ކޮންމެ ރައީސްއަކުން ވެސް އަނެއް ރައީސް، ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވައިގެން ޖަލަށްލާކަމަށް ވިދާޅުވެ ރައީސް މައުމޫންގެ ދަރިކަނބަލުން ދުންޔާ މައުމޫން ކުރެއްވި ޓްވީޓަކާއި ގުޅިގެން ތިން ރައީސުންގެ އާއިލާގެ ބޭފުޅުންގެ މެދު އަރައިރުމެއް ހިނގާ އެންމެފަހުން ެރައީސް މުހައްމަދު ނަޝީދުވެސް އޭގެ ތެރެއަށް ވަންނަވައިފިއެވެ.
މި އަރައިރުން ފެށުމަށް މެދުވެރިވީ، ރާއްޖޭގައި 30 އަހަރުވަންދެން ވެރިކަން ކުރެއްވި ރައީސް މައުމޫންގެ ދޮށީ ދަރިކަނބަލުން ދުންޔާ ކުރެއްވި ޓްވީޓަކާއި ގުޅިގެންނެވެ. ގިނަ ދުވަސްތަކެއް ވަންދެން ރާއްޖެއިން ބޭރުގައި އުޅުއްވުމަށްފަހު ދުންޔާ ރާއްޖެ ވަޑައިގެންފައިވަނީ މީގެ ދެ ދުވަސް ކުރިންނެވެ. އިންޑަސްޓްރިއަލް ވިލެޖު ސަރަހައްދުން، ލޯންޗުތައް ފަޅުން ވަންނަ ދިމާލުން ދަރުމަވަންތަ ހޮސްޕިޓަލް އަރާގޮތަށް ފޮޓޯއެއް ނަންގަވާ ދުންޔާ ވިދާޅުވީ ކޮންމެ ރައީސަކުވެސް ވެރިކަމަށް އައުމަށްފަހު ބަލަނީ އޭގެ ކުރިން ވެރިކަން ކުރެއްވި ރައީސް ޖަލަށް ލުމަށް ކަމަށެވެ.
https://twitter.com/dunyamaumoon/status/1230828398819205120
ކުރީގެ ރައީސުލް ޖަލަށް ލުމުގެ ސިޔާސަތަށް ބަދަލު އަންނަޖެހޭ ކަމަށް ވިދާޅުވެ، ދުންޔާ ވަނީ މި ސަރުކާރުން އެކަމަނާގެ ބޮޑުބޭބޭފުޅު ރައީސް، އަބްދުﷲ ޔާމީން ޖަލަށްލާފައިވަނީ ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުކޮށްގެންކަމަށް ދޭހަވާ މޭރުމަކުން ވާހަކަ ދައްކަވާފައެވެ. ދުންޔާގެ އެ ޓްވީޓަށް ވަރަށް ގިނަ ބަޔަކު ރަށްދު ދެއްވިއެވެ. އޭގެ ތެރޭގައި ރައީސް މައުމޫން އުފައްދަވާފައިވާ އެމްއާރުއެމްގެ ބައެއް މެމްބަރުންނާއި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އާއިލާގެ މެމްބަރުން އަދި ރައީސް ނަޝީދުގެ އާއިލާ ހިމެނެއެވެ.
ދުންޔާއަށް ރައްދުދެއްވައި ރައީސް ނަޝީދާއި ދެބެއިންގެދަރި ނަޒީ އަހުމަދު ވިދާޅުވީ ކޮންމެ ރައީސަކުވެސް ކަންތައް ކުރީ އެހެންކަމަށް ނުބުނެވޭނެ ކަަމަށެވެ. އަދި ރައީސް ނަޝީދު، ރައީސް މައުމޫން ޖަލަށް ނުލާކަމަށް ނަޒީ ވިދާޅުވިއެވެ. ދުންޔާވެސް ވަގުތުން ނަޒީއަށް ރައްދު ދެއްވިއެވެ. އަދި ވިދާޅުވީ ކޮމިޝަނެއް ހަދައިގެން އެ މަސައްކަތް ކުރި ކަމަށެވެ. ރައީސް މައުމޫން ފުލުހަށް ވެސް ހާޒިރު ކުރިކަމަށް ދުންޔާ ވިދާޅުވިއެވެ. އަދި އެކަން ހަނދާން ނެތުނީތޯ ސުވާލު ކުރިއެވެ. އެއަށްފަހު ނަޒީ އަނެއްކާވެސް ދުންޔާއަށް ރައްދުދެއްވާ ވިދާޅުވީ، އެއްވެސް ކަމެއްގެ މަތީން ހަނދާން ނުނެތޭނެ ކަމަށެވެ. އަދި ޖަަލަކާއި ކޮމިޝަނަކާއި އަޅާނުކިއުމަށް ނަޒީ ވިދާޅުވިއެވެ. އެއަށްފަހު ނަޒީ ވަނީ ހަނދާނުން ނުނެތޭނެ ވަރަށް ގިނަކަންކަން އެބަހުރިކަމަށް ވިދާޅުވިއެވެ.
https://twitter.com/Nazeeahmed/status/1230854129100238848
ޖަވާބުގައި ނަޒީ ވިދާޅުވީ ހަނދާން ނުނެތޭ ކަމަށެވެ. ޖަލާއި ކޮމިޝަނަކާ އަޅާނުކިޔުމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ވަރަށް ބައިވަރު ކަންކަން ހަނދާނުން ނުފޮހެވި އެބަހުރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ހަމަނުޖެހުން ބޮޑުވީ، ދުންޔާގެ ޓްވީޓަށް ރައީސް ނަޝީދުގެ ދަރިކަނބަލުން މީރާ ލައިލާ މުހައްމަދު ނަޝީދު ރައްދު ދެއްވި ހިސާބުންނެވެ. މީރާވަނީ ރުޅިގަދަވެ ދުންޔާއަށް ވަރަށް ގިނަ އެއްޗެހި ގޮވާފައެވެ. މީރާ ވިދާޅުވީ ރައީސް މައުމޫންގެ ހަނދާން އާވާނީ ވެރިކަމުގައި އެތައް ބަޔަކަށް ދިން އަނިޔާ އާއި މުސީބާތްތަކުން ކަމަށެވެ. އެހެން އެތައް ބަޔަކަށް ޖަލުގައި އަނިޔާކުރި ގޮތަށް އަނިޔާ ރައީސް މައުމޫނަށް ވެސް ލިބެން ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ހުންނެވީ ވަރަށް ރުޅި އައިސްފައިކަން ކޮންމެ ޓްވީޓެއްގައި ވެސް ބަޔާން ކުރައްވާފައިވެ އެވެ.
ދަރިކަނބަލުންގެ ރުޅި ފެނިވަޑައިގެން ރައީސް ނަޝީދު ވެސްޓްވީޓެއް ކުރެއްވި އެވެ. އަނިޔާ އާއި ބޭއިންސާފުގެ ވާހަކަ ރައީސް މައުމޫންގެ އާއިލާއިން ދެއްކުމުން ހައިރާންވެވަޑައިގަންނަވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ރައީސް މައުމޫން ވަނީ މުޅި ޖީލަކަށް އެއްކޮށް އަނިޔާ ދީފައި ވާ ކަމަށާއި އެންމެ ރަނގަޅު ގޮތަކީ އެ ބޭފުޅުން އަނގަ މަޑުންލައިގެން ތިއްބެވުން ކަމަށެވެ. އަދި ހާއްސަކޮށް އެމަނިކުފާނުގެ ދަރިން ރޫޅި ނޭރުވުން އެއީ ރަނގަޅު ގޮތް ކަމަށް ވިދާޅުވި އެވެ.
https://twitter.com/MohamedNasheed/status/1231075326844735488
ރައީސް މައުމޫން ވެސް ވެރިކަމަށް ވަޑައިގަތުމަށްފަހު ރައީސް ނާސިރު ޖަލަށް ލުމަށް މަސައްކަތް ކުރެއްވިއެވެ. އަދި އުމުރު ދުވަހުގެ ޖަލު ހުކުމެއް ވެސް އިއްވިއެވެ. އެހެން ނަމަވެސް ނާސިރު އެއަށްފަހު ވަޑައިގެންނެވީ، ސިންގަޕޫރަށެވެ. އެމަނިކުފާނު މިދުނިޔެ ދޫކުރެއްވީވެސް އެ ގައުމަށެވެ. އެއަށްފަހު އެމަނިކުފާނުގެ ހަށިކޮޅު މާލެ ގެނެވި ފަސްދާނު ވެޑުވުނީ ރައީސް ނަޝީދުގެ ވެރިކަމުގެތެރޭގައެވެ.
ރައީސް މައުމޫނާއި ރައީސް ނަޝީދު، ސިޔާސީ ހަތުރުންގެ ގޮތުގައި ތިއްބަވައި އެއް ގަލަކަށް އަރާވަޑައިގެންނެވީ ރައީސް ޔާމީންގެ ވެރިކަމުގަ އެވެ. އޭރު ދެ ބޭފުޅުން ވަނީ އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް މާފު ވެސް ކުރައްވާފަ އެވެ. އަދި ބައްދަލުވުންތައް ވެސް ބޭއްވެވި އެވެ. ނަމަވެސް ދެ އާއިލާގެ ދެމެދު އޮތް ނުތަނަވަސްކަމެއް އޭރު ވެސް ނުފިލަ އެވެ. މިހާރުގެ ސަރުކާރުގައި ރައީސް މައުމޫންގެ ދަރިކަނބަލެއް ކަމަށްވާ ޔުމްނާ މައުމޫން ވެސް ހިމެނިވަޑައިގަންވަ އެވެ

