ވެރިކަމުގައި ހުންނަވައިގެން މަނީ ލޯންޑާރ ކުރިކަމުގެ ދައުވާގެ ކުށް ސާބިތުވެފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިއަދު މެންދުރު ފަހު 1:00 އަށް ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް އަންގާފައިވާ ކަމަށް އެމަނިކުފާންގެ ގާނޫނީ ވަކީލް ޑރ މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
ޑރ ޖަމީލް މިއަދު ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ ރޭގައި ރާއްޖޭގައި ލިބިގެން ދިޔައީ ބޮޑު ސިހުމެއް ކަމަށާއި އެއީ ނުރައްކާތެރި ރޯނގާއެއް ރާއްޖެއިން ފެނުނު ހަބަރު ކަމަށެވެ. އަދި ވިދާޅުވީ މިއީ އެކަކު އަނެކަކަށް ހަމްދަރުދީ ވާންވީ ވަގުތު ކަމަށާއި، ނަމަވެސް ދިވެހި ފުލުހުން އަވަސް ވެގަތީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރު ކުރުމަށް ކަމަށާއި އެގޮތުން މިއަދުގެ 1:00 އަށް ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް އަންގާފައިވާ ކަމަށް ޑރ ޖަމީލް ވިދާޅުވިއެވެ.
”ސަންގު“ އަށް މައުލޫމާތު ދެއްވަމުން ޑރ ޖަމީލް ވިދާޅުވީ ރައީސް ޔާމީން މިއަދު ފުލުހުންގެ އިދާރާއަށް ހާޒިރު ކުރަނީ ކުރިން ވެސް ހާޒިރު ކުރި މައްސަލައިގެ ތަހުގީގަށް ކަމަށެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މީގެކުރިން ފުލުހަށް ހާޒިރުކޮށް ސުވާލުކޮށްފައިވަނީ ހުކުމް އިއްވާފައިވާ މައްސަލައާއި ގުޅޭގޮތުން ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުގައި އިސްކޮށް ހިމެނިވަޑައިގަންނަވާ ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވި ނަމަވެސް ފުލުހުން ވަނީ ޖަމީލްގެ ވާހަކަތައް ދޮގު ކުރައްވާފައެވެ.
މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންދާ ރައީސް ޔާމީންގެ މައްޗަށް މިހާރު ހިންގަމުންދަނީ ކޮން ތަހުގީގުތަކެއް ޖަމީލުވެސް ތަފްސީލުކޮށް ނުދެއްވައެވެ. އެހެން ނަމަވެސް ވިދާޅުވީ ސުވާލުކޮށްފައިވަނީ ”މިހާރުވެސް ހިނގަމުންދާ މައްސަލަ“ އާއި ގުޅޭގޮތުން ކަމަށެވެ. ޖަމީލް ވިދާޅުވީ، ސުވާލު ކުރިއިރު އިސްތިއުނާފު މަރުހަލާގެ ހަވާސާގައި ވާ ކަންތައް ވެސް ހިމެނޭ ކަމަށެވެ.
ރައީސް ޔާމީންގެ މައްޗަށް މިހާރު ތަހުގީގު ކުރަނީ އެމްއެމްޕީއާރްސީގެ ފައިސާއަށް ހިޔާނާތްތެރިވުމާއި ރިޝްވަތާއި، މަނީ ލޯންޑަރ ކުރި ކަމުގެ ތުހުމަތެވެ.
ޖަމީލާއި ހަވާލާ ދީ ނޫސްވެރިން ގެނެސްދީފައިވާ ހަބަރުތަކާއި ގުޅޭގޮތުން ފުލުހުން ބުނެފައިވަނީ ރައީސް ޔާމީން ފުލުސް އޮފީހަށް ހާޒިރުކޮށްފައިވަނީ މީގެ ކުރިން އެމަނިކުފާނުގެ މައްޗަށް ތަހުގީގު ކުރެވު ޝަރީއަތް ހިންގާފައިވާ މައްސަލައިގައި ނޫން ކަމަސެވެ. ރައީސް ޔާމީނާއި ދެ މައްސަލައަކާއި ގުޅޭގޮތުން ސުވާލު ކުރިއިރު އޭގެ ތެރެއިން އެއް މައްސަލައަކީ މީގެ ކުރިންވެސް ސުވާލުކޮށްފައިވާ މައްސަލައެއްގެ ގޮތުގައި ފުލުހުން ވަނީ ފާހަގަކޮށްފައެވެ.

