މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭގެ ދަށުން ހިންގާ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ)ގެ ކުރީގެ އިސްވެރިޔާ މ. އާސްތާނާ، އިބްރާހިމް އާތިފް ޝަކޫރުގެ މައްޗަށް ދައުވާކޮށްފިއެވެ.
އާތިފްގެ މައްޗަށް ކުރީ މަނީ ލޯންޑަރިންއާއި ޓެރަރިޒަމްއަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނާ ހިލާފުުމުގެ ކުށުގެ ދައުވާއެވެ. އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާތައް ދައުރުވަމުން ދިޔައިރު އެކަން އެނގިހުރެ ފިޔަވަޅު ނޭޅުމުގެ ތުހުމަތު އާތިފްގެ މައްޗަށް ކުރެވެއެވެ. ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އެއްއިރެއްގައި ބާރު ސްޕީޑެއްގައި އިހުމާލުވީ ފަރާތްތަކުގެ މައްސަލަ ބެލިއިރު އާތިފްވެސް ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކޮށްފައިވެއެވެ. އެއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހެވެ.
މަނީ ލޯންޑްރިންގެ އަމަލެއް ހިންގަން އުޅުމަކީ ނުވަތަ އެ ކުށް ކުރުމުގައި އެހީތެރިވެދިނުމަކީ ނުވަތަ މަގުފަހިކޮށްދިނުމަކީ ވެސް ކުށަކަށްވާއިރު، ގާނޫނުގެ ދަށުން މި ކުށްސާބިތުވާ މީހެއްގެ މައްޗަށް ބޮޑެތި އަދަބުތަކެއް ވަނީ ކަނޑައަޅާފައެވެ. މަނީ ލޯންޑާ ކުރުން އަދި މަނީ ލޯންޑްރިންއަށް ހިއްވަރު ދޭ މީހެއްގެ މައްޗަށް ކަނޑައަޅާފައިވަނީ 50،000ރ އާއި 500،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމާ އެކު 2-10 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމެވެ. ނުވަތަ ކުށުގެ އަމަލު ހިންގުމުގައި (ލޯންޑަކުރުމުގައި) ބޭނުންކުރި ފައިސާގެ އަދަދުގެ ފަސް ގުނަ އަށް ވުރެ އިތުރު ނުވާ އަދަދަކުން ޖޫރިމަނާކޮށް، 5-15 އަހަރުގެ މުއްދަތަކަށް ޖަލަށް ލުމެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ޖަމާކޮށްފައިވާ ޕްރައިވެޓް ކުންފުންޏާ ގުޅޭ ގޮތުން ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުން އެފްއައިޔޫއަށް 2014 ވަނަ އަހަރުގެ ނޮވެމްބަރު 27 ގައި ފޮނުވާފައިވާ އެސްޓީއާރު އެނެލައިޒް ކުރުމަށްފަހު، އެފްއައިޔޫއިން 2014 ވަނަ އަހަރުގެ ޑިސެމްބަރު 31 ގައި ތައްޔާރުކޮށްފައިވާ އެނަލިސިސް ރިޕޯޓުގައި މަނީ ލޯންޑަރިންއަށް ތުހުމަތު ކުރެވޭ ކަންތައްތަކެއް ހިނގާފައިވާ ކަމަށް ބަޔާންކޮށްފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އާއްމުކޮށްފައިވާ ރިޕޯޓުގައި ވަނީ ބުނެފައެވެ.
ރިޕޯޓުގައި ބުނެފައިވަނީ އެ ނިންމުމުގެ ސަބަބުން ދައުލަތަށް ލިބެން ޖެހޭ ގިނަ އަދަދެއްގެ ފައިސާ އަމިއްލަ ކުންފުންޏެއްގެ އެކައުންޓަށް ޖަމާވެ ދިޔައިރު، އެ ކަން ހުއްޓުވަން އެއްވެސް ފިޔަވަޅެއް ނޭޅި އެ ކުންފުންޏަށް ނާޖާއިޒު ފައިދާ ލިބިފައިވާ ކަން އޭސީސީގެ ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އޭގެ އިތުރުން އެފްއައިޔޫއިން ނިންމާ ނިންމުންތައް ނިންމުމުގެ ފުރިހަމަ މިނިވަންކަން އެ ޔުނިޓަށް ދީފައިވާތީއާއި އެފްއައިޔޫގެ އެސްއޯޕީގައި އެ ޔުނިޓުން ހަދާ އެނަލިސިސް ރިޕޯޓްތަކާއި ގުޅިގެން އަޅާނެ ފިޔަވަޅެއް ނިންމުމުގެ ބާރު ދީފައިވާ ހަމަ އެކަނި ފަރާތަކީ އެފްއައިޔޫގެ ވެރިޔާ ކަމަށް ވާތީ އެ ޔުނިޓުން ނިންމާ ނިންމުންތަކަށް ފުރިހަމައަށް ޒިންމާ ވާން ޖެހޭނީ އެ ޔުނިޓުގެ ވެރިޔާ ކަމަށް ބުނެފައިވެއެވެ. އެހެން ކަމުން އެހެންކަމުން މި މައްސަލައިގެ ޒިންމާ އެފްއައިޔޫގެ އެއިރުގެ ވެރިޔާ އާތިފް ނަގަން ޖެހޭނެ ކަމަށް އޭސީސީގެ އެ ރިޕޯޓުގައި ވަނީ ބަޔާންކޮށްފައި ވެއެވެ
އެ ރިޕޯޓް ތަހުގީގީ އިދާރާއަކަށް ނުފޮނުވަން ނިންމައި ފައިލް ކުރިއިރު ވެސް، އެއީ ތަހުގީގު ކުރަން ފޮނުވަން ޖެހޭ ރިޕޯޓެއް ކަން އެނގޭކަމަށް އެފްއައިޔޫގެ ވެރިޔާ އިއުތިރާފް ވެފައިވާތީ، އޭނާގެ އެ އަމަލަކީ ހެޔޮ ނިޔަތެއްގައި ކޮށްފައިވާ ކަމެއް ނޫންކަން އޭސީސީގެ ތަހުގީގަށް ފާހަގަ ކުރެވުނު ކަމަށް ރިޕޯޓުގައި ވަނީ ބަޔާންކޮށްފައެވެ. ރިޕޯޓުގައި ބުނެފައިވަނީ މީގެއިތުރުން، ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުން އެފްއައިޔޫއަށް ފޮނުވާފައިވާ އެސްޓީއާރު އެނަލައިޒް ކުރުމަށްފަހު އެފްއައިޔޫއިން ތައްޔާރުކޮށްފައިވާ އެނަލިސިސް ރިޕޯޓް، އެފްއައިޔޫގެ އޭރުގެ ވެރިޔާގެ ޖީމެއިލް އެކައުންޓުން އޭރުގެ ޤަވަރުނަރުގެ ރަސްމީ އީމެއިލް އެކައުންޓަށް ފޮނުވާފައިވާކަން ތަހުގީގަށްށް ފާހަގަކުރެވިފައިވާކަމަށާއި އަދި އެ ރިޕޯޓާ ގުޅިގެން ވަކި ގޮތަކަށް ޢަމަލު ކުރަން އެފްއައިޔޫގެ ވެރިޔާއަށް އިރުޝާދު ދީފައިކަމުގެ އެއްވެސް ކިތާބީ ހެއްކެއް މިހާތަނަށް ކޮމިޝަންގެ ތަހުގީގަށްށް ލިބިފައިނުވާކ ކަމަށެވެ.
މި މައްސަލައިގައި އޭސީސީގެ ތަހުގީގަށް އާތިފް ދެއްވި ބަޔާނުގައި ވިދާޅުވެފައި ވަނީ އެސްއޯފުން ބޮޑެތި އަދަދުތަކުގެ މުއާމަލާތް ހިންގުމާއި އެ ފައިސާ ވަންނަނީ ކޮން އެކައުންޓްތަކަކަށް ކަން އެފްއައިޔޫގެ ރިޕޯޓުން އެނގެން އޮތުމާ އެކު އެކަން އިތުރަށް ތަހުގީގު ކުރަން ޖެހޭނެ ކަމަށް އޭރުގެ ގަވަރުނަރު އައިޝަތު އަޒީމާ އަށް ދެންނެވި ކަމަށެވެ. އެހެން ނަމަވެސް އެކަން ތަހުގީގުކުރަން ފުލުސް އޮފީހަށް ހުށަހަޅަން އިންކާރު ކުރައްވައި އަޒީމާ ނެންގެވީ އެ ޔުނިޓުގައި މުވައްޒަފުން މަދު މައްސަލަ ކަމަށް ތަހުގީގަށް ދެއްވި ބަޔާނުގައި އާތިފް ވިދާޅުވެފައި ވެއެވެ. އެހެން ނަމަވެސް އެ ތުހުމަތު އަޒީމާ ވަނީ ދޮގު ކުރައްވައިފަ އެވެ.
އޭނާ ތަހުގީގަށް ވިދާޅުވެފައި ވަނީ އެސްއޯއެފުން ހިންގި ޝައްކު ކުރެވޭ މުއާމަލާތްތަކަކާ ގުޅިގެން ނޮވެމްބަރު، 27، 2014 ގައި އެފްއައިޔޫ އަށް ފޮނުވި ސަސްޕިޝަސް ޓްރާންސެކްޝަން ރިޕޯޓްގެ ވާހަކަ، އެމްއެމްއޭ އިން ބޭއްވި ބައްދަލުވުމަކަށް ފަހު އާތިފް ހިއްސާކުރެއްވި ކަމަށެވެ. އެއާއެކު، ޝައްކުކުރެވޭ މުއާމަލާތް ވަރަށް ރަނގަޅަށް ދިރާސާކުރަން ޖެހޭނެ ކަމަށް އާތިފަށް ދަންނަވާފައި ވާނެ ކަމަށް އަޒީމާ ވިދާޅުވި އެވެ. މަނީ ލޯންޑަރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން އެފްއައިޔޫން ނިންމާ ނިންމުންތައް ނިންމުމުގެ ފުރިހަމަ މިނިވަންކަން އެ ޔުނިޓަށް ވަނީ ދީފަ އެވެ. އަދި އެ ޔުނިޓުން ހަދާ އެނަލިސިސް ރިޕޯޓްތަކާއި ގުޅިގެން އަޅާނެ ފިޔަވަޅެއް ނިންމުމުގެ ބާރު ދީފައި ވަނީ ވެސް އެ ޔުނިޓުގެ އިސްވެރިޔާ އަށެވެ.

