ކުރިއަށް އޮތް ރޯދަ މަހަށް ހާއްސަކޮށްގެން އެސްޓީއޯ ސުޕަމާޓުން އަގު ހުރި ބޮޑެތި އިނާމު ތަކަކާއެކު އެސްޓީއޯ ”ރަމަޟާން ބާޒާރު“ ފަށައިފި އެވެ.
އެސްޓީއޯއިން މިއަދު އެ ޕްރޮމޯޝަން ރަސްމީކޮށް ލޯންޗުކޮށްދެއްވާފައިވަނީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރުއެވެ. އެގޮތުން އެ ޕްރޮމޯޝަންގެ ދަށުން އެސްޓީއޯ ސުޕަމާޓުން ދޫކުރާ ބަދިގެ ސާމާނުން 40 އިންސައްތަ އާއި ހަމައަށް ޑިސްކައުންޓް ލިބިގެންދާނެ ކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ.
ނޫސްވެރީންނަށް މައުލޫމާތު ދެއްވަމުން އެސްޓީއޯގެ ކޮމިއުނިކޭޝަން ޑިރެކްޝަރު އަބްދުﷲ މުހައްމަދު ވިދާޅުވީ 1000 ރުފިޔާއިން މަތީން ވިޔަފާރިކުރާ ކޮންމެ ކަސްޓަމަރަކަށްވެސް ބޮޑު އިނާމުގެ ގުރުއަތުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. އަބްދުﷲ ވިދާޅުވީ ރަމަޒާން ބާޒާރު ޕްރޮމޯޝަން ގައި ކަސްޓަމަރުންނަށް ހެޔޮ އަގެއްގައި ކާބޯތަކެތީގެ ސާމާނު ލިބޭނެކަމަށެވެ. އަދި ރޯދަ މަހަށް ހާއްސަކޮށް އާންމުން ގަންނަ ބަދިގެ ސާމާނުން ބޮޑު ޑިސްކައުންޓެއް ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިއަދުން ފެށިގެން މޭއި މަހުގެ ނިޔަލަށް ކުރިއަށް ގެންދާ ބާޒާރު ނިމުމުން އެއްވަނަށް ހޮވޭ ފަރާތަކަށް ހަތަރު މީހުންގެ އުމުރާ ޕެކޭޖު ދޭނެ ކަމަށެވެ. އޭގެ އިތުރުން ދެވަނައަށް އަދި ތިން ވަނައަށް ހޮވޭ ފަރާތަކަށް ދެ އުމްރާ ޕެކޭޖް ލިބިގެންދާނކަން އަބްދުﷲ ވަނީ ފާހަގަ ކުރައްވާފައެވެ. މީގެ އިތުރުން ހަފުތާއަކު އެއްފަހަރު ނަގާ ގުރުއަތުގައި ވެސް 10،000 ރުފިޔާ އާއި 20،000 ރުފިޔާ އާ ދެމެދުގެ އަގުހުރި އިނާމް ލިބޭނެކަން އަބްދުﷲ ފާހަގަކުރެއްވިއެވެ.
މި ބާޒާރުގައި ހޯމް އިމްރޫވްމަންޓުން ވިއްކާ ބައެއް ބްރޭންޑްތަކުގެ މުދަލާއެކު 10،000 ރުފިޔާއިން މަތީގެ ވިޔަފާރިތަކަށް މަކީޓާގެ ކޮންމެ ވިޔަފާރިއަކާއެކު އިނާމެއް ލިބޭނެ އެވެ.
މީގެ އިތުރުން އަބްދުﷲ ވަނީ ކުންފުނިން ވިއްކާ ނިޕޯން ވިނިލެކްސް އަދި ނިޕޯން ވިނީލް ސިލްކް ރޭންޖުގެ ކުލަތަކުން ޑިސްކައުންޓު ދިނުމަށް ނިންމާފައެވެ. އެއީ 15 އިންސައްތައިގެ ޑިސްކައުންޓެކެވެ.
ރަމަޒާން ބާޒާރުއަކީ އެ ކުންފުނީގެ ފަރާތުން ކޮންމެ އަހަރެއްގެ ވެސް ރޯދަމަހަށް ތައްޔާރުވުމުގެ ގޮތުން ކުރިޔަށް ގެންދާ ޕްރޮމޯޝަންއެކެވެ. ޕްރޮމޯޝަންއާއި ގުޅޭގޮތުން އެސްޓީއޯއިން ބުނެފައިވަނީ މިއީ ރޯދަމަހަށް ގޭތެރޭގެ އަދިގެ ބަދިގޭގެ ސާމާނު ހެޔޮއަގެއްގައި އެއްތަނަކުން ހޯދުމަށް ލިބިގެންދާ ރަނގަޅު ފުރުސަތެއް ކަމަށެވެ. މިޕްރޮމޯޝަން އެސްޓީއޯގެ ހޯމް އިމްޕްރޫވްމަންޓްގެ އިތުރަށް އަތޮޅުތަކުގެ ފިހާރަތަކުގައި ވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

