ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ މިހާތަނަށް ބޭއްވުމަށް ހަމަޖެހިފައިވަނީ ދެ ރަށަކާއި، މާލޭގެ އެއް ދާއިރާގައި ކަމަށް އެޕާޓީން ހާމަކޮށްފިއެވެ.
އަންނަ އޭޕްރިލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ ހުޅުވާލާފައެވެ. ލޯކަލް ކައުންސިލް އިންތިހާބާއި އެކު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބު ވެސް ބާއްވާނީ އޭޕްރިލް 4 ގައެވެ. މިއީ ދެ އިންތިހާބެއް އެއް ދުވަހެއްގައި ބާއްވާ ފުރަތަމަ ފަހަރެވެ.
މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ކައުންސިލް އިންތިހާބަށް ވާދަކުރުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް އީސީން ވަނީ ހުޅުވާލާފައެވެ.
ކައުންސިލް އިންތިހާބަށް ސިޔާސީ ޕާޓީތަކުން ވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި ޖޭޕީގެ ޓިކެޓު ހޯދަން ވާދަ ކުރާ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީއަށް ކުރިމަތިލުމުގެ ފުރުސަތު ޖަނަވަރީ ފުރަތަމަ ހަފްތާގައެވެ. ޕާޓީން މިހާރުވެސް މެމްބަރުންގެ ފޯމުތައް ޕްރޮސެސް ކުރުމުގެ މަސައްކަތް ކުރިޔަށް ގެންދެއެވެ. އަދި ޕާޓީން މިހާތަނަށް ބެލި ބެލުމުން އިންތިހާބު ބާއްވާނީ ތިން ސަރަހައްދެއްގައިކަމަށް ޖޭޕީން ވަނީ ބުނެފައެވެ.
އެއީ މާލޭގެ އެއް ދާއިރާގެ އިތުރުން އދ، މާމިގިލި އަދި ފެންފުށީގައެވެ. މާލޭގައި ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ މާފަންނު ހުޅަނގު އުތުރު ގައެވެ. އދ މާމިގިލި އަދި ފެންފުއްޓަކީ ޖޭޕީގެ ލީޑަރު ނިސްބަތްވެވަޑައިގަންނަވާ ދެ ރަށެވެ. އެއީ ގާސިމް އިބްރާހިމަށް ރާއްޖޭގައި އެންމެ ތާއީދު ބޮޑުވެސް ދެ ރަށެވެ.
ޖޭޕީން ނިންމާފައި ވަނީ ކައުންސިލް އިންތިހާބުގައި އަންހެނުންގެ ކޮމިޓީގެ އިންތިހާބުގެ ހުރިހާ ގޮނޑިއަކަށް ވާދަ ކުރާށެވެ.
އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ ކައުންސިލް އިންތިހާބުގައި 980 ކައުންސިލަރުުން އިންތިހާބު ކުރާއިރު، އަންހެނުންގެ ކޮމިޓީތަކަށް 929 މީހުން އިންތިހާބު ކުރާނެ އެވެ. މިއީ މިހާ ގިނަ އަދަދެއްގެ ކައުންސިލަރުން އިންތިހާބު ކުރާ ފުރަތަމަ ފަހަރެވެ.
އިލެކްޝަންސް ކޮމިޝަންގެ ނައިބް ރައީސް އަހުމަދު އަކްރަމް ވިދާޅުވި ގޮތުން އިންތިހާބުގައި، މިހާތަނަށް ބެލިބެލުމުން ޖުމްލަ 454 ވޯޓު ފޮށި ބަހައްޓަން ޖެހޭނެއެވެ. އެގޮތުން މާލެ ސިޓީގައި 173 ވޯޓްފޮށި، އަތޮޅުތެރޭގައި 322 ވޯޓްފޮށި އަދި ސިނާއީ މަސައްކަތްކުރާ ރަށްތަކާއި، ރިސޯޓް އަދި ޖަލުތަކުގައި 42 ވޯޓް ފޮށި ބެހެއްޓޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ދިވެހުން ދިރިއުޅޭ ގައުމުތަކުގައި ވެސް ވޯޓު ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާކަމަށް އަކްރަމް ވިދާޅުވިއެވެ. އަކްރަމް ވިދާޅުވީ، މިއީ އަންދާޒާ ކުރެވޭ އަދަދުތައް ނަމަވެސް، ވޯޓު ފޮށިތައް ބަހައްޓާނެ ސީދާ އަދަދުތައް ޔަގީންވާނީ ރީރެޖިސްޓްރޭޝަންގެ މަސައްކަތްތަކަށް ފަހުގަައި ކަމަށެވެ.
މީގެ ކުރިން ވޯޓު ފޮށިތައް ބަހައްޓާފައި ނުވާ ބައެއް ސަރަަހައްދުތަކުގައިވެސް، ކައުންސިލް އިންތިހާބަށް ވޯޓު ފޮށި ބެހެއްޓުމުގެ މަޝްވަރާތައް ކުރަމުންދާކަން އަކްރަމް ވަނީ ފާހަގަކުރައްވާފައެވެ. އޭގެ ތެރޭގައި ގަލޮޅު ދަނޑާއި، ހެންވޭރު ދަނޑުވެސް ހިމެނެއެވެ.

