ކުރީގެ ސަރުކާރުތަކުން ގާނޫނާ ޚިލާފަށް އުވާލި އެއްބަސްވުންތަކަށް ބަދަލުގެ ގޮތުގައި ދައުލަތުން އަމިއްލަ ކުންފުނިތަކަކަށް ގިނަ ފައިސާތަކެއް ރައީސް އޮފީހުގެ ސެޓްލްމެންޓް ކޮމިޓީން ނިންމައިގެން ބޮޑެތި އަދަދުތަކުން ”ބަދަލު ދިނުމުގެ ނަމުގައި ފައިސާ“ ދެމުންދާއިރު، އެ ކޮމެޓީގެ މެންބަރުންގެ މައްސަލަތައް ބަލާނެ ދުވަހެއް ވެސް އަދި އަންނާނެ ކަމަށް ޕީޕީއެމްގެ ނައިބް ލީޑަރު އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
ކޯޓަށް ނުވަތަ އާބިޓްރޭޝަނަށް ހުށަހެޅިފައިވާ، ދިވެހި ސަރުކާރު ޝާމިލްވާ އެކި އެކި މައްސަލަތަކާއި، ދިވެހި ސަރުކާރުން ވެފައިވާ އެއްބަސްވުމެއްގެ ދަށުން ރާއްޖެއާއި ރާއްޖެއިން ބޭރުގެ އެކި ފަރާތްތަކާ ހަވާލުކޮށްގެން ހިންގާފައިވާ އެކި މަޝްރޫއުތަކާއި އެ މަޝްރޫއުތަކާ ގުޅޭ އެއްބަސްވުންތަކާ ގުޅިގެން އުފެދިފައިވާ މައްސަލަތަކުގެ ތެރެއިން، މާލީގޮތުން ދައުލަތުން ބޮޑު ބުރައެއް އުފުލަންޖެހުމުގެ ފުރުސަތު އޮތް މައްސަލަތައް ކޯޓުން ބޭރުގައި ޙައްލު ކުރުމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާ ދިނުމަށް 27 ޖަނަވަރީ 2019 ގައި އެކުލަވާލާފައިވާ ކޮމިޓީއަށް ހުށަހެޅޭ މައްސަލަތަކުގައި، ގެއްލުމުގެ މިންވަރު ދެނެގަނެ ބަދަލުގެ ގޮތުގައި ލިބެންޖެހޭ މިންވަރު އެކަށައެޅުމަށްޓަކައި، މިނިވަން އޮޑިޓް ފާމްއެއް ސަރުކާރުންވަނީ އައްޔަންކޮށްފައެވެ.
ރައީސް އޮފީހުގައި އޮންނަ ސެޓްލްމެންޓް ކޮމިޓީ އަށް ހުށަހެޅި މައްސަލަތައް ނިންމައި މިހާތަނަށް ދައުލަތުން ވަނީ އެކި ފަރާތްތަކަށް ބިލިއަަނަކަށް ވުރެ ގިނަ ރުފިޔާ ދައްކައިފަ އެވެ. މީގެ އިތުރުން ބައެއް ކުންފުނިތަކަށް ބޮޑެތި އަދަދުތަކުން ބަދަލު ދޭން ނިންމާފައިވާ އިރު، ސަރުކާރުން މި ބަދަލު ދެމުން އަންނަ ގޮތާ މެދު ގިނަ ބައެއްގެ ކަންބޮޑުވުން އެބައޮތެވެ.
މިހާތަނަށް ގިނަ ކުންފުނިތަކަކަށް ބަދަލު ދީފައިވާ އިރު އޭގެ ތެރޭގައި ހައުސިން ޔުނިޓްތައް އަޅަން ހަވާލުކުރި ނޫމަޑި އެއްބަސްވުން އުވާލައިގެން 55 މިލިއަން ދެއްކި މައްސަލަ ވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ. ވޭތުވެ ދިޔަ ދުވަސްތަކުގައި ބަދަލު ދޭންޖެހުނު ބައެއް ކުންފުނިތަކަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމުގައި އެކުލަވާލާ، އަދި އުވާލާފައި ހުރި ކުންފުނިތަކުން ކޯޓަށް ހުށަހެޅި މައްސަލަތަކެވެ. ރައީސް ނަޝީދުގެ ސަރުކާރުގައި އެކުލަވާލި ބައެއް ކުންފުނިތަކުގެ އެއްބަސްވުން އުވާލާފައިވަނީ އޭގެ ފަހުން އައި ސަރުކަތަކުންނެވެ. އޭގެ ތެރެއިން ބައެއް ކުންފުނިތަކަކީ މި ސަރުކާރުގެ ބައެއް އިސްވެރިންގެ މަސްލަހަތު އޮންނަ ކުންފުނިތަކެެކެވެ.
ނޫމަޑީގެ މައްސަލަށް އަނެއްކާވެސް ބޮޑުވެފައިވާ ދަނޑިވަޅެއްގައި ޝިޔާމް ވިދާޅުވީ ނޫމަޑިން ދައުލަތަށް ދޭންޖެހޭ 92 މިލިއަން ރުފިޔާ ކޯޓުން ބޭރުން ދެއްކީ ”ހެޔޮފުޅު“ ކަމުން ކަމަށެވެ. ޝިޔާމް ވިދާޅުވީ ސެޓްލްމެންޓް ކޮމެޓީގެ މެންބަރުން ގޮވައިގެން ދިވެހި ރައްޔިތުން ދައުވާ ކުރާނެ ދުވަސް އަންނާނެ ކަމަށެވެ. ރޯމާ ދުވާލު ދިވެހި މާލިއްޔާ ހުސްކޮށްލަނީ ބަދަލު ދިނުމުގެ ނަމުގައި ކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ.
ނޫމަޑިން ސަރުކާރުގެ ފަރާތުން ބަދަލުގެ ގޮތުގައި ގާތްގަނޑަކަށް 155 މިލިއަން ޑޮލަރާއި އާބިޓްރޭޝަނާގުޅޭ އިތުރު ހަރަދުތައް ހޯދަން އެދި ނެދަލޭންޑްސްގެ ދަ ހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަނަށް ދެ މައްސަލައެއް ހުށަހެޅި އެވެ. އެއް މައްސަލައަކީ ޕްރައިވެޓް ވިލާ މޮޑެލްގެ ދަށުން 600 ހައުސިން ޔުނިޓް ތަރައްގީ ކުރަން ޖެނުއަރީ، 20، 2011، ގައި ސޮއި ކޮށްފައިވާ އެއްބަސްވުން ބާތިލު ކުރުމެވެ. އަދި އަނެއް މައްސަލައަކީ 500 ހައުސިން ޔުނިޓާއި ޕޮލިސް އެކަޑަމީ ފޭސް އެކަކާއި ތިން ރަށެއްގައި ނަރުދަމާގެ ނިޒާމު ތަރައްގީ ކުރަން މެއި، 30، 2013 ގައި ވެފައިވާ އެއްބަސްވުން ބާތިލް ކުރުމެވެ. މިއެއްބަސްވުންތައް ބާތިލު ކޮށްފައި ވަނީ މިދިޔަ ސަރުކާރުން، ހައުސިން މިނިސްޓަރަކަށް ޑރ. މުހައްމަދު މުއިއްޒު ހުންނަވަނި ކޮށެވެ.
ރައީސް ސޯލިހްގެ ސަރުކާރުން ވަނީ އެ މައްސަލަ ކޯޓް ބޭރުގައި ހައްލުކޮށް އައުޓް އޮފް ކޯޓް ސެޓްލެމްޓްގެ ދަށުން އެ ކުންފުންޏަށް 55 މިލިއަން ޑޮލަރު (849 މިލިޔަން ރުފިޔާ) ދީ ހަލާސް ވެސް ކޮށްފަ އެވެ.
ދިވެހި ސަރުކާރު ޝާމިލްވާ އެކި އެކި މައްސަލަތައް ކޯޓުން ބޭރުގައި ޙައްލު ކުރުމަށްޓަކައި އެކުލަވާލާފައިވާ ކޮމިޓީއަށް ހުށަހެޅޭ މައްސަލަތަކުގައި ގެއްލުމުގެ ބަދަލު ދިނުމުގެ ކުރިން އޮޑިޓް ކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

