އިންތިހާބު ފަސް ކުރުމަކީ ނުވަތަ އިންތިހާބުގެ ތާރީހު ކަނޑައެޅުމަކީ ސުޕްރީމް ކޯޓަށް ނުވަތަ އެހެން ކޯޓަކަށް ވެސް ލިބިފައިވާ ބާރެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ލޯކަލް ކައުންސިލްތަކުގެ އިދާރީ ހިންގުމަށް ބައެއް ބަދަލުތައް ގެންނަ ގޮތަށް ލާމަރުކަޒީ ގާނޫނަށް ހުށަހެޅި ބިލުގެ ބަހުސްގެ ފުރުސަތު ހުޅުވާލުމުގެ ކުރިން ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު އިންތިހާބު ފަސް ކުރުމާ ގުޅޭ ގޮތުން ގާނޫނީ ފަރުވާއެއް ހޯދުމަށް މެންބަރުން އެކަމާ މެދު ވިސްނުމަކީ މިފަދަ ހާލަތެއްގައި ވަރަށް ބޭނުންތެރި ކަމެއް ކަމަށެވެ.
ނަޝީދު ވިދާޅުވީ އިންތިޚާބު ފަސްކުރުމާއި ބެހޭ ގާނޫނީ ފަރުވާއެއް ހޯދުމަކީ މެންބަރުންގެ މަސްއޫލިއްޔަތެއް ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.
އިންތިހާބު ލަސްކުރާ ހާލަތްތަކުގައި ލަސް ކުރެވޭނެ މުއްދަތާއި އޭގެއިން ނުކުމެދާނެ ނަތީޖާއަކާއި، ބަލިމަޑުކަމުން އަރައިގަނެވިގެން އިންތިހާބު ބާއްވާނަމަ އަރައިގަނަވޭނެ މުއްދަތެއްވެސް ސާފު ވާންޖެހޭ ކަމަށް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ އިންތިޚާބު ފަސްކުރުން އެއީ ކޯޓަށް ކުރެވޭނެ ކަމެއް ނޫން ކަން ޖޭއެސްސީ ރިޕޯޓުގައި ވެސް ސާފުކޮށް ފާހަގަ ކޮށްފައިވާނެ ކަމަށެވެ.
”ސުޕްރީމް ކޯޓަށް ހަގީގަތުގައި ލިބިގެންވާ ބާރެއް ނޫން އެއީ އިންތިހާބު ފަސް ކުރުމުގެ ބާރު، ނުވަތަ އިންތިހާބުގެ ތާރީހު ކަނޑައެޅުމުގެ ބާރު. އިންތިހާބު ފަސް ކުރަން ޖެހޭނަމަ ދެން ފަރުވާއެއް ހޯދައިދެވެން އޮތް ތަނަކަށް މި އޮތީ މި އިއްޒަތްތެރި މަޖިލީސް.“ ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު އިޝާރާތް ކުރެއްވި ރިޕޯޓަކީ ރާއްޖޭގެ އެންމެ މަތީ ކޯޓު، ސުޕްރީމް ކޯޓުން ގާނޫނު އަސާސީ އާއި ގާނޫނުތަކުން ލިބިދީފައިވާ އިހްތިސާސްގެ ބޭރުން ކޮށްފައިވާ ކަންކަމުގެ މައްޗަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އެކުލަވާލި ރިޕޯޓަށެވެ.

ލޯކަލް ކައުންސިލްތަކުގެ އިދާރީ ހިންގުމަށް ބައެއް ބަދަލުތައް ގެންނަ ގޮތަށް ލާމަރުކަޒީ ގާނޫނަށް ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒު ހުށަހެޅުއްވި ބިލު މަޖިލީހުގެ ތަޅުމަށް ތައަރާފު ކުރައްވަމުން އޭނާ ވިދާޅުވީ، ބަލިމަޑުކަމެއްގެ ހާލަތެއްގައި އިންތިހާބު ފަސް ކުރަން ގާނޫނު އަސާސީން ޖާގަ ދޭ ކަމަށެވެ.
ނިޔާޒް ވިދާޅުވީ މިފަދަ ހާލަތެއްގައި އިންތިހާބެއް ނުބޭއްވޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށާއި ކައުންސިލްތަކުގެ ދައުރަށް ވަކި މުއްދަތެއް ގާނޫނުގައި ކަނޑައެޅިފައި އޮތްއިރު، ކައުންސިލްތަކުގެ މުއްދަތު ކޯޓަކަށް ނުވަތަ ވަކި އެހެން މުއައްސަސާއަކަށް ވެސް އިތުރު ކުރެވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
ރާއްޖޭގައި މީގެ ކުރިން އިންތިޚާބުތައް ފަސްކޮށްފައިވާކަން ފާހަގަކުރައްވާ ނިޔާޒް ވިދާޅުވީ އޭގެ ސަބަބުން ގާނޫނީ އެތައް ހުރަސްތަކެއް ދިމާވެފައިވާ ކަމަށެވެ. އަދި އެފަދަކަމެއް ކުރަންޖެހޭ ހާލަތެއްގައި އެކަން ކުރަންވާނެ ގޮތް ގާނޫނެއްގައި ކަނޑައެޅެން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ކޮރޯނާ ވައިރަސް ރާއްޖޭން ފެނުމާ ގުޅިގެން އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބާއްވަން ތާވަލު ކުރި ކައުންސިލް އިންތިހާބު ވަނީ އެ މަހުގެ 18 ވަނަ ދުވަހަށް ފަސްކޮށްފަ އެވެ. އަދި ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބު ފަސް ކުރުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ން ހައި ކޯޓަށް ހުށަހެޅި މައްސަލަ ނެގުމަށް ފަހު، އެ މައްސަލަ ސުޕްރީމް ކޯޓަށް ވަނީ ހުށަހަޅައިފައެވެ.
ގާނޫނު ބުނާގޮތުން، ހިނގާ ކައުންސިލްގެ ދައުރު ހަމަވުމުގެ މަސް ދުވަސް ކުރިން އާ ކައުންސިލަރުން އިންތިޚާބު ކުރަންޖެހެ އެވެ. އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުވެސް ކޯޓުގެ އަމުރަކުން ފަސް ކުރި އެވެ. އެފަހަރު ކޯޓުން އަމުރު ކުރީ އާ ކައުންސިލަރުން އިންތިޚާބު ވަންދެން އޭރު ހިނގަމުން ދިޔަ ކައުންސިލްތައް ދެމިއޮންނާނެ ކަމަށެވެ.

