެއްގެ އިދާރާއަށް މިނިސްޓްރީގެ ފަރާތުން އަންގާފައިވާ ކަމަށެވެ.
ނުރައްކަލަށް ހުށަހެޅިފައިވާ ކުޑަކުދިންނާއި އާއިލާތަކުގެ މައުލޫމާތު ހަތް ދުވަހުގެ ތެރޭގައި ޖެންޑަރ މިނިސްޓްރީއަށް އެންގުމަށް އެ މިނިސްޓްރީގެ ފަރާތުން ކައުންސިލްތަކުގެ އިދާރާތަކަށް އަންގާފައި މިވަނީ ގ،އ ކަނޑުހުޅުދޫގައި ދެ އަހަރުގެ ކުޑައަންހެން ކުއްޖަކު ރޭޕް ކުރި ކަމުގެ ތުހުަމތު ކުރެވި އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ހިޔުމަން ރައިޓސް އެންޑް ޖެންޑާ ކޮމެޓީން ބެލުމަށް ނުރައްކަލަށް ހުށަހެޅިފައިވާ ކުޑަކުދިންނާއި އާއިލާތަކުގެ މައުލޫމާތު އެއްކުރުމަށް މަޖިލީހުގެ ފަރާތުން ޖެންޑަރ މިނިސްޓްރީއަށް އެންގެވުމާއި ގުޅިގެންނެވެ.
ނުރައްކަލަށް ހުށަހެޅިފައިވާ ކުދިންނާއި އާއިލާތައް ދެނެގަންނާނެ މިންގަނޑު އެކުލާވާލެއްވުމަށްފަހު އެ މިންގަނޑު ރައްޔިތުންގެ މަޖިލީހަށް އެންގުމަށް މަޖިލީހުގެ ހިޔުމަން ރައިޓސް އެންޑް ޖެންޑަރ ކޮމެޓީން އަންގާފައި ވަނީ މި ަމހުގެ19 ވަނަ ދުވަހުއެވެ.
ގއ. ކަނޑުހުޅުދޫގައި 2 އަހަރު ނުފުރޭ ކުޑަކުއްޖަކަށް އިތުބާރުކުރެވޭ މަޤާމެއްގައި ތިބި ފަރާތްތަކަކުން ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީގެ ސަމާލުކަމަށް އައުމާގުޅިގެން އެ މައްސަލަ ކޮމިޓީން ދިރާސާކުރެއްވުމުގެ ގޮތުން، މޯލްޑިވްސް ޕޮލިސް ސަރވިސްއާއި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާއި ގއ. ކަނޑުހުޅުދޫ ކައުންސިލްގެ ރައީސްއާ 18 ޖަނަވަރީ 2020 ވަނަ ދުވަހު ކޮމިޓީން ބައްދަލުކުރައްވައި މަޢުލޫމާތު ސާފުކުރެއްވިއެވެ.
ކޮމެޓީން ހަ ކަމެއް ތަންފީޒް ކުރުމަށް ފާސްކޮށްފައިވާއިރު އެ ކަންތައްތަކުގެ ތެރޭގައި ހިމެނެނީ ނުރައްކަލަށް ހުށަހެޅިފައިވާ ކުދިންނާއި ޢާއިލާތައް ދެނެގަންނާނެ މިންގަނޑުތައް ދެ ދުވަހުގެ ތެރޭގައި އެކުލަވާލައްވައި، އެކަން ރައްޔިތުންގެ މަޖިލީހަށް އެންގެވުން ވަނީ ފާސްކޮށްފައެވެ.
މީގެއިތުރުން ނުރައްކަލަށް ހުށަހެޅިފައިވާ ކުޑަކުދިންނާއި ޢާއިލާތައް ދެނެގަތުމަށް އެކުލަވާލައްވާ މިންގަނޑުތަކުގެ އަލީގައި، ދައުލަތުގެ ކަމާ ގުޅުންހުރި އެންމެހާ މުއައްސަސާތަކުގައި މިހާރު ހުރި މަޢުލޫމާތު ދިރާސާކުރައްވައި، 7 ދުވަހުގެ ތެރޭގައި ނުރައްކަލަށް ހުށަހެޅިފައިވާ ކުޑަކުދިންނާއި ޢާއިލާތައް ދެނެގަނެ މިފަދަ ޢާއިލާތައް ދަފްތަރުކުރައްވައި މިފަދަ ޢާއިލާތައް ގަވާއިދުން މޮނިޓަރކުރާނެ ނިޒާމެއް އެކުލަވާލެއްވުމަށް ވެސް ކޮމެޓީން ވަނީ ފާސްކޮށްފައެވެ.

