ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތައް އަންނަ މާޗު މަހުގެ ނިޔަލަށް ނިންމުމަށް ހައިކޯޓުން ނިންމައިފިއެވެ.
މިދިޔަ ހަފްތާގެ ކުރީކޮޅު އުމުރުން ދެ އަހަރުވެސް ނުވާ ކުއްޖަކަށް ޖިންސީ ގޯނާކޮށް އެ ކުއްޖާ ރޭޕް ކުރި މައްސަލައެއް ވަނީ ފެންމަތިވެފައެވެ. އެއަށްފަހު މިވީ ހަފްތާއެއް ހާ ދުވަހުގެ ތެރޭގައި ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާގެ އެތައް މައްސަލައެއްގެ އިތުރުން މީގެ ކުރިން ތަހުގީގު ނުކޮށް ދޫކޮށްފައި ހުރި އެތައް މައްސަލައެއްގެ ތަހުގީގު ވަނީ އަލުން ފަށާފައެވެ.
މި މައްސަލައިގައި ކުއްޖާގެ މުނި ކާފަ އާއި ކާފަ ހައްޔަރުކޮށްފައިވާއިރު އިހުމާލުގެ ތުހުމަތުކޮށް ކުއްޖާގެ ބައްޕަވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވިފައެވެ. އަދި އެ ތިން މީހުންގެ ބަންދަށް ވެސް 15 ދުވަސް ވަނީ ޖަހާފައެވެ.
ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާނީ، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ހުރިހާ މައްސަލަތަކެއް އަންނަ މާޗު މަހުގެ ނިޔަލަށް ނިންމުމަށް އަމާޒުހިފާ އެ ކޯޓުން ބުނެފައިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ 40 މައްސަލައެއް އިސްތިއުނާފު ކުރެވިފައި އެބައޮތް ކަމަށެވެ. އަދި އޭގެ ތެރެއިން 8 މައްސަލައަކީ ހައިކޯޓުގެ ދެކުނު ގޮފީގައި އިސްތިއުނާފު ކުރެވިފައިވާ 8 މައްސަލަ ކަމަށެވެ. އަދި 27 މައްސަލައަކީ ދައުލަތުން އިސްތިއުނާފުކޮށްފަިއވާ މައްސަލަތަށް ކަމަށް އެ ކޯޓުން ވަނީ ބުނެފައެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކުގެ ޝަރީއަތް، ބްލޮކް ޓްރައިލްސް ނިޒާމެއްގެ ތެރެއިން ބަލަން ފެށޭނެ ގޮތެއް ހަމަޖެއްސުމާއި އެފަދަ މައްސަލަތައް އަވަހަށް ގެންދިއުމަށް ކަންކަން ރޭވުމަށް ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އަށް އަންގަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ ނިންމާފައެވެ.
ކަނޑުހުޅުދޫގައި ކުއްޖަކަށް ކުރި ޖިންސީ ގޯނާގެ މައްސަލަ ވީހާވެސް އަވަހަށް ތަހުގީގު ކުރުމަށް އާއްމުން ދަނީ ގޮވާލަމުންނެވެ. އެ މައްސަލައާއި ގުޅިގެން ދައުލަތުގެ މުއައްސަސާތައް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ހާޒިރުކޮށް، މަޖިލީހުން ދަނީ އެކަމަށް ފިޔަވަޅު އަޅަމުންނެވެ. ކޮމެޓީން ހަ ކަމެއް ތަންފީޒް ކުރުމަށް ފާސްކޮށްފައިވާއިރު އެ ކަންތައްތަކުގެ ތެރޭގައި ހިމެނެނީ ނުރައްކަލަށް ހުށަހެޅިފައިވާ ކުދިންނާއި ޢާއިލާތައް ދެނެގަންނާނެ މިންގަނޑުތައް ދެ ދުވަހުގެ ތެރޭގައި އެކުލަވާލައްވައި، އެކަން ރައްޔިތުންގެ މަޖިލީހަށް އެންގެވުން ވަނީ ފާސްކޮށްފައެވެ.
މީގެއިތުރުން ނުރައްކަލަށް ހުށަހެޅިފައިވާ ކުޑަކުދިންނާއި ޢާއިލާތައް ދެނެގަތުމަށް އެކުލަވާލައްވާ މިންގަނޑުތަކުގެ އަލީގައި، ދައުލަތުގެ ކަމާ ގުޅުންހުރި އެންމެހާ މުއައްސަސާތަކުގައި މިހާރު ހުރި މަޢުލޫމާތު ދިރާސާކުރައްވައި، 7 ދުވަހުގެ ތެރޭގައި ނުރައްކަލަށް ހުށަހެޅިފައިވާ ކުޑަކުދިންނާއި ޢާއިލާތައް ދެނެގަނެ މިފަދަ ޢާއިލާތައް ދަފްތަރުކުރައްވައި މިފަދަ ޢާއިލާތައް ގަވާއިދުން މޮނިޓަރކުރާނެ ނިޒާމެއް އެކުލަވާލެއްވުމަށް ވެސް ކޮމެޓީން ވަނީ ފާސްކޮށްފައެވެ.

