ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އަމިއްލަފުޅު ދަތުރުފުޅެއްގައި ހަށިފާރަވެރިޔާއާއި ޗީފް ބިއުރޯ އޮފިސަރު ގަމުން މާލެ ގެންދިއުމަށް ދައުލަތުގެ ބަޖެޓުން ޚަރަދުކުރި ފައިސާ ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ދެއްކުމަށް އޭސީސީގެ ތަޙްޤީޤަށް ސާބިތުވެގެންއުޅޭ ކޮރަޕްޝަންގެ ކުށަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގެ ޝަރުޠު ގެއްލިގެންދާފަދަ ކުށެއް ކަމަށް ކްރިމިނަލްގެ ކޯޓިގެ ކުރީގެ އިސްގާޒީ އަހުމަދު ހައިލަމް ވިދާޅުވެއްޖެއެވެ.
ރައީސް މުޙައްމަދު ނަޝީދު އަމިއްލަފުޅު ދަތުރުފުޅެއްގައި ހަށިފާރަވެރިޔާއާއި ޗީފް ބިއުރޯ އޮފިސަރު ގަމުން މާލެ ގެންދިއުމަށް ދައުލަތުގެ ބަޖެޓުން ޚަރަދުކުރި ފައިސާ ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ދެއްކުމަށް އޭސީސީން ނަޝީދުއަށް އެންގެވި އެންގެވުމުގެ މައްޗަށް އަލިއަޅުއްވާލައްވައި ހައިލަމް ވަނީ ލިޔުމެއް އާންމު ކުރައްވާފައެވެ.
https://twitter.com/AhmedHailam/status/1231191831330709504
ހައިލަމްގެ އެ ލިޔުމުގައި ވިދާޅުވެފައިވާ ގޮތުގައި ރައީސް މުޙައްމަދު ނަޝީދު އަމިއްލަފުޅު ދަތުރުފުޅެއްގައި ހަށިފާރަވެރިޔާއާއި ޗީފް ބިއުރޯ އޮފިސަރު ގަމުން މާލެ ގެންދިއުމަށް ދައުލަތުގެ ބަޖެޓުން ޚަރަދުކުރި ފައިސާ ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ދެއްކުމަށް އޭސީސީން ރައީސް ނަޝީދަށް އެންގެވުމުގެ މާނަ ވަރަށް ސާފެވެ.
އޭސީސީއަކީ ކޮރަޕްޝަންގެ މައްސަލަތައް ބަލައި ތަޙްޤީޤުކުރުމުގެ އިދާރާއެއްކަން ހައިލަމްގެ ލިޔުމުގައި ވަނީ ފާހަގަ ކުރައްވާފައެވެ. ހައިލަމް ވިދާޅުވާ ގޮތުގައި އެއިދާރާއިން އެބުނަނީ ރައީސް ނަޝީދު އަމިއްލަފުޅު ދަތުރުފުޅަކަށް އޭނާގެ ބައިވެރިންގެ ގޮތުގައި ގެންދިޔަ ބަޔަކަށް ޓިކެޓް ނަގައިދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ފައިސާ ޚަރަދުކޮށްފިކަން ތަޙްޤީޤަށް ސާބިތުވެއްޖެކަމަށެވެ. އަދި އެކަމުގެ ޒިންމާ ރައީސް ނަޝީދު ނަންގަވަންޖެހޭކަމަށް އޭސީސީއަށް ޤަބޫލުކުރެވިއްޖެކަމަށެވެ.
ގާނޫނީ ގިނަ ހުއްޖަތްތަކުގެ މައްޗަށް ބިނާކޮށް ހައިލަމް އާންމު ކުރެއްވި ލިޔުމުގައި ފާހަގަ ކޮށްފައިވާ ގޮތުގައި ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 513 ވަނަ މާއްދާގެ (ށ) ގައި، ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމަކީ ޖިނާއީ ކުށެކެވެ..
ހައިލަމް ފާހަގަ ކުރެއްވި ގޮތުގައި އެކުށް ފުރިހަމަވުމަށް އެއަކުރުން ކަނޑައަޅާފައި އޮންނަނީ ދެކަމެކެވެ. އެއް ކަމަކީ ދައުލަތުގެ މުވައްޒަފެއްގެ ހައިސިއްޔަތުން މީހަކަށް ލިބިފައި އޮންނަ ހައިސިއްޔަތު ނުވަތަ ހައިސިއްޔަތުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކުރުމެވެ. ދެވަނަ ކަމަކީ، އެކަންކުރަނީ ތިމާއަށް ނުވަތަ އޭގެ ފައިދާ ލިބެންނުޖެހޭ މީހަކަށް މަންފާއެއް ހޯދައިދިނުމުގެ މަޤުޞަދުގައި ކަމަށްވުމެވެ.
ނަޝީދުގެ އަމިއްލަ ދަތުރެއްގެ ކަންކަމަށް ދައުލަތުގެ ފައިސާ ޚަރަދުކޮށްފައިވަނީ ހަމަގޮތުގައި ނޫންކަމަށް އޭސީސީން ކަނޑައަޅާފައިވާކަން ހައިލަމް ފާހަގަ ކުރައްވާފައިވެއެވެ. ފައިސާ އަނބުރާ ދައްކަން އަންގަވަނީ އެހެންވެ ނޫންތޯ ވިދާޅުވެ ހައިލަމް ވަނީ ސުވާލު ކުރައްވާފައެވެ.
ހައިލަމް ފާހަގަ ކުރެއްވި ގޮތުގައި ރައީސް ނަޝީދަށް އެކަން އެގޮތަށް ކުރެއްވުނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތު އެމަނިކުފާނުގެ ކިބައިގައި އޮތުމުންނެވެ. އަދި އެކަންކުރުމުގެ ނަތީޖާއަކީ ރައީސް ނަޝީދު ނުވަތަ އެމަނިކުފާނުގެ ދަތުރު ޚަރަދު ސަލާމަތްކޮށް މަންފާއެއް ނެރުން ކަމަށް ހައިލަމް ދެކެވަޑައިގަންނަވައެވެ. ކުށް ފުރިހަމަވުމަށް މަންފާއެއް ނުކުމެފައި އޮތުމަކީ ޝަރުޠެއް ވެސް ނޫންކަން ފާހަގަ ކުރައްވައި ހައިލަމް ވިދާޅުވި ގޮތުގައި ޝަރުޠަކީ މަންފާއެއް ހޯދުމުގެ ނުވަތަ ހޯދައިދިނުމުގެ ނިޔަތް އޮތުމެވެ. މަންފާއެއް ވެފައި އޮތްކަން ސާބިތުވުމަކީ އެ ނިޔަތް އޮތްކަން ހާމަޔަށް ފެންނާން އޮތް ހެއްކަކަށް ޝަރުޢީ ކޯޓެއްގައި ފުދޭނެ ކަމަށް ހައިލަމް ވިދާޅުވިއެވެ.
އެހެންކަމުން އޭސީސީން ރައީސް ނަޝީދަށް ފައިސާދެއްކެވުމަށް އެންގެވި އެންގެވުމަކީ ވަރަށް ބޮޑު އެންގެވުމެއް ކަމަށް ހައިލަމް ވިދާޅުވިއެވެ. އެގޮތުން އެއެންގެވުމަށް ބެލުމުން އެނގެނީ، ޖިނާޔަތުގެ 4 ވަނަ ދަރަޖައިގެ ކުށެއް ރައީސް ނަޝީދު ކުރައްވައިފިކަން އެންޓި ކޮރަޕްޝަން ކޮމިޝަންގެ ތަޙްޤީޤަށް ސާބިތުވެއްޖެކަން ކަމަށް ހައިލަމް ވިދާޅުވިއެވެ.
ހައިލަމްގެ ލިޔުމުގައި ވިދާޅުވެފައިވާ ގޮތުން އެއްވެސް މީހަކު ކޮރަޕްޝަންގެ ކުށެއް ކޮށްފިކަން އެންޓި ކޮރަޕްޝަން ކޮމިޝަނަށް ސާބިތުވެއްޖެނަމަ، އެކުށުގެ މަދަނީ ގެއްލުން ފޫބެއްދުމަށް އޭސީސީން ކުރަންޖެހޭ އަމުރުތައް ކުރާނެއެވެ. އެޔާއެކު އޭސީސީން ކުރަންޖެހޭ އަނެއް ކަމަކީ އެމައްސަލައިގެ ޖިނާއީ ދަޢުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުން ކަމަށް ހައިލަމް ވިދާޅުވިއެވެ. ހަމައެހެންމެ ކޮރަޕްޝަންގެ ޢަމަލެއް ހިނގައިފިކަން އޭސީސީގެ ތަޙްޤީޤަށް ސާބިތުވެ މައްސަލައިގެ ޖިނާއީ ދަޢުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ނުފޮނުވައިފިނަމަ، އެންޓި ކޮރަޕްޝަން ކޮމިޝަންގެ މެންބަރުންނަށް އެކުރެއްވެނީ ޤާނޫނުލްޢުޤޫބާތުގެ 513 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ކުށެއް ކަމަށާއި އެ ކުށަކީ ރައީސް ނަޝީދުގެ މައްޗަށް ވެސް ތަޙްޤީޤަށް ސާބިތުވެގެން އުޅޭ ކުށްކަން ހައިލަމް ފާހަގަ ކުރެއްވިއެވެ.
ހައިލަމްގެ ލިޔުމުގައި ވިދާޅުވެފައިވާ ގޮތުގައި އެންޓި ކޮރަޕްޝަން ކޮމިޝަންގެ މެންބަރުން މައްސަލައިގެ ތަޙްޤީޤަށް ކޮރަޕްޝަންގެ ޢަމަލު ސާބިތުވުމުން، އެކަން ރައީސް ނަޝީދުގެ މަންފާގައި އިހުމާލުކޮށްލައިފިނަމަ ކޮންމެވެސް އެއް ދުވަހަކުން އެކަމާ ޖަވާބުދާރީވާންޖެހޭނެއެވެ. އަދި ކުށްވެރިވެ އަދަބުލިބޭނެކަމީ ދިވެހިރާއްޖެއިން ފެންނަން އޮތް ޙަޤީޤަތެއް ކަމަށް ހައިލަމް ވިދާޅުވިއެވެ.
ހައިލަމް ވިދާޅުވި ގޮތުގައި ކޮމިޝަންގެ މެންބަރުން އެކަން ކުރައްވާނީ ގޮތަކަށް ކަމެއް އޭނާއަކަށް ދަންނަވާކަށް އެނގިވަޑައެއް ނުގަންނަވައެވެ. ނަމަވެސް ރައީސް ނަޝީދުގެ މައްޗަށް ތަޙްޤީޤަށް ސާބިތުވެގެން އުޅޭ ކޮރަޕްޝަންގެ ކުށަކީ އެކުށް ޝަރީޢަތަށް ސާބިތުވެއްޖެނަމަ 1 އަހަރު ދުވަހަށްވުރެ ދިގު މުއްދަތެއްގެ ޖަލު އަދަބެއް އަންނާނެ ކުށެއްކަން ހައިލަމް ފާހަގަ ކުރެއްވިއެވެ. އެކަމުގެ ނަތީޖާއަކަށް ވެގެންދާނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގެ ޝަރުޠު ގެއްލި ނަޝީދުއަށް މަޖިލީހުގެ ގޮނޑި ގެއްލުންކަން ހައިލަމް ފާހަގަ ކުރެއްވިއެވެ.
އެންމެ 444 ރުފިޔާގެ މައްސަލައެއް މިހާ ބޮޑު ކަމަކަށްވަނީ ކީއްވެތޯ ސުވާލު އުފައްދަފާނެތީ އެކަމަށް ވެސް ހައިލަމް ވަނީ ޖަވާބް ދެއްވާފައެވެ. އެގޮތުން ހައިލަމް ވިދާޅުވި ގޮތުގައި ކޮރަޕްޝަނަކީ އެންމެ ލާރިޔަކުން ހިންގިޔަސް ބޮޑު ކަމެކެވެ. އެއް މިލިޔަން ރުފިޔާއަށް ޚިޔާނާތްތެރިވަނީ 1 ރުފިޔާއަށް ޚިޔާނާތްތެރިވުމަށް ފަހުއެވެ. އެހެން ނޫނަސް ރައީސް ނަޝީދުގެ މެންބަރުކަމުގެ ގޮނޑި ގެއްލުމުގައި ޖިނާއީ ކުށެއްގެ ކުޑަބޮޑުމިން ކަނޑައަޅާ މިންވަރަކީ އަބަދުވެސް ވަރަށް އާދައިގެ ކުދިކުދި މިންވަރުތަކަށްވުމަކީ އާދަޔާ ޚިލާފު އިއްތިފާޤަކަށްވެދާނެ ކަމަށް ހައިލަމް ވިދާޅުވިއެވެ. ހައިލަމް ވިދާޅުވާ ގޮތުންނަމަ އެފަހަރު ވެލާނާގޭ ގޯތި ތެރޭ އޮތް ކަރުދާސް ކޮޅެކެވެ. މިފަހަރު ކޮފީ ބިލެއް ހަމަނުވާ ފައިސާ ކޮޅެކެވެ.

