ޓެރަރިޒަމްގެ އަމަލެއް ހިންގާނެ ކަމަށް އިންޒާރުދޭ ވީޑިއޯ ޝެއާކުރުމާއި ލައިކް ޖެހުމަކީ ޓެރަރިޒަމަށް ވާގިވެރިވުން ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސެއިން ވިދާޅުވެއްޖެއެވެ.
ފާއިޒް އެހެން ވިދާޅުވީ ތިން ބިދޭސީއެއްގެ ގަޔަށް ވަޅި ހަރައި ޒަހަމްކޮށްލާ އެކަމުގެ އުފުލުމުގެ ގޮތުން އިތުރު ހަމަލާތަކެއް ދޭނެ ކަމުގެ އިންޒާރާ އެކު، ބަޔަކު އާންމުކުރި ވީޑިއޯއެއް ގިނަބަޔަކު ޝެއަރ ކުރަމުން ދިޔުމާއި ގުޅިގެން އެކަމަށް އިޝާރާތް ކުރައްވައެވެ.
މިދިޔަ އަންގާރަ ދުވަހުގެރޭ ހުޅުމާލޭގައި ތިން ބިދޭސީއެއްގެ ގަޔަށް ވަޅި ހަރައި ޒަހަމްކޮށްލުމަށް ފަހު، ބަޔަކު ވަނީ ސޯޝަލް މީޑިއާގައި ވީޑިއޯއެއް އާންމުކޮށް އިންޒާރު ދީފައެވެ. އެމައްސަލައިގައި ތިން މީހަކު މިހާރުވަނީ ހައްޔަރުކޮށްފައެވެ.
ފާއިޒް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި، ޓެރަރިޒަމްގެ އަމަލު ހިންގާނެ ކަމުގެ އިންޒާރުދޭ މީހެއްގެ ވީޑިއޯއެއް، ސޯޝަލް މީޑިއާގައި ޝެއާކޮށް ލައިކް ދޭ ތަން ފެންނަމުންދާ ކަމަށެވެ.
އެފަދަ އެއްޗެހި ހިއްސާކުރުމާއި ލައިކް ދިނުމަކީ ޓެރަރިޒަމް މަނާކުރާ ގާނޫނުގެ ދަށުން ޓެރަރިޒަމަށް ވާގިވެރިވެ، ހިތްވަރު ދިނުމުގެ އަމަލެއް ކަމަށް ވެސް ފާއިޒް ވިދާޅުވިއެވެ.
ޓެރަރިޒަމަށް ހިތްވަރު ލިބޭ ފަދަ ކަންކަން ކުރުމަކީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ކުށެއްކަން ފާއިޒް ފާހަގަ ކުރައްވާފައިވެއެވެ.
ފާއިޒް ވިދާޅުވީ ވީޑިއޯ ޝެއާ ކުރާ މީހުންގެ މަގްސަދަކީ ގިނަ ބަޔަކަށް ވީޑިއޯ ފެނުން ކަމަށްވެދާނެ ކަމަށާއި ނަމަވެސް އެފަދަ އަމަލުތައް ފެތެނީ ޓެރަރިޒަމްގެ ކުށް އާންމުކޮށް ޝާއިއުކުރުމުގެ ތެރެއަށް ކަމަށެވެ.

