މި ސަރުކާރު އުފެދިގެން އައީ ދިވެހި ރާއްޖޭގެ އެތައް ރައްޔިތުންނަކަށް ފޮނި ހުވަފެންތަކެއް ދެއްކުމަށްފަހުގައި ކަމަށާއި، އެހެން ނަމަވެސް ވެެރިކަމަށް އައުމަށް ރައްޔިތުންނަށް ވީ ވައުދުތައް ހަނދާން ނައްތާލައި ސަރުކާރުން ކުރަމުންދަނީ ރައްޔިތުންނަށް ޖެއްސުން ކުރުމުގެ މަސައްކަތްކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
އަންނަ އޭޕްރިލް 4 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބަށް ރައްޔިތުންގެ ތާއީދު ހޯދުމަށް އިދިކޮޅު ޕާޓީއެއްގެ ހައިސިއްޔަތުން ކޮންގްރެސް ކޯލިޝަނުން ދަނީ މަސައްކަތް ކުރަމުންނެވެ. އަދި ސަރުކާރުގެ މައި ޕާޓީ އެމްޑީޕީން ކެމްޕެއިން ލޯންޗު ކުރުމަށް ޖަލްސާ ބޭއްވިތާ ހަފްތާއެއްގެ ތެރޭގައި ބޭއްވި ޖަލްސާ ވެގެން ދިޔައީ ވެރިކަން ބަދަލުވުމަށްފަހު އިިދިކޮޅުން ބޭއްވި އެންމެ ބިޔަ ޖަލްސާއަށެވެ.
ޕާޓީގެ ލީޑަރު މިވަގުތު ގެންދަވަނީ މަނީ ލޯންޑްރިންގެ ކުށުގައި ފަސް އަހަރު ދުވަހުގެ ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އަދި ހުކުމުގެ އިސްތިއުނާފީ މަރުހަލާ މިވަގުތު ހައިކޯޓުގައި ދަނީ ކުރިޔަށެވެ. ގިނަ ދުވަސްތަކަކަށްފަހު ޕާޓީގެ އޮފީހުން ބޭރުވެ އިދިކޮޅުން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ރައްޔިތުން ރައީސް ޔާމީންގެ ވެރިކަން ބަދަލު ކުރީ ބަދަލަކަށް ބޭނުންވުމުން ކަމަށެވެ. އެހެން ނަމަވެސް، އެ ވެރިކަމަށް ނިމުމެއް ގެނެވުނީތީ ރައްޔިތުން ހިތާމަ ކުރާކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
އިދިކޮޅުގައި އޮވެ، އޭރު އެމްޑީޕީން ކުރި މަސައްކަތްތަކާއި ގުޅޭގޮތުން އަބްދުއްރަހީމް ވިދާޅުވީ ވެރިކަމަށް އައުމަޓަކާ ރައްޔިތުންނަށް ވީ ވައުުދުތައް މަތީން މިއަދު ހަނދާން ނައްތާލާފައިވާ ކަމަށެވެ. އަދި އެ ދުވަހު ގޯސްވެގެން ކަންބޮޑުވުންފާޅުކުރި އެތައް މައްސަަލައެއް މިއަދުވެސް ހިނގާތަން ފެނުމުން އެކަމަށް ދެނީ ބީރު ކަންފަތެއްގެ ގޮތުގައި އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.
”ދިވެހި ގައުމުގެ ވެރިކަން 2018 ވަނަ އަހަރު ބަދަލުކުރީ، ބަދަލުކުރި ބަަޔަކު، ބަދަލުކުރި ގޮތަކަށް ބަދަލުކުރީ ވަރަށް ފޮނި އުއްމީދެއްގައޭ. އޭރު އިދިކޮޅު ފަރާތްތަކުން ވަރަށް ގިނަ ހުވަފެންތަކެއް ދައްކައިގެންނޭ، އެހެން ނަމަވެސް އެބޭފުޅުން ވެރިކަމަށް ވަޑައިގެން އެއް އަހަރާ އެތައް ދުވަހެއް ވެގެން ދިޔަ އިރު، އެ ހުވަފެންތައް ބިލާހަކަށް ވެއްޖެ،“ އަބްދުއްރަހީމް
އަބްދުއްރަހީމް ވިދާޅުވީ މި ވެރިކަން އުފެދުނުފަހުން ރާއްޖޭގެ އިގްތިސޯދު އިންތިހާ ދަރަޖައަށް ދަަށަަށް ގޮސްފައިވާ ކަމާށެވެ. އަދި ދައުލަތުގެ ރިޒާވްގައި ހުރި ފައިސާ މިހާރު ހުސްވެ ގައުމު ދަރަނިވެރިވަމުން ދާ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. އިގްތިސޯދަށް ކުރިއެރުމެއް ނުލިބުމުގެ ސަބަބުން ތަކެތީގެ އަދުތައް އުފުލެމުންދާކަން ފާހަގަކޮށް އަބްދުއްރަހީމް ވިދާޅުވީ މި ސަރުކާރާއި ހެދި ރައްޔިތުންގެ އަތްމަތި ދަތިވަމުން ދާ ކަމަށެވެ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން މަހުގެ މެދާއި ހަމައަށް ދާއިރު ގިނަ ރައްޔިތުންގެ އަތުގައި ހަރަދު ކުރާނެ ފައިސާ ނުހުންނަށް ކަމަށް ވިދާޅުވިއެވެ. އެހެން ކަމުން މިއީ ރައްޔިތުން ބަދަލަކަށް ގޮވާލަން ވީ ވަގުތު ކަމަށާއި އެ މަސައްކަތް ފެށޭނީ ކައުންސިލް އިންތިހާބުން ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން އަބްދުއްރަހީމް ވިދާޅުވީ އެމްޑީޕީން ވެރިކަމަށް އައުމަށް އެންމެ ބާރަށް ދެއްކީ ޖުޑިޝަރީގެ ވާހަކައާއި އަދުލު އިންސާފުގެ ވާހަކަ ކަމަށެވެ. އެހެން ނަމަވެސް ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ނަމުގައި މުޅި ނިޒާމުގެ ފުނޑާލާއި އިންސާފުގެ މައްޗަށް އަޅުވެތިކަން ލިބެމުންދާ ކަަމަށް އޭނާ ވިދާޅުވިއެވެ. އަބްދުއްރަހީމް ވިދާޅުވީ ގައުމުގެ އިގްތިސޯދީ ހާލަތާއި އެކު ގައުމުއްޔަތު ވެސް ގެއްލިގެން ގޮސްފައިވާ ކަމަށެވެ. އަދި ގައުމުގެ ސިޔާދަތީ ބާރު ކެނޑެމުންދާ ކަމަށް ވިދާޅުވިއެވެ.
ރައްޔިތުންނަށް ދެއްކި އެއްވެސް ތަސްވީރެއްގައި މި ސަރުކާރަށް ކުލައެއް ނުޖެއްސޭނެ ކަން މިހާރު ސާބިތުވާކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. އެހެން ކަމުން ކައުންސިލް އިންތިހާބުގައި ސިޔާސީ ކުލައަށްވުރެ ގައުމަށް އެންމެ ރަނގަޅުގޮތް ބަލާ ވޯޓު ދިނުމަށް އޭނާ އެދިވަޑައިގެންނެވިއެވެ. އަދި މިނިވަން ގައުމިއްޔަތެއް ދެމެހެއްޓުމަށް މަސައްކަތް ކުރުމަށް އަބްދުއްރަހީމް ގޮވާލިއެވެ. ކާނިވާ ސަރަހައްދު ފުރައިލުމުން، ވަޒީފާގެ ބިރާއި އެ ނޫން އުނދަގޫތައް ވެސް ބަޔަކު ކުރިމަތި ކުރާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. އެހެން ނަމަވެސް ވަޒީފާގެ ބިރަށްޓަކައި ފަހަތަށް ނުޖެހުމަށް އަބްދުއްރަހީމް އެދިވަޑައިގަތެވެ.
https://twitter.com/HamdhanShakeel/status/1233453225979842563
ލޯކަލް ކައުންސިލް އިންތިހާބަށް ނިކުމެތިބީ ރައީސް ޔާމީންގެ އިރުޝާދާއި އެއްގޮތަށް ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. ޖޯޝާއި ފޯރީގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވަނީ ދުވަސްތަކަކަށްފަހު ގައުމާއި ރައްޔިތުންގެ ހައްގުގައި ނިކުތް އެތައް ބައެއްގެ މަންޒަރު ރައީސް ޔާމީނަށް ފެނިއްޖެ ނަމަ ލޮލުން ކަރުނަހިލިގެންދާނެ ކަމަށެވެ.
“ އެއީީ މިއަދު މި ގައުމުގެ ހާލަތު އޮތް ގޮތާއި މި ހާލަތު ބަދަލުކުރަން ދިވެހި ރައްޔިތުންގެ ހުރި ވަރުގަދަ ފޯރި އާއި ޖޯޝް އެ މަނިކުފާނަށް ފެނިވަޑައިގަތީމާ، މި މަސައްކަތުގައި އަމަލީ ގޮތުން ބައިވެރިވެވަޑައިގަތުމުގެ ފުރުސަތު އެ މަނިކުފާނަށް ނެތަތީވެ، އެކަމުގެ ހިތްދަތިކަމުގައި އެ މަނިކުފާނުގެ ލޯފުޅުން ކަރުނަ ފާއްދާލާނެ ކަން އެއީ ޔަގީން ކަމެއް،“ އަބްދުއްރަހީމް
އިދިކޮޅުގެ ލީޑަރަށް ޖަލަށް ހުކުމް ކުރުމާއި އެކު ކޮންމެވެސް ވަރަކަށް ޕީޕީއެމް، ޕީއެންސީގެ ސިޔާސީ ހަރަކާތްތައް ފަނޑުވެގެން ދިޔައެވެ. އަދި ޕާޓީ އޮފީހުގެ ދޮރުމަތީ ބާއްވަން ފެށި އެއްވުން ފަހުން އޮފީހުގެ މީޓުން ރޫމްއަށް ބަދަލު ކުރެވި އެ ސިލްސިލާ ބައްދަލުވުންތަކަކަށް ހެދިއެވެ.
އެމްޑީޕީގެ ޖަލްސާ އަށް ފިނި ތަރުހީބެއް ލިބުމުން ރައީސް ނަޝީދު ވިދާޅުވީ އެކަން ބަލައިގަންނަ ކަމަށާއި އެގޮތަށް އެކަން ދިމާވީ، މީހުންގެ އުއްމީދުތަކުގައި މި ސަރުކާރަށް ކުލަ ޖައްސަައި ނުދެވުމުން ކަމަށެވެ. މިދިޔަ ހޮނިހިރު ދުވަހު ނަޝީދު ކުއްލި ގޮތަކަށް ބޭއްވެވި ނިއުސް ބްރީފިންއެއްގައި ރައީސް ނަޝީދު ވިދާޅުވީ، މާލޭގައި އެމްޑީޕީގެ 35،000 އަށް ވުރެ ގިނަ ސަޕޯޓަރުން ތިބި އިރު، އެ އެންމެން ޖަލްސާ އަށް ނުނިކުތީ ހިތްހަމަނުޖެހުންތަކެއް ހުރުމުން ކަމަށެވެ.

