ކޮވިޑް-19 ނުވަތަ ކޮރޯނާވައިރަހުގެ ސަބަބުން ޓޫރިޒަމް ދާއިރާ އަށް އައިސްފައިވާ ދަތިކަމަކީ، ޓޫރިޒަމް ސިނާއަތުގެ ތާރީހުގައި ދެކޭނެ އެންމެ ބޮޑު ގެއްލުމަށް ވާނެކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) ގެ ސެކްޓެރީ ޖެނެރަލް އަހުމަދު ނަޒީރު (ކްރައުން ނަޒީރު) ވިދާޅުވެއްޖެ އެވެ.
ޓޫރިޒަމް ދާއިރާގައި ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިއެއް ކަމަށް ނަޒީރު ވިދާޅުވީ ޓޫރިޒަމް ސިނާއަތުގައި މަސައްކަތް ކުރައްވާތާ 35 އަށްވުރެ ގިނަ އަހަރު ވެފައިވާއިރު، މިވަރުގެ ގެއްލުމެއް ލިބެމުންދާ ދުވަސްވަރެއް ތަޖުރިބާ ކުރެއްވިފައި ނެތް ކަމަށެވެ.
ނަޒީރު ވިދާޅުވީ ފަތުރުވެރިކަމުގެ ސިނާއަތަށް ލިބެމުންދާ ގެއްލުން އަދި ސީދާ ބުނަން ވެސް ނޭނގެ ކަމަށެވެ. މީގެ ކުރިން އެންމެ ބޮޑު ގެއްލުމެއް ލިބުނީ ސުނާމީ އާއި ގަލްފް ހަނގުރާމާގައި ކަމަށާއި މިހާރު މި ބުކިންތައް ހުއްޓަސް ފަތުރުވެރިން ނާދެވިގެން އުޅޭ ކަމަށް ނަޒީރު ވިދާޅުވިއެވެ.
ފަތުރުވެރިން މަދުވެގެން ގޮސް 20 ޕަސެންޓަށް ނޫނީ 30 ޕަސެންޓަށް އޮކިއުޕެންސީ ދަށަށް ދިޔުމުން ރިސޯޓު އޮޕަރޭޓް ކުރުމުގެ ބޭނުމެއް ނޯންނާނެ ކަމަށާއި އެފަދަ ހާލަތްތަކުގައި ރިސޯޓުތަކާއި ގެސްޓްހައުސް އަދި ސަފާރީތައް ވެސް ހުއްޓިގެން ދާނެ ކަމަށް ނަޒީރު ވިދާޅުވިއެވެ.
ނަޒީރު ވިދާޅުވި ގޮތުގައި މިހާރު ޓޫރިޒަމަށް ލިބެމުންދާ ގެއްލުމުގެ ހަގީގީ މަންޒަރު އަދި ބުނެދޭކަށް ނޭނގޭނެއެވެ. ގެއްލުމުގެ ހަގީގީ މަންޒަރު ފެންނަން ފަށާނީ އަދިވެސް ދެ ހަފުތާއެއްހާ ދުވަސް ފަހުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
”އަޅުގަނޑު ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރަން ފެށީ 1984 ގައި. އެހާ ހިސާބުން ފެށިގެން ބަލާއިރު މިހާރު ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ އަށް އައިސްފައިވާ އިނދަޖެހުމަކީ މިހާތަނަށް މި ސިނާއަތަށް އައިސްފައިވާ އެންމެ ބޮޑު އިނދަޖެހުން،“ ނަޒީރު ވިދާޅުވި އެވެ.
ކޮރޯނާ ވައިރަސްއާ ގުޅިގެން އިގްތިސާދަށް އަންނަމުންދާ ހީނަރުކަމުގެ އެންމެ ބޮޑު އަސަރު ކުރަނީ ޓޫރިޒަމް ދާއިރާ އަށެވެ. މި މަހުގެ ފުރަތަމަ 10 ދުވަހުގެ ތެރޭގައި އެކަނިވެސް ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު، މިދިޔަ އަހަރާ އަޅައިބަލާއިރު، 22.8 ޕަސެންޓް ދަށަށް ގޮސްފައިވެ އެވެ.
މިދިޔަ މަހުގެ 26 ވަނަ ދުވަހުން ފެށިގެން މިމަހުގެ 12 ވަނަ ދުވަހާ ހަމަ އަށް ބަލާނަމަ 161،740 ބެޑްނައިޓް ވަނީ ކެންސަލް ވެފަ އެވެ. މިކަމުގެ ސަބަބުން މިދިޔަ އަހަރާ އަޅާބަލާއިރު 12 ޕަސެންޓާއި 35 ޕަސެންޓުގެ މިންވަރަކަށް ޓޫރިޒަމް ދަށްވާނެ ކަމަށް އަންދާޒާ ކުރެވެ އެވެ.
ކޮވިޑް-19 އަށް ރާއްޖެ އިން މިހާތަނަށް ޕޮޒިޓިވް ވެފައިވަނީ 11 މީހެކެވެ. މިހާތަނަށް މުޅިންވެސް ޕޮޒިޓިވް ވެފައި ވަނީ ރިސޯޓުތަކަށް އަންނަ ގެސްޓުންނެވެ.

