މީހުންނަށް ވަނަމަށް ނުގަވާ އަބުރާ ނުބެހި ވެސް ސިޔާސީ ވާހަކަ ދެއްކޭނެ ކަމަށް ވިދާޅުވެ ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ މުހައްމަދު ޗަހީމް އަލީ ސައީދު ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ރައްދު ދެއްވައިފިއެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް އެމްޑީޕީގެ “ ރަށްވެހި ފަތިސް“ ކެމްޕެއިން ލޯންޗް ކުރުމުގެ ރަސްމީއްޔާތުގައި ރައީސް ޔާމީންގެ ސަރުކާރުގެ ހައުސިން މިނިސްޓަރ ޑރ މުހައްމަދު މުއިއްޒުއަށް ނިސްބަތް ކުރައްވައި ރައީސް ނަޝީދު މުޅި މާލެ ހަލާކު ކޮށްލީ ”ހޮޅި މުއިއްޒު“ ކަމަށެވެ.
ނަޝީދުގެ އެ ވާހަތަކަށް ފާޑުވިދާޅުވެ ޑރ ޝަހީމް އޭނާގެ ފޭސްބުކް ޕޭޖުގައި ވިދާޅުވީ ހޮޅި މުއިއްޒުއޭ ކިޔައިގެން ޑރ މުއިއްޒުގެ އަގުވައްޓާލަން ހިތާމަ ހުރި ކަމެއް ކަމަށެވެ. އަދި މީހުންގެ އަބުރު ކަތިނުލައި ސިޔާސީ މަސައްކަތް ކުރެވޭނެ ކަމަށް ޑރ ޝަހީމް ވިދާޅުވިއެވެ.
މީގެއިތުރުން މީހެއްގެ މަންމަޔަކު ނޫނީ ބައްޕަޔަކު ރާއްޖޭގެ އެހެން ރަށަކަށް ނިސްބަތް ވުމަކީ އެމީހާގެ ކުށެއް ނޫންކަން ފާހަގަ ކުރައްވައި ޑރ ޝަހީމް ވިދާޅުވީ މީހަކު ނިސްބަތްވާ ރަށަކަށް ނުވަތަ އާއިލާއަކަށް ބަލާފައި ނަސްލީ ތަފާތުކުރުން އިސްކޮށް ހަމަހަމަކަން ނަގާލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
ޑރ ޝަހީމް ވިދާޅުވީ ރާއްޖޭގެ ރައްޔިތުންނަކީ އެއްބައިވަންތަ އެއްބައެއް ކަމަށެވެ. ނަމަވެސް އެންމެ ބޮޑު ހިތާމައަކީ އަބުރާ ބެހުމާއި މުޖުތަމައުގެ ރިވެތި ސިފަތައް ގެއްލުވާލަން އުޅެނީ އެ ސިފަތައް ދަމަހަށްޓަން ބާރުއަޅަން ޖެހޭ ފަރާތްތަކުން ކަމަށާއި އެއީ ހުއްޓުވަން ޖެހޭ ކަމެއް ކަމަށް ޑރ ޝަހީމް ވިދާޅުވިއެވެ.
މީގެއިތުރުން ޑރ ޝަހީމް ވިދާޅުވީ ގައުމެއް ތަރައްގީ ކުރެވޭނީ އިލްމީ ގާބިލް އަދި ގިނަވަގުތު މަސައކަތް ކުރަން ދަންނަ އުފެއްދުންތެރި ވިސްނުން ހުރި ދުނިޔޭގެ ހަފަރާތަށް ލޯހުޅުވޭ މީހުން ލީޑާރޝިޕަށް ގެނެސްގެން ކަމަށާއި ޑރ މުއިއްޒުއަކީ އެފަދަ ބޭފުޅެއް ކަމަށް ޝަހީމް ވިދާޅުވިއެވެ.

