ދީނީ ގޮތުން ހިޔާލުތަފާތުވުން އުފެދޭ މައްސަލަތަކާ ގުޅުވައިގެންނާއި، ހަރުކަށި ފިކުރާއި ދެކޮޅަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ފެއިލްކޮށްލުމަށް ބަޔަކު ދޮގު ހަދައި ރައްޔިތުންގެ ހިތްތަކުގައި ނަފްރަތު އުފެއްދުމަށް މަސައްކަތް ކުރަމުން ދާ ކަމަށް ބުނެ ވެރިކަން ކުރާ މައިޕާޓީ އެމްޑީޕީން ބަޔާނެއް ނެރެފިއެވެ.
ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ހައްގުގައި ވަކާލާތުކުރާ އެމްޑީޕީން ނެރުނު ބަޔާނުގައި ވަނީ ގާނޫނު އަސާސީއާއި އެއްގޮތަށް ކޮންމެ މީހަކުވެސް މަސައްކަތް ކުރަންޖެހޭ ކަމަށް ބުނެފައެވެ. އަދި ރައްޔިތުންނާއި ގުޅިގެން މަސައްކަތްކޮށް ބައިބައިވުން އުފެއްދުން ހުއްޓާލުމަށް ބަޔާނުގައި ގޮވާލާފައިވެއެވެ. އެމްޑީޕީން ބުނެފައިވަނީ ރުޅިވެރިކަމާއި ނަފްރަތު އުފެއްދުމަށް ދައްކާ ވާހަކަ ކުށްވެރިކުރާ ކަމަށެވެ.
މި މައްސަލައިގައި ބަޔާނެއް ނެރެ އެމްޑީޕީން ބުނެފައިވަނީ ގައުމުގައި ފިތުނަ އުފައްދާ، ރުޅިވެރިކަން އުފެއްދުމަށް މަސައްކަތް ކުރާ މީހުންނާއި މެދު ފިޔަވަޅު އަޅަންޖެހޭ ކަމަށެވެ. އަދި މިފަދަ ވާހަކަތަކަށް އަޅާނުލެވިއްޖެ ނަމަ ގައުމުގައި ބައިބައިވުން އުފެދި އަމާންކަމާއި ސަލާމަތަށް ނުރައްކާވާ ދަރަޖައަށް ގޮސްދާނެ ކަަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.
މުޖްތަމައުގެ ތެރޭގައި ބައިބައިވުން އުފެއްދުމަށް ބަޔަކު ރާވައިގެން ތަފާތު ދެ މައުޟޫއެއްގައި ވާހަކަ ދައްކަމުން އަންނަ ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ. އެގޮތުން އެއް މައުޟޫއަކީ، ފަރުދުންގެ މެދުގައި ދީނީ ގޮތުން ހިޔާލުތަފާތުވާ ވަގުތުތަކުގައި އެފަރާތްތަކާ ހިޔާލު ތަފާތުވާ މީހުންނަކީ އިސްލާމް ދީނުގެ އަދުއްވުންގެ ގޮތުގައި ސިފަކޮށް އެފަރާތްތަކާމެދު ރައްޔިތުންގެ ރުޅިވެރިކަމާއި ނަފްރަތު އުފެއްދުމަށް ދައްކާ ވާހަކަތައް ގެ ގޮތުގައި އެމްޑީޕީން ވަނީ ބުނެފައެވެ.
މިއީ ހަގީގަތެއް ނެތް ބުހުތާނު ދޮގުތަކެއް ކަމަށް ބަޔާނުގައި ވެއެވެ. އަދި އޭގެ އެއް މިސާލަކީ، މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ވޯކްޝޮޕެއް ބޭއްވުމަށް ރާއްޖެ އައި ފައުންޑޭޝަނެއްގެ މީހަކު ހދ. ހަނިމާދޫގައި ދެއްކި ވާހަކައާ ގުޅުވައިގެން ފަތުރަމުން ދިޔަ ހަގީގަތާ ހިލާފު ދޮގު ވާހަކަތައް ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ. ދާދިފަހުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިނާ ހިލާފް ވޯކްޝޮޕްތައް ބާއްވަމުންދާ ކަމަށްބުނެ ސޯޝަލް މީޑިއާގައި ދެކެވުނެވެ. އަދި އެކަން ސާބިތު ކުރުމަށް ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ފޮޓޯތައް ވެސް ހިއްސާކޮށްފައިވެއެވެ.
އެމްޑީޕީއަށް ”ލާދީނީ“ ބަސް ބޭނުންކޮށް ރައްދު ކުރަމުންދާ ފާޑުކިޔުންތަކަށް ވެސް އެ ބަޔާނުގައި ވަނީ ރައްދު ދީފައެވެ. އެގޮތުން ދީނީ ގޮތުން ހިޔާލު ތަފާތު އުފެދޭ ކަންތަކާއި މައްސަލަތަކުގައި ތިމާ ގަބޫލުކުރާ ގޮތް ނޫން އެހެން ރައުޔަކަށް ބުރަވާ މީހުންނަކީ އެއީ ލާދީނީ ބައެއްގެ ގޮތުގައި ލޭބަލް ކުރުމަކީ އެއީ ގަބޫލު ކުރެވޭނެ ހަމައެއް ނޫން ކަމަށް ވަނީ ބުނެފަައެވެ. ބައެއް މީހުންނަށް ހާއްސަކޮށްގެން އެއީ ލާދީނީ މީހުން ކަަމަށް ބުނަމުންދާއިރު އެ އެމީހަކާއި ދޭތެރޭ ނަފްރަތާއި ރުޅިވެރިކަން އުފައްދަން ދައްކާ ދޮގު ވާހަކައެއްކަމަށް ވެސް އެމްޑީޕީން ވަނީ ބުނެފައެވެ. އަދި އެ ދޮގު ވާހަކަތަކުގެ ސަބަބުން، ރައްޔިތުންނަށް ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ނުހަނު ބޮޑެތި ގެއްލުންވެ، ފުރާނައަށް ނުރައްކާވާ ދަރަޖައަށް ކަންކަން ގޮސްފައިވާ ކަމަށް ބުނެފައިވެއެވެ.
”ދީނީގޮތުން ޚިލާފު އުފެދޭ ކަންކަމާއި މައްސަލަތަކުގައި ތިމާ ގަބޫލުކުރާ ގޮތް ނޫން އެހެން ރައުޔަކަށް ބުރަވާ މީހުންނީ ”ލާދީނީ“ މީހުންކަމުގައި ލޭބަލްކޮށް އެ މީސްމީހުންނާ މެދު ނަފްރަތާއި ރުޅިވެރިކަން އުފައްދަން ދޮގު ވާހަކަ ދައްކައި މުޖްތަމައު ފިތުނަ ކުރުމަކީ ގަބޫލުކުރެވޭނޭ ކަމެއް ނޫނެވެ،“ އެމްޑީޕީ
އެމްޑީޕީން ބަޔާނުގައި ބުނެފައިވަނީ ނީ ހަރުކަށި ފިކުރުގެ މީހުންނާއި، ހަނގުރާމަވެރި ޖަމާއަތްތަކާ ގުޅިފައިވާ ދިވެހީންނާއި އެމީސް މީހުންގެ އާއިލާތައް އަނބުރާ މުޖްތަމަޢުތެރެއަށް ގެނައުމުގައި އެމީސްމީހުން ރީހެބިލިޓޭޓް ކުރުމަކީ ސަރުކާރުން ހިންގާންޖެހިފައިވާ މުހިއްމު މަސައްކަތެއް ކަމަށެވެ. އެެެހެން ނަމަވެސް ބަޔަކު ގަސްތުގައި ސަރުކާރުގެ މަސައްކަތްތަކަށް ހުރަސް އަޅަމުންދާ ކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ. އަދި ސަރުކާރުގެ މަސައްކަތްތައް ފެއިލްކުރުމަށް ކުރަމުންދަނީ އެއްވެސް އަސްލެއް ނެތް މަސައްކަތްތަކެއް ކަމަށް ވެސް ބުނެފައިވެއެވެ.
އަދި އެފަރާތްތަކުން އެކަންކަން ކުރަމުން އެގެންދަނީ ހީލަތްތެރި ވިސްނުމެއްގައި ރޭވުންތެރިކަމާއެކު ސަރުކާރުގެ އެ މަސައްކަތް ފެއިލްކޮށްލުމަށް ކަމަށް އެ ޕާޓީން ގަބޫލުކުރާ ކަމަށާއި ދީނީ ހަރުކަށި ވިސްނުމާއި ހަނގުރާމަވެރި ފަރާތްތަކާ ދެކޮޅަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތް ހުއްޓުވާލުމަށްވެސް ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށްވެސް ބަޔާނުގައި ބުނެފައިވެ އެވެ.
އެމްޑީޕީން ބުނިގޮތުގައި ރައްޔިތުންގެ މެދުގައި ރުޅި އާއި ނަފްރަތު އުފައްދައި މުޖުތަމައު ބައިބައިކޮށް ފިތުނަކުރަން ވާހަކަ ދެއްކުމަކީ ދުނިޔޭގެ އެއްވެސް ގައުމެއްގައި ހުއްދަކުރާ ކަމެއް ނޫނެވެ.

