އިންޑިއާއިން ދިވެހިރާއްޖޭގެ ތަރައްގީއަށްޓަކައި ކުރާ ކޮންމެ ކަމެއް ވެސް ކުރަނީ ދެފުށް ފެންނަ ގޮތަށް ކަމަށާއި އިންޑިއާގެ އަމަލުތަކުގެ ސަބަބުން ދިވެހިރާްޖެއަށް އެއްވެސް ނުރައްކަލެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އިންޑިއާގެ ގުޖުރާތުގައި އިއްޔެ ފެށި ”އައިޑިއާސް ކޮންކުލޭވް“ ގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ ރާއްޖޭގައި އިންޑިއާއިން ކުރިޔަށް ގެންދާ މަޝްރޫއުތަކަކީ ދެފުށް ފެންނަ އަދި އެ މަޝްރޫއުތަކުގެ ތަފްސީލް ދިވެހި ރައްޔިތުންނަށް ވެސް އެނގޭނެ މަޝްރޫއުތަކެއް ކަމަށެވެ. ނަޝީދު ވިދާޅުވީ އިންޑިއާ ސަރުކާރުން ޓެންޑާ ކުރާ މަޝްރޫއުތަކަކީވެސް ދެފުށް ފެންނަ ޕްރޮޖެކްޓުތަކެއް ކަމަށެވެ.
ނަޝީދު ވިދާޅުވީ އިންޑިއާ އިން އަބަދުވެސް ރާއްޖޭގައި އޭރަކު އޮންނަ ވެރިކަމަކަށް އިހުތިރާމްކޮށް ހަމަހަމަކަމާއެކު ކަންތައްކުރާ ކަމަށެވެ. އަދި އިންޑިއާގެ އަމަލުތަކުން އެއްވެސް އިރެއްގައި ރާއްޖެއަކަށް ނުރައްކަލެއް ނެތް ކަމަށް ވިދާޅުވިއެވެ.
ނަޝީދު ވަނީ މީގެކުރިން ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ޗައިނާއިން ރާއްޖޭގައި ހިންގި މަޝްރޫއުތަަކަކީ ދަރަނި ދަންތުރައެއް ކަމަށް ވިދާޅުވެ ޗައިނާއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

