ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސީޕްލޭން ޓާމިނަލްގެ މައްސަލަ: ކުރީ ސަރުކާރުގެ ނިންމުން ތަންފީޒް ކުރާނެ ކަމުގެ ޔަގީންކަން މިސަރުކާރުން ވެސް ދިން: ޓީއެމްއޭ

އެމްއޭސީއެލްއިން އަލަށް ތަރައްގީކުރާ ސީޕްލޭން ޓާމިނަލް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހިމް މުޙައްމަދު ޞޯލިޙުގެ ސަރުކާރުން އެކުލަވާލެވުނު އެމް.އޭ.ސީ.އެލް ގެ އާބޯޑުން، ރައީސް އަބްދުﷲ ޔާމީންގެ ދައުރުގައި ސީޕްލޭން ޓާމިނަލް ކުއްޔަށް ދިނުމާއި ގުޅޭ ގޮތުން ނިންމާފައިވާ ނިންމުންތައް ތަންފީޒް ކުރާނެ ކަމުގެ ޔަގީން ދިން ކަމަށް ޓީއެމްއޭއިން ބުނެފިއެވެ.

އެމްއޭސީއެލް އިން 26 މިލިއަން ޑޮލަރު އިންވެސްޓް ކޮށްގެން ހަދާ ސީޕްލޭން ޓާމިނަލް އެއްކޮށް ދޭން އުޅޭ ކަމުގެ އަޑުތަކެއް ފެންމަތިވެފައި ވަނިކޮށް، ސަރުކާރުން ފުރަތަމަ ވަނީ ޓީއެމްއޭ އަށް ބިން ދޫކޮށްފައިވާ އަގަށް ކުރިއަށް އޮތް ދެ އަހަރަށް އާ ސީޕްލޭން ޓާމިނަލްގެ 5،000 އަކަމީޓަރު ބިމެއް ދޫކުރަން ނިންމާފަ އެވެ.

ސަރުކާރުގެ އެ ނިންމުން ބަލައިނުގަނެ ޓީއެމްއޭއިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ  އާ ސީޕްލޭން ޓަރމިނަލް އިން ޖާގަ ދޫކުރުމާ ގުޅޭގޮތުން ކުރެވުނު މަޝްވަރާތައް ކުރިއަށް ގެންދެވުނީ އެމް.އޭ.ސީ.އެލް ގެ އޮތޮރައިޒްޑް މަންދޫބަކާއި ޓީ.އެމް.އޭ ގެ އޮފިޝަލުންނާއި ދެމެދުކަން އަދި ހަމައާއި އުސޫލުގެ ތެރެއިންކަން، އަދި ’ގުޑް ފެއިތު‘ ގައިކަން ޓީއެމްއޭއިން ފާހަގަ ކުރާ ކަމަށެވެ. 

މިގޮތުން، އާ ޓަރމިނަލްއިން ޓީ.އެމް.އޭ އަށް ޖާގަ ދޫކުރެވޭނެ ޓަރމްސް ތައް ބަޔާންކޮށް އެމް.އޭ.ސީ.އެލް އިން ފޮނުވާފައިވާ ސިޓީތަކުގައި ސޮއިކޮއްފައިވަނީ އެކުންފުނީގެ ޖެނަރަލް މެނޭޖަރ ކޮމާޝަލް، ހުސެއިން ފަޒީލްކަން ޓީއެމްއޭގެ ބަޔާނުގައި ވަނީ ފާހަގަ ކޮށްފައެވެ.

މީގެ އިތުރުން، ސިޓީތަކުގައި ބަޔާންކޮށްފައިވާ ވާހަކަތަކަކީ އެމް.އޭ.ސީ.އެލް ގެ އޭރުގެ މެނޭޖިން ޑިރެކްޓަރ، އާދިލް މޫސަ އާއި ކުންފުނީގެ ބޯޑުން އެޕްރޫވް ކުރެވިފައިވާ ކަންކަން ކަމުގައި، އޭރު ޓީ.އެމް.އޭ އަށް، އެތައް ފަހަރެއްގެ މަތިން، އެމް.އޭ.ސީ.އެލް އިން ޔަގީންކަން ދިން ކަމަށް ކުންފުނީގެ ބަޔާނުގައި ވަނީ ބުނެފައެވެ.

ހަމައެހެންމެ  ހުސެއިން ފަޒީލް ސޮއެކޮށް ފޮނުވި ސިޓީތަކަކީ އެމް.އޭ.ސީ.އެލް ގެ އޭރުގެ އެމް.ޑީ، އާދިލް މޫސަ، އެޕްރޫވް ކޮއްގެން ފޮނުވި ސިޓީތަކެއްކަން ފަޒީލް މަޖިލީހުގައިވެސް ވިދާޅުވިކަން ޓީއެމްއޭގެ ބަޔާނުގައި ވަނީ ފާހަގަ ކޮށްފައެވެ.

މީގެއިތުރުން ރައީސް އިބްރާހިމް މުޙައްމަދު ޞޯލިޙުގެ ސަރުކާރުން އެކުލަވާލެވުނު އެމް.އޭ.ސީ.އެލް ގެ އާބޯޑަށް، ރައީސް ޔާމީންގެ ދައުރުގައި އެމް.އޭ.ސީ.އެލް އިން ނިންމާފައިވާ ނިންމުންތައް ރިވިއު ކުރަން ފުރުސަތު ލިބިމެ، އާ ބޯޑުންވެސް، އެތައް ފަހަރެއްގެ މަތިން، ޔަޤީންކަން ދެމުންއައީ ކުރިން ވެވިފައިވާ ކޮމިޓްމަންޓްތައް ރަނގަޅުކަމަށާއި އަދި އެކޮމިޓްމަންޓްތައް ފުއްދާދޭނެ ކަމެއް ކަމަށް ޓީއެމް އިން ވަނީ ބުނެފައެވެ.

ޓީ.އެމް.އޭ އިން ގުޑް ފެއިތު ގައި އެމް.އޭ.ސީ.އެލް އާއި ނެގޯޝިއޭޓްކޮށް ވެވުނު އެއްބަސްވުމަކީ ޓީ.އެމް.އޭ ގެ ފުޅާވަމުން އަންނަ އޮޕަރޭޝަނަށް އެކަށޭނެ ޖާގައެއް ލިއްބައިދެނިވި އެއްބަސްވުމެއް ކަމަށް ކުންފުނީގެ ބަޔާނުގައި ވަނީ ބުނެފައެވެ.

ބަޔާނުގައި ބުނެފައިވާ ގޮތުގައި  ޓީ.އެމް.އޭ އިން މިވަގުތުވެސް ދަނީ 80 ރިސޯޓަށް ރަނގަޅު ފެންވަރުގައި ޚިދުމަތް ދެމުންނެވެ. ސަރުކާރާ މަޝްވަރާކޮށްގެން، ޓީ.އެމް.އޭ އިން މަސައްކަތްކުރާނީ ކަސްޓަމަރުންނަށް ދެމުންދާ ފުރިހަމަ ޚިދުމަތް ކުރިއަށް ގެންދެވޭނެފަދަ ހައްލެއް ހޯދުމަށް ކަމަށް ޓީއެމްއޭގެ ބަޔާނުގައި ވަނީ ބުނެފައެވެ.

ޓާމިނަލްގެ މައްސަލައިގައި ނިންމާފައިވާ ނިންމުމާއި ގުޅޭ ގޮތުން ސަރުކާރުން ބުނެފައި ވަނީ އެމްސީއެލް އިން ހަދާފައިވާ އާ ސީޕްލޭން ޓާމިނަލް ދޫކުރުމާ ގުޅޭ ގޮތުން ސަރުކާރުން މިހާރު ނިންމާފައިވާ ގޮތުގެ ސަބަބުން ދައުލަތެއް ލިބޭނެ ގެއްލުމެއް ނެތް ކަމަށާއި މިއީ އެންމެނަށް ވެސް އެންމެ އިންސާފުވެރި ނިންމުން ކަމަށެވެ. 

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ، ކުރީ ސަރުކާރުގެ ދުވަސްވަރު އެމްއޭސީއެލްގެ ބޯޑުން ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އާ މުއާމަލާތް ކުރަމުން ދިޔައީ 15 އަހަރު ދުވަހުގެ މުއްދަތަށް މުޅި ސީޕްލޭން ޓާމިނަލް އޮޕަރޭޓް ކުރުމަށް ޓީއެމްއޭއާ ހަވާލު ކުރުމުގެ ވިސްނުމުގައި ކަމަށެވެ.

އެކަމަކު މި ސަރުކާރުން ނިިންމީ އެމްއޭސީއެލްއާއި ދައުލަތަށް އެންމެ ފައިދާ ވާނެ ގޮތަކީ އެމްއޭސީއެލް އިން އެ ޓާމިނަލް ހިންގުމުން ކަމަށެވެ. އެހެންކަމުން މުޅި ސީޕްލޭން ޓާމިނަލް ހިންގަން ޓީއެމްއޭއަށް ދޫކުރުމަށް ވިސްނާފައި އޮތް ގޮތް ބަދަލު ކުރުމަށް ސަރުކާރުން މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ނިންމާފައިވާ ކަމަށް އަމީރު ވިދާޅުވި އެވެ.

އެކަމަކު ޓީއެމްއޭ އިން ބުނަނީ އާ ސީޕްލޭން ޓާމިނަލުން ބޮޑު ޖާގައެއް 15 އަހަރު ދުވަހުގެ މުއްދަތަށް އެ އެއާލައިނަށް އަކަފޫޓެއް 10.35 ޑޮލަރުގެ ރޭޓުން ދޭން އެމްއޭސީއެލް އިން އެއްބަސްވެފައިވާ ކަމަށެވެ. ޓީއެމްއޭއިން ބުނާ ގޮތުގައި، އެމްއޭސީއެލް އިން އެ ގޮތަށް ކޮމިޓްމަންޓްވެ އެ ކުންފުންޏަށް ސިޓީތަކެއް ވަނީ ފޮނުވައިފަ އެވެ.

ސަރުކާރުން މިހާރު ނިންމާފައިވާ މީގެ ކުރިން އެއާޕޯޓްގައި ޓީއެމްއޭއަށް އޮތް ވަރުގެ ޖާގައެއް އާ ޓާމިނަލުން ވެސް ދޫކުރުމަށެވެ. އެއީ 6،300 އަކަފޫޓުގެ ޖާގަ އެކެވެ. އެ ގޮތަށް ދޫކުރާނީ ދެ އަހަރު ދުވަހުގެ މުއްދަތަށް އަކަފޫޓެއް 10.5 ޑޮލަރަށެވެ. އަދި ދެ އަހަރު ފަހުން އެމްއޭސީއެލް އިން ސީޕްލޭން ޓާމިނަލް ހިންގާ ގޮތަށެވެ.

އަމީރު ވިދާޅުވީ، ސަރުކާރުން މިހާރު ސީޕްލޭން ޓާމިނަލް އޮޕަރޭޓް ކުރަން ނިންމާފައިވާ ގޮތަށް ބަލާއިރު އަދި އޮޑިޓާ ޖެނެރަލްގެ ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތަށް ބަލާއިރު، ފުރަތަމަ ދެ އަހަރުގެ ތެރޭގައި އެމްއޭސީއެލްއަށް 33.7 މިލިއަން އެމެރިކާ ޑޮލަރު އަހަރަކު ލިބޭނެ ކަމަށެވެ. އަދި ދެ އަހަރު ފަހުން އަހަރަކު 47.3 މިލިއަން ޑޮލަރު ލިބެމުން ދާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: