ކުށް ސާބިތުވުމަށް ފަހު ކަފާލާތު ދިނުމުގެ އުސޫލެއް ރާއްޖޭގެ ގާނޫނެއްގައި ނެތް ކަމަށާއި އެހެންވެ، ކަފާލާތުގެ ފުރުސަތު ކުށް ސާބިތުވެފައި ތިބި އެއްވެސް މީހަކަށް ދެވެން ނެތް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ޝަރީއަތުގައި ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމައިފިއެވެ.
މަނީ ލޯންޑްރިންގެ ކުށުގައި ޔާމީން ފަސް އަހަރަށް ޖަލަށްލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ކުރި ހުކުމް ރައީސް ޔާމީންގެ ފަރާތުން ހައިކޯޓުގައި ވަނީ އިސްތިއުނާފުކޮށްފައެވެ. މައްސަލަ ހުށަހަޅާފައިވަނީ ރައީސް ޔާމީންގެ އިސްތިއުނާފް މައްސަލައިގައި ހައިކޯޓުން ވަކިގޮތެއް ނިންމަން ދެން ކަފާލާތުގެ ދަށުން އެމަނިކުފާނު މިނިވަން ކުރުމަށާއި ދަށު ކޯޓުގެ ހުކުމަށް އަމަލު ކުރުން ފަސް ކުރުމުގެ އަމުރަކަށެވެ.
މިދިޔަ މަހުގެ 28 ގައި މައްސަލައިގައި ފުރަތަމަ އަޑުއެހުން ބޭއްވިއިރު ދައުލަތުން ބެސް ބުނެފައިވަނީ ރައީސް ޔާމީން ކަފާލާތުގެ ދަށުން މިވަން ނުކުރެވޭނެ ކަމަށެވެ. ކަފާލާތުގެ ދަށުން ރައީސް ޔާމީން މިވަންކޮށްދިނުމަށް އެދޭ ސަބަބުތައް ޝަރީއަތުގެ މަޖިލީހުގައި ފާހަގަކުރައްވާ ރައީސް ޔާމީންގެ ގާނުނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ޑރ. މުހައްމަދު ޖަމީލު ވިދާޅުވީ ރާއްޖޭގެ ދުސްތޫރުގެ ދަށުން ކަފާލާތުގެ ހައްގުތަކެއް އޮންނަ ކަމަށެވެ. ޖަމީލު ވިދާޅުވެފައިވަނީ އެ ހައްގުތަކުގެ ތެރޭގައި ހުކުމް އައުމުގެ ކުރިންނާއި، ހުކުމް އިއްވުމަށްފަހު އެ މީހާއަކީ ކުށްވެރިއެއްގެ ގޮތުގައި ކަނޑައެޅުމަށްފަހު އިސްތިއުނާފީ މަރުހަލާގައި ކަފާލާތަށް އެދެވޭނެ ކަމަށެވެ.

ކަފާލާތާއި ގުޅޭގޮތުންނާއި، އިސްތިއުނާފާއި މެދު ގޮތެއް ނިންމެންދެން ހުކުމް ތަންފީޒު ކުރަން މަޑުޖައްސާލުމަށް ހުށަހެޅި މައްސަލައާއި ގުޅޭގޮތުން ފަނޑިޔާރުންގެ ރައުޔު ތަފާތެވެ. ކަފާލާތު ނުދޭން ތިން ފަނޑިޔާރުރުން އިއްތިފާގު ވީ ސަބަބުތައް ތަފާތެވެ.
މި މައްސަލާގެ ބެންޗުގެ ރިޔާސަތުގައި އިންނަވަނީ މިފަހުން ހައިކޯޓަށް އައްޔަން ކުރެއްވި ފަނޑިޔާރު ހުސެއިން މަޒީދެވެ. ދެން ތިއްބަވަނީ ފަނޑިޔާރު މުހައްމަދު ނިޔާޒާއި ފަނޑިޔާރު ހުސެއިން ޝަހީދެވެ.
އެންމެ ފުރަތަމަ ރައުޔު ނެރުއްވީ ފަނޑިޔާރު މަޒީދެވެ. ފަނޑިޔާރު މަޒީދު ވިދާޅުވީ، ދިވެހި ރާއްޖޭގެ ގާނޫނު އަސާސީ އާއި ޖިނާއީއިޖުރާއަތުގެ ގާނޫނުގެ ދަށުން ކަފާލާތުގެ ހައްގު ލިބިގެންވަނީ މައްސަލައިގައި ހުކުމެއް ނައިސް ތުހުމަތެއްގެ މަތީ ހުރި މީހާއަށް ކަމަށެވެ. އެހެން ކަމުން އެ ހައްގަކީ، ކުށްވެރިވެ ޖަލު ބަންދެއްގައި ހުންނަ މީހަކަށް އޮތް ހައްގެއް ނޫން ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.
މައްސަލައިގެ ފުރަތަމަ ޝަރިއަތުގައި ރައީސް ޔާމީންގެ ގާނޫނީ ވަކީލު ޑރ. ޖަމީލު ވަނީ، ދުނިޔޭގެ ބައެއް ގައުމުތަކުގައި ހުކުމެއް ތަންފީޒު ކުރަމުންދާ މީހާއަށް ވެސް ކަފާލާތުގެ ހައްގު އޮންނަ ކަމަށް ބުނެފައެވެ. އެކަމަށް އިޝާރާތް ކުރައްވާ ފަނޑިޔާރު މަޒީޒު ވިދާޅުވީ އެ ގައުމުތަކުގައި ”ކަފާލާތުގެ“ ގާނޫނުތަކެއް އެބައޮތް ކަމަށެވެ. އަދި ކަފާލާތް ދިނުމަށް ލިޔެވިފައުވާ ގާނުނުތަކެއް ވާކަމަށެވެ. އޭގެ ތެރޭގައި ބައެއް ގައުމުތަކުން ”ޕީނަލް ކޯޑު“ ގައި ކަފާލާތް ހިމަނާ، ބެއިލް އެކްޓް ހަދާފައިވާކަމަށެވެ.
ފަނޑިޔާރު މަޒީދު ވިދާޅުވީ، އެފަދަ ގައުމުތަކުގައި ވެސް އެ އުސޫލަށް އަމަލު ކުރަނީ އެއީ އަސާސީ ހައްގެއްގެ ގޮތުގައި ދެކިގެންނެއް ނޫން ކަމަށެވެ. އެއީ ”ކޮންޑިޝަނަލް ރައިޓެއް“ ގެ ގޮތުގައި އެ ގައުމުތަކުގެ ގާނޫނުގައި ބަޔާންކޮށްފައިވާކަމަށް މަޒީދު ފާހަގަކުރެއްވިއެވެ.
ފަނޑިޔާރު ނިޔާޒުގެ ވާހަކައިގައި ދެން ފާހަގަކުރެއްވި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ގާނޫނުތަކެވެ. އެގޮތުން ފަނޑިޔާރު ވިދާޅުވީ މީހެއްގެ މައްޗަށް ކުށެއް ސާބިތުވަނީ އެ ގާނޫނީ ނުކުތާތަކެއްގެ މައްޗަށް ކަމަށާއި، ޖަލަށް ލާފައިވާ މީހަކު ދޫކޮށްލެވޭނީ ވެސް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ގާނޫނީ ނުކުތާތަކެއްގެ މައްޗަށް ބިނާކޮށް ކަމަށެވެ.
ފަނޑިޔާރު މަޒީޒުއަށްފަހު، ރައުޔު ނެރުއްވާ ފަނޑިޔާރު ނިޔާޒު ވިދާޅުވީ ހައިކޯޓުގެ ގަވައިދަށް ރިޔާއަތް ކުރުމަށްފަހު ކުށްވެންވެސް ކަފާލާތުގެ ދަށުން މިނިވަން ކުރެވިދާނެ ކަމަށެވެ. އެހެން ނަމަވެސް މައްސަލައަށް ބަލާ، ރައީސް ޔާމީންއަށް ކަފާލާތް ދޭންޖެހޭ ހާލަތެއް ނެތް ކަމަށް ވިދާޅުވިއެވެ.
ނިޔާޒުވެސް ވިދާޅުވީ، ކަފާލާތަކީ އަސާސީ ހައްގެއް ނޫން ކަމަށެވެ. އަދި އެކަން ގާނޫނު އަސާސީގެ ދެވަނަ ބާބުން ކަށަވަރުކޮށްދޭ އަސާސީ ހައްގުތަކުގެ ތެރޭގައި ވެސް ނުހިމެނޭކަމަށް ވިދާޅުވިއެވެ.
ޝަރީއަތުގެ ފުރަތަމަ އަޑުއެހުމުގައި ޑރ. ޖަމީލްވަނީ، ކަފާލާތުގެ ދަށުން ރައީސް ޔާމީން މިނިވަންކޮށްދެއްވުމަށް އެދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އެމަނިކުފާނުގެ ދަރިކަލުން ފާރިސް މައުމޫން، އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިނިވަން ކުރީ ކަފާލާތުގެ ދަށުންކަމަށް ވިދާޅުވެފައެވެ. އަދި އެގޮތަށް ހައިކޯޓުން ކަނޑައެޅުން އެއީ ގާނޫނީ އުސޫލެއްގެ ގޮތުގައި ބެލެވޭނެ ކަމަށް ޖަމީލު ވިދާޅުވިއެވެ.

ރައީސް މައުމޫން އާއި ފާރިސް އަދި ގާސިމް ކަފާލާތުގެ ދަށުން މިނިވަން ކުރުމާއި ގުޅޭގޮތުން ނިޔާޒު ވިދާޅުވީ ހައިކޯޓުން އެ ބޭފުޅުން މިނިވަންކޮށްފައިވަނީ ފަނޑިޔާރުންނަށް ދީފައިވާ އިހުތިޔާރު ކަމަށެވެ. ހައިކޯޓުގެ ގަވައިދުގައި، ކުށްވެރިނަނަށް ކަފާލާތް ދެވޭނެ ކަމަށް ބުނެފައިވަނީ އިހުތިޔާރެއްގެ ގޮތުގައެވެ. އަދި، ރައީސް މައުމޫނާއި، ފާރިސް އަދި ގާސިމް ކަފާލާތުގެ ދަށުން މިނިވަން ކުރުމަށް ފަނޑިޔާރުން ބޭނުން ކުރެއްވި ސަބަބެއް އެ އަމުރުގައި ލިޔެފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެ އަމުރަށް ވާސިލްވީ ސަބަބުވެސް ބަޔާންކޮށްފައި ނުވާކަމަށް ފަނޑިޔާރު ނިޔާޒު ވަނީ ވިދާޅުވެފައެވެ.
އިންޑިއާ ސުޕްރީމް ކޯޓުގެ ދެ ހުކުމަކުން ކަފާލާތް ދީފައިވާކަން ފާހަގަކުރައްވާ އިންޑިއާގެ ސުޕްރީމް ކޯޓުން ކަފާލާތުގެ ހައްގު ދީފައިވަނީ މުތުލަގުކޮށް ކަމަށާއި އެއީ ކަމުގެ ބޮޑު ކަމާއި އިންސާފަށް ހުރަސް އެޅިދާނެތީ ކަމަށް ޑރ ޖަމީލު ވިދާޅުވެފައިވެއެވެ.
އެ ދެ ހުކުމާއި ގުޅޭގޮތުން ނިޒާޒު ވިދާޅުވީ އެ މައްސަލައަކީ ދެ މީހެއްގެ ދެމެދުގައި ހިނގި މާރާމާރީއެއްގެ މައްސަލަ ކަމަށެވެ. އަދި އެނާގެ މައްޗަށް އަންނީ 12 މަސް ދުވަހުގެ ހުކުމެއް ކަމަށެވެ. އެހެން ކަމުން، މަނީ ލޯންޑްރިންގެ މައްސަލައަކާއި، މާރާމާރީގެ މައްސަލައަކާއި އަޅާ ނުކިޔޭނެ ކަމަށް ނިޔާޒު ވިދާޅުވިއެވެ. އަދި މައްސަލައިގައި ހިމެނޭ ފައިސާ ގުޅިފައިވަނީ މުޖްތަމައުއާއި ކަމަށެވެ. އަދި އެއީ މުތުލަގު ހައްގެއް ނޫން ކަމަށް ވެސް ފަނޑިޔާރު ވިދާޅުވިއެވެ. ޖަމީލު ފާހަގަ ކުރެއްވި މައްސަލައިގައި ބެއިލް ދީފައިވަނީ އެއީ ”އެކިއުޒްޑް“ ކޭސްއަކަށް ވުމުން ކަމަށް ނިޔާޒު ވިދާޅުވިއެވެ.
ރައީސް ޔާމީންގެ އިސްތިއުނާފާއި ގުޅޭގޮތުން ތަފާތު ރައުޔެއް ނެރުއްވީ ފަނޑިޔާރު ޝަހީދުއެވެ. ޝަހީދު ވިދާޅުވީ އިސްތިއުނާފުގެ އަޑުއެހުމުގައި ރައީސް ޔާމީންއަކީ ނުރައްކާތެރި ކުށްވެރިއެއްތޯ ސުވާލު ކުރުމުން ދައުލަރަށް އޭގެ ޖަވާބު ދެވިފައި ނުވާ ކަމަށެވެ.
ހުކުމްތައް ފަސް ކުރުމާއި ގުޅޭގޮތުން ސުޕްރީމް ކޯޓުންވެސް ހުކުމް ނެރެފައިވާކަމަށާއި، އެފަދަ އަމުރުތަކަށް ދައުލަތުންވެސް އެދިފައި އެބަހުރިކަމަށް އޭނާ ވިދާޅުވިއެވެ. ފަނޑިޔާރު ވިދާޅުވީ އޭގެ ތެރޭގައި ޖިނާއީ ބޮޑެތި މައްސަލަތައް ވެސް ހިމެނޭ ކަމަށެވެ. އަދި އެ ނިންމުމާ މެދު ދައުލަތުން މުރާޖާއަކަށް ވެސް ނޭދޭކަމަށެވެ.
ތިން ފަނޑިޔާރުންގެ ރައުޔު ތަފާތު ނިންމެވުން އިއްވެވުމަށްފަހު އަޑުއެހުން ނިންވާލައްވަމުން ފަނޑިޔާރު މަޒީދު ވަނީ މި މަހުގެ ތެރޭގައި އިތުރު އަޑުއެހުމެއް ބާއްވާނެ ކަމަށް އިއުލާނުކުރައްވާފައެވެ. ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ މައްސަލައިގެ އިސްތިއުނާފީ ނުކުތާތަކަށް ވާހަކަ ދެއްކުމެވެ. ރައީސް ޔާމީންގެ ފަރާތްޕުޅުން 80 އަށްވުރެ އިސްތިއުނާފީ ނުކުތާ ހުށަހަޅާފައިވެއެވެ.
އަޑުއެހުން އަޑުއަހަން ރައީސް ޔާމީންގެ ގިނަ ސަޕޯޓަރުން ވަނެވެ. އޭގެ ތެރޭގައި ޕީޕީއެމްގެ އިސް ބޭފުޅުން ވެސް ހިމެނެ އެވެ. ރައީސް ޔާމީނަށް ކަފާލާތް ދެވެން ނެތްކަމަށް އިއްތިފާގުވުމުން ކޯޓު ރޫމްގެ ތެރޭގައި ތިބި ސަޕޯޓަރުން ރޮމުންގެންދިޔަ މަންޒަރުވެސް ފެނުނެވެ.

