މި ފަދަ ދަނޑިވަޅެއްގައި މިނިމަމް ވޭޖް ނުވަތަ އެންމެ ކުޑަ އުޖޫރަ ކަނޑައުޅުމަކީ ބޭކާރު ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
މިނިމަމް ވޭޖް ބޯޑުގެ ރިޕޯޓް ދިރާސާކުރުމަށް ހޯމަ ދުވަހު ބޭއްވި އިގްތިސާދީ ކޮމިޓީގައި ވާހަކަ ދައްކަވަމުން، ޤާސިމް ވިދާޅުވީ ކޮރޯނާވައިރަސް އާ ގުޅިގެން އިގްތިސާދީ ގޮތުން ބޮޑު ވެއްޓުމަކާއި ކުރިމަތިވެފައިވަނިކޮށް އެންމެ ކުޑަ އުޖޫރަ މިވަގުތު ކަނޑައެޅިޔަސް އެވަރެއް ނުދެވޭނެ ކަމަށެވެ.
ގާސިމް ވިދާޅުވީ، މިވަގުތު ރާއްޖެއަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެފައިވާ އިރު މިނިމަމް ވޭޖް ތަންފީޒު ކުރުމަކީ ވަރަށް އުނދަގޫ ކަމަކަށް ވާނެ ކަމަށެވެ. އަދި މިވަގުތަކީ މިނިމަމް ވޭޖެއް ކަނޑައެޅުމަށް އެންމެ އެކަށީގެންވާ ވަގުތު ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ވިލާ ކުންފުނީގެ ޗެއާމަންކަންވެސް ކުރައްވާ ޤާސިމް ވިދާޅުވީ މިނިމަމް ވޭޖް ކަނޑައެޅުމަށްވުރެ، ކުރަންޖެހޭ މުހިތްމު ކަންކަން އެބަހުރި ކަމަށެވެ. އެގޮތުން ޤާސިމް ވަނީ ބައެއް ދާއިރާތައް ފާހަގަ ކުރައްވާފައެވެ. އަދި އޭގެ ފަހުން އޭނާ ވިދާޅުވީ ”ނުވާނެ ކަމެއް ކުރުމަށް އަޅުގަނޑުމެން ވަގުތު ނަގާލުމުގެ ބޭނުމެއް ނެތް“ ކަމަށެވެ.
”އެއަށްވުރެ މާ ބޮޑެތި މައްސަލަތައް އެބަހުރި އަޅުގަނޑުމެންގެ ކުރިމަތީގައި، ސިއްހީ ގޮތުން ބެލިޔަސް، އިގްތިސާދީ ގޮތުން ބެލިޔަސް، އަދި މިއަދު އަޅުގަނޑުމެން ވަކި އެއްޗެއް ކަނޑައެޅިކަމުގައިވިޔަސް، އެއް ނުދެވޭނެ މިހާލަތުގައި، އެހެންވީމަ ނުވާނެ ކަމެއް ކުރުމަށް އަޅުގަނޑުމެން ވަގުތު ނަގާލުމުގެ ބޭނުމެއް ނެތް“ ގާސިމް ވިދާޅުވި އެވެ.
މީގެ އިތުރުން ގާސިމް ވިދާޅުވީ، ދުނިޔޭގެ ބައެއް ގައުމުތަކުގައި މިނިމަމް ވޭޖްގެ ހަމަޖެހިގެން ދަނީ، އޭގެ ޒާތުގައި އަމިއްލައަށް ކަމަށެވެ. އެތަނެއްގެ އިގްތިސާދާއި ކުންފުނިތައް ކުރިއަރަމުން އަންނަ ގޮތެއްގެ މައްޗަށް މިނިމަމް ވޭޖެއް އޭގެ ޒާތުގައި ހަމަޖެހިގެންދާނެ ކަމަށް ޤާސިމް ވިދާޅުވިއެވެ.
ޤާސިމް ވަނީ ކުރިން ސަރުކާރާއި އަމިއްލަ ފަރާތްތަކުން ދެމުން ގެންދިޔަ މުސާރައާ މިހާރު ދެމުން އަންނަ މުސާރައަށް އައި ތަފާތުތައް ފާހަގަކުރައްވާފައެވެ. އެގޮތުން ގާސިމް ވިދާޅުވީ، އޭނާ އެންމެ ފުރަތަމަ ސަރުކާރަށް ވަތް އިރު، ކާތިބެއްގެ މުސާރައަކީ، 140 ރުފިޔާ ކަމަށެވެ. އަދި އަމިއްލަ ތަންތަނުގައި 100 ރުފިޔާވެސް ނުލިބޭ ކަމަށެވެ. ނަމަވެސް މިހާރު މުސާރަތައް ބޮޑު ކަމަށް އޭނާ ވިދާޅުވި އެވެ.
”ކުރިން ރޫމް ބޯއި އަކަށްވެސް 200 ރުފިޔާ ނުލިބޭ. 150 ރުފިޔާ ލިބެނީ. އެކަމަކު މިއަދު އެހެންތޯ؟ ބާޒާރު ފިހާރަތަކުގެ ކަންތައްތައް ހުރީ އެހެން. މަޖިލިސް މެމްބަރުންނަށް ބެލިޔަސް، ސަރުކާރު މަގާމުތަކަށް ބެލިޔަސް، ގެންގުޅޭ މީހަކަށް ބެލިޔަސް، މިދެންނެވި ގޮތަށް ވަރަށް ބޮޑު ތަފާތުތަކެއް މުސާރައަށް އައިސްފައިވޭ، އެއީ މިނިމިމް ވޭޖެއް އޮވެގެންނެއް ނޫން، އެތަނެއްގެ އިގްތިސޯދީ ކުރިއެރުމާއި ހަމަޖެހުން އޮތް މިންވަރަށް، އެ ކުންފުނިތައް އަމިއްލަ ޑިޓާމިން ކުރާނެ މިނިމަމް ވޭޖެއް“ ޤާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ، ކޮރޯނާގެ ނުރައްކަލާއެކު މުޅި ދުނިޔޭގެ އިގްތިސާދަށް އަސަރުކޮށްފައިވާއިރު ރާއްޖެވެސް މިއޮތީ އޮޅުން ބޮޅުން ގަނޑެއްގެ ތެރޭގައި ކަމަށާއި ރާއްޖޭގެ އިގްތިސާދަށްވެސް ގޮންޖެހުންތައްކެއް ކުރިމަތިވެފައިވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީގައި، މި ދަނޑިވަޅުގައި މިނިމަމްވޭޖް ކަނޑައަޅިޔަސް ނުދެވޭނެ ކަމަށް ޤާސިމް ވިދާޅުވި އިރު، މިނިމަމް ވޭޖް ބޯޑުގެ ރިޕޯޓަކީ ކޮރޯނާ ވައިރަސްގެ ނުރައްކާ އައުމުގެ ކުރިން އެކުލަވާލައިވާ ރިޕޯޓެއް ކަމަށާއި ވައިރަހުގެ ސަބަބުން ރާއްޖޭގެ އިގްތިސާދު ދަށަށް ދާނެތީ، މިވަގުތަކީ މިނިމަމް ވޭޖެއް ތަންފީޒު ކުރުމަށް އެންމެ ރަނގަޅު ވަގުތު ނޫން ކަމަށް އެ ބޯޑުގެ ޗެއާ، މަރިޔަމް ޚާލިދާ އޮތީ ވިދާޅުވެފައެވެ.

