އުމުރުން 14 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރި ކަމުގެ ތުހުމަތު ކުރެވޭ ސިފައިންގެ މީހާގެ މައްޗަށް ދައުލަތުން ދައުވާ އުފުލައިފިއެވެ.
ޕްރޮސިކިޔުޓާ ޖެނަރަލް (ޕީޖީ) އޮފީހުގެ ފަރާތުން މީޑިއާތަކަށް މައުލޫމާތު ދެމުން ބުނެފައި ވަނީ ހދ. ނޮޅިވަރަންފަރު، ޝެހެނާޒު، މުޙައްމަދު ޢަލީގެ މައްޗަށް ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު ގެ 3 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ އެމާއްދާގެ (ނ) ގެ ދަށުން، ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ޤަޞްދުގައި އަތްލުމުގެ ކުށުގެ ދަޢުވާ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.
މި މައްސަލަ އެންމެ ފުރަތަމަ މީޑިއާގައި ފެންމަތިވެގެން އައީ ގއ ކަނޑުހުޅުދޫގައި އުމުރުން ދެ އަހަރުގެ ތުއްތު ކުއްޖަލު ރޭޕްކުރި ކަމުގެ މައްސަލަ ފެންމަތިވެ އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ހިޔުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމެޓީއަށް ހުށަހަޅައި މައްސަލަ ބަލަމުން ދަނިކޮށެވެ.
އެގޮތުން ސިފައިންގެ ދެ މީހަކު އުމުރުން14 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި އެ މައްސަލަ ކުރިއަށް ނުދާ ކަމަށް ވިދާޅުވެ މައްސަލަ ފެންމަތި ކުރީ ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމްއެވެ.
ރޮޒައިނާ މި މައްސަލަ ފެންމަތި ކުރި ނަމަވެސް އެންމެ ފުރަތަމަ އެމްއެންޑީއެފްއިން ވަނީ އެކަން ދޮގުކޮށްފައެވެ. އެގޮތުން އެފަދަ އެއްވެސް މައުލޫމާތެއް ކަމާއި ގުޅުން ހުރި އެއްވެސް އިދާރާއަކުން އެމްއެންޑީއެފްއަށް ހިއްސާ ކޮށްފައި ނުވާ ކަމަށް އެ ދިދާރާއިން ވަނީ ބުނެފައެވެ.
ނަމަވެސް އެ މައްސަލަ ބަލައި ތަހުގީފު ކުރުމަށް ފަހު އޭނާ ހައްޔަރުކުރީ 14 އަހަރުގެ ކުއްޖަކަށް ބްލެއިކްމެއިލްކޮށް ރޭޕް ކުރުމުގެ ތުހުމަތުގަ އެވެ. އެއީ މިދިޔަ މަހުގެ 22 ވަނަ ދުވަހު އެވެ. އޭނާ މިހާރު ވަނީ ސަސްޕެންޑްކޮށްފަ އެވެ.

