ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގައި 4 މަސް: ދެ ބޯޓަށް ބޭނުން ކުރީ އެއް ނަގިލި، ބޮޑު ހާދިސާއެއް ހިނގައިދާނެތީ ތަކުރާރުކޮށް އެހީއަށް އެދުނު!

ބޯޓު ހާލުގައި ޖެހި "ނެޝަނަލް ޔުނިއަން އޮފް ސީފެއަސް އޮފް އިންޑިއާ – އެންސޫއެސްއައި" ކުރި ޕޯސްޓުގެ ސްކްރީންޝޮޓެއް
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ އާއި ދޫނިދޫއާ ދެމެދު އަޅާފައި އޮއްވައި ރޭގެ ވަގުތެއްގައި ނަގިލި ކަނޑައިގެން ގޮސް، ފަރަށާއި ސިނަމާލެ ބްރިޖަށް ގެއްލުންތަކެއް ލިބުނު ދެ ބޯޓަކީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި އެތައް މަހެއް ވަންދެން ހާލުގައި ޖެހިފައި އޮތް ދެ އުޅަނދުކަން ހާމަވެއްޖެ އެވެ.

ރޭ ގާތްގަނޑަކަށް 10:00 ހާއިރު މާލެ ސަރަހައްދަށް ކުރި ވިއްސާރައިގައި އައި ބާރުގަދަ ކޮޅިގަނޑުގައި މި ހާދިސާ ހިނގާފައިވަނީ އެ ދެ ބޯޓު އެކުގައި އަޅާފައި އޮތް އެންމެ ނަގިއްޔެއް ކަނޑައިގެން ދިއުމުންނެވެ. އޮޔާ ދިޔަ މި ބޮޑު ދެ އުޅަނދު އެންމެ ފުރަތަމަ ގޮސް އުރުނީ ކާނިވާ ސަރަހައްދުގެ ބޭރުން މާލޭގެ ފަރުމައްޗަށެވެ.

މި ހާދިސާގައި ފަރަށް ބޮޑެތި ގެއްލުންތަކެއް ލިބުނުއިރު، އޭގެ ފަހުން ބޯޓުތައް އޮޔާގޮސް ސިނަމާލެ ބްރިޖުގެ ސުޕަރ ސްޓްރަކްޗާގައި ޖެހުނެވެ. ބެލެވޭ ގޮތުގައި ބްރިޖުގައި ޖެހިފައިވަނީ ބޯޓުގެ ދަގަނޑު އެންޓެނާއަކާއި ނެވިގޭޝަން ލައިޓެކެވެ. އެއަށްފަހު ބޯޓުތައް ވަނީ ބްރިޖުގެ ދަށުން މާލޭގެ ދެކުނު ފަރާތު ކަނޑަށް އޮޔާ ގޮސްފަ އެވެ.

މި ހާދިސާގައި ހިމެނެނީ ރަސްމީ އައިއެމްއޯ (IMO) ނަންބަރެއް ނެތް ”އޭއެލް 1“ ނަމަކަށް ކިޔާ ބޯޓަކާއި، ޓޯގޯގެ ދިދަ ނަގާފައިވާ ”އެމްޓީ ކޭޖީ 1“ ނަމަކަށް ކިޔާ ބޯޓެކެވެ.

މި ދެ އުޅަނދަކީ އޯމާންގެ ޝިނާސް ބަނދަރުން ފުރައިގެން އިންޑިއާގެ ކަންޑްލާއަށް ދަތުރުކުރިކަމަށް ބުނާ ދެ ބޯޓެވެ. ނަމަވެސް އެއްވެސް އިދާރާއަކަށް އެންގުމެއް ނެތި، މިއަހަރުގެ އެޕްރީލް މަހުގެ 26 ވަނަ ދުވަހު މި ބޯޓުތައް ވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ، ހަފުތާއެއްހާ ދުވަހު މާލެ ކައިރީގައި އަޅާފައި ބާއްވާފަ އެވެ.

ހާލުގައި ޖެހިފައިވާ އެ ބޯޓުގެ މައުލޫމާތު ސޯޝަލް މީޑިއާގައި އާންމުކޮށްފައި ވަނީ ”ނެޝަނަލް ޔުނިއަން އޮފް ސީފެއަސް އޮފް އިންޑިއާ – އެންސޫއެސްއައި“ ނަމަކަށް ކިޔާ ޕޭޖެއްގަ އެވެ. މިދިޔަ ޖުލައި މަހުގެ 4 ގައި އާންމުކޮށްފައިވާ އެ ވީޑިއޯގައި އެ މީހުން ވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ތިބެ ހާލުގައި ޖެހިފައި ވާތީ އެހީއަށް އެދިފަ އެވެ.

ބޯޓު ހާލުގައި ޖެހި ”ނެޝަނަލް ޔުނިއަން އޮފް ސީފެއަސް އޮފް އިންޑިއާ – އެންސޫއެސްއައި“ ކުރި ޕޯސްޓުގެ ސްކްރީންޝޮޓެއް

އެ ޕޯސްޓުގައި ބުނެފައިވާ ގޮތުގައި ހާލުގައި ޖެހިފައިވަނީ ”ކޭޖީ 1“ ބޯޓުގައި ތިބި 9 ފަޅުވެރިންނާއި، ”އޭއެލް 1“ ބޯޓުގައި ތިބި 11 ފަޅުވެރިންނެވެ. މި ދެ ބޯޓުގައި ތިބި ފަޅުވެރިންނަށް ބޭނުންވާ ކާބޯތަކެއްޗާއި، ބޯފެނާއި، ތެލުގެ އިތުރުން އެހެނިހެން ޒަރޫރީ ސާމާނު އިންތިހާއަށް ހުސްވެފައިވާކަމަށް އެ ޔޫނިއަން ބުނެފައި ވެއެވެ.

މި ހާލަތު އިތުރަށް ގޯސްވެފައިވަނީ ކަނޑުގަދަވުމާއި ބޯޓުތައް އަޅާފައިވާ ގޮތުގެ ނުރައްކާތެރިކަމުގެ ސަބަބުންނެވެ. އަދި ”ކޭޖީ 1“ ގެ ނަގިލި ކަނޑައިގެން ގޮސްފައިވާއިރު، ”އޭއެލް 1“ ގެ ނަގިލީގެ ހާލަތު ވެސް ގޯސްކަން އެ ޕޯސްޓުން އެނގެ އެވެ.

މި މައްސަލަކަމާބެހޭ ބައިނަލްއަޤްވާމީ ޖަމިއްޔާތަކަށާއި ދެ ގައުމުގެ ސަރުކާރަށް އަވަސް ފިޔަވަޅުތަކެއް އަޅައިދިނުމަށް އެ ޕޯސްޓުގައި ގޮވާލާފައިވާއިރު އިންޓަރނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން (އައިއެމްއޯ)، އިންޓަރނޭޝަނަލް ލޭބަރ އޯގަނައިޒޭޝަން (އައިއެލްއޯ)، އިންޓަރނޭޝަނަލް ޓްރާންސްޕޯޓް ވާރކާސް ފެޑެރޭޝަން (އައިޓީއެފް)، އިންޑިއާ ސަރުކާރު، އަދި މާލޭގައި ހުންނަ އިންޑިއާ ހައިކޮމިޝަން އަދި އެމްއެންޑީއެފް ކޯސްޓްގާޑަށް ވަނީ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ގޮވާލާފައިވެއެވެ.

އެ ޔޫނިއަނުން ފާހަގަކުރި ގޮތުގައި އެ އުޅަނދުތަކާ ގުޅޭގޮތުން ގާނޫނީ ނުވަތަ އިދާރީ އެއްވެސް މައްސަލައެއް ހިނގަމުން ދިޔަ ނަމަވެސް، ކުށެއް ނެތް ފަޅުވެރިން އަސާސީ އިންސާނީ ހައްގުތަކުން މަހުރޫމް ނުކުރެވޭނެއެވެ. އަދި ކޮންމެ ހާލަތެއްގައި ވެސް އިންސާނިއްޔަތުކަމަށް އިސްކަންދޭން ޖެހޭނެކަމަށް ބަޔާންކޮށްފައިވެއެވެ.

މި ހާދިސާ ބޮޑު ކަނޑުމަތީގެ ހިތާމަވެރި ހާދިސާއަކަށް ބަދަލުވުމުގެ ކުރިން ކަމާބެހޭ ފަރާތްތަކުން ވަގުތުން ފިޔަވަޅު އެޅުމަށް ތަކުރާރުކޮށް އެ ޕޯސްޓުގައި ވަނީ ގޮވާލާފަ އެވެ.

އެނގިފައިވާ ގޮތުގައި ދިވެހި ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް މިކަން ފާހަގަކުރެވުނީ މެއި މަހުގެ 3 ވަނަ ދުވަހު އެވެ. އަދި ރައީސް އޮފީހުގެ އިސްތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް (މުންދު) ވަނީ މެއި މަހުގެ 9 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކަން ކަށަވަރުކޮށްދެއްވާފަ އެވެ.

މި ދެ އުޅަނދުގައި ތިބި ފަޅުވެރިންގެ ހާލަތު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާކަމަށް މައުލޫމާތު ލިބެ އެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މީޑިއާތަކަށް ބުނީ، ރޭ އޮޔާދިޔަ ދެ ބޯޓަކީ މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ބެލުމުގެ ދަށުގައި އޮތް ދެ އުޅަނދު ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: