އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިހާބަށް އިއުލާނު ކުރީ ޕާޓީގެ އަސާސީ ގަވައިދާ ހިލާފަށްކަމަށް ބުނެ، އިއުލާން ބާތިލުކުރުމަށް ޕާޓީގެ އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީހުން އަންގައިފިއެވެ.
މި މައްސަލައާ ގުޅިގެން އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީހުގެ ރައީސް އަހްމަދު އަބްދުﷲ އަފީފް ސޮއިކުރައްވައި، ޕާޓީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާއަށް ވަނީ ސިޓީއެއް ފޮނުއްވާފައެވެ. މި ސިޓީއާއި މެދު އަމަލު ކުރާނެ ގޮތެއް ސާފު ކުރުމަށް ”ސަންގު“ އިން ގުޅުމުން ޣަފޫރު ފޯނަށް ޖަވާބު ދެއްވާފައި ނުވެއެވެ.
އެ ސިޓީގައި ބަޔާންކޮށްފައިވާ ގޮތުގައި، ޕާޓީގެ އަސާސީ ގަވައިދުގެ 46 ވަނަ މާއްދާގެ ދަށުން ޗެއާޕާސަންގެ އިންތިހާބުގެ ކަންކަން ރާވައި ހިންގުމުގެ މަސްއޫލިއްޔަތު މަތިކުރަނީ އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލީހުގެ ރައީސަށެވެ. ނަމަވެސް، ޕާޓީން ޗެއާޕާސަންކަމަށް ކުރިމަތިލާން އިއުލާނުކޮށް، އާންމު ކުރި އިންތިހާބުގެ ޓައިމްލައިން އިސްތިއުނާފު ފަނޑިޔާރުގެ މަޖިލިހުގެ ރައީސްގެ ހައިސިއްޔަތުން ދިން އިރުޝާދާއި ހިލާފުކަމަށް އަފީފްގެ ސިޓީގައި ވެއެވެ.
އެހެންކަމުން އޭނާއަށް ނާންގައި ޗެއާޕާސަންގެ އިންތިހާބާ ގުޅޭ އެއްވެސް ނިންމުމެއް ޕާޓީގެ އެއްވެސް ގުނަންއަކުން ނިންމުމަކީ، އަސާސީ ގަވައިދާ ހިލާފަށް ކުރާ މަސައްކަތެއްކަން އަފީފް ވިދާޅުވި އެވެ.
އޭނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އިންތިހާބާ ބެހޭ ކޮމިޓީން ނިންމި ޓައިމްލައިނަކީ ހަމައެކަނި ދިން ލަފައެކެވެ. އަދި ޕާޓީގެ ލީޑަރުންގެ މެދުގައި ނުތަނަވަސްކަން އުފެދިފައިވާ މި ދަނޑިވަޅުގައި، މަސްލަހަތު ގެއްލިދާނެ ފަދަ ނިންމުމެއް ނިންމުމަކީ ރަނގަޅު ގޮތެއް ނޫންކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން، ޕާޓީގެ ގިނަ އަދަދެއްގެ މެންބަރުން އެ މީހުންނަށް ނޭނގި ވެރިކަން ކުރާ ޕީއެންސީއަށް ބަދަލުކޮށްފައިވާތީ، އެފަދަ މެންބަރުންނަށް އިންތިހާބުގައި ބައިވެރިވުމުގެ ފުރުސަތު ގެއްލޭ ގޮތަށް ކަންކަން ރޭވުމަކީ ކެންޑިޑޭޓުންނާއި މެންބަރުންގެ އިންތިހާބީ ހައްގަށް އުނިކަން އަންނާނެކަމެއް ކަމަށްވެސް ސިޓީގައި ފާހަގަކޮށްފައިވެއެވެ.
އެމްޑީޕީން ކުރި އިއުލާނުގައިވާ ގޮތުން، ޗެއާޕާސަން ހޮވުމުގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ޖޫން މަހުގެ 12 ވަނަ ދުވަހުއެވެ. އަދި އެ އިންތިހާބުގައި ވޯޓު ލެވޭނީ މި މަހުގެ 22 ގެ ނިޔަލަށް ޕާޓީގެ ދަފްތަރުގައި ތިބި މެންބަރުންނަށް އެކަނިކަމަށް ކަނޑައެޅުމުން، އެ މައްސަލަ ވެސް ވަރަށް ބޮޑަށް ހޫނުވި އެވެ.
ޗެއާޕާސަންކަމަށް އިންތިހާބުގައި ވާދަކުރައްވާނެކަން މިހާތަނަށް އިއުލާން ކުރައްވާފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމެވެ.
އިންތިހާބާއި ގުޅުވައި ދެ ފަރާތުން ވެސް ކަންބޮޑުވުންފާޅު ކުރަމުންގެންދާއިރު، އިދާރީ އެކި މަސައްކަތަކުގައި މީކާއިލްގެ މަންމަ މަރިޔަމް ޒުބެއިރު (މަންދި) އިސްކޮށް އުޅޭތީ އެކަމަށް ރައީސް ނަޝީދުގެ ޓީމުގެ ފަރާތުން ކަންބޮޑުވުންފާޅުކޮށްފައި ވެއެވެ.
މީގެއިތުރުން ދެން އުފެދުނު އަނެއް މައްސަލައަކީ، އިންތިހާބާއި ބެހޭ ކޮމިޓީގެ މުގައްރިރު އަދި މަޖިލީހުގެ ކުރީގެ މެމްބަރު މުހައްމަދު ފަލާހު މީކައިލްއަށް ތާއީދު ކުރެއްވުމެވެ. މީކާއިލްގެ ތާއީދުގައި ފަލާހު ސޯޝަލް މީޑިއާގައި ޕޯސްޓުތަކެއް އާންމުކޮށް، ރީޕޯސްޓު ކުރެއްވިކަމަށް ބުނެ އެ މައްސަލަ ހޫނުވި އެވެ.
މައްސަލަ ގޯސްވުމުން ފަލާހު ވަނީ ކޮމިޓީން ތަނާޒުލްވެވަޑައިގެންފަ އެވެ. އެހެން ނަމަވެސް އެކަމާއި ދެކޮޅަށް، ރައީސް ނަޝީދު ޓީމުން ބުނެފައި ވަނީ ފަލާހު މީކާއިލްގެ ކެމްޕެއިން ޓީމުގައި މަސައްކަތް ކުރައްވާނަމަ، އެ މަސައްކަތް ކުރަން ޖެހޭނީ މަގާމުން އިސްތިއުފާ ދެއްވުމަށް ފަހުކަމަށެވެ.

